ޝަހީދު ކޯޕްރަލް ޢަބްދުﷲ ޒުހައިރު
ޝަހީދު ކޯޕްރަލް ޢަބްދުﷲ ޒުހައިރު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ، 13 މާރިޗު 1983 ގައެވެ. ޝަހީދު ކޯޕްރަލް ޢަބްދުﷲ ޒުހައިރަކީ، އުޅުމާއި އަޚްލާޤާއި ސުލޫކު ވަރަށް ރަނގަޅު، ވަރަށް ހިތްވަރުގަދަ ބޭފުޅެކެވެ.
ޝަހީދު ކޯޕްރަލް ޢަބްދުﷲ ޒުހައިރު ސިފައިންގޭގައި ފުރަތަމަ މަސައްކަތް ކުރެއްވީ، ޑިއުޓީ ސެކްޝަންގައެވެ. އެއަށްފަހު، ޝަހީދުވުމާ ހަމަޔަށް މަސައްކަތް ކުރެއްވީ، ޓާސްކްފޯސް ޑިއުޓީގައެވެ. މުގުރުފޯރިއާއި ބަޑިފޯރި މެރުމުގެ ބުރަ ޑިއުޓީގެ އިތުރުން، އެވަގުތަކު ސިފައިންގެ ވެރިން އެންގެވި ކޮންމެ މަސައްކަތެއް، އިޚްލާޞްތެރިކަމާއެކުގައި ކުރެއްވި ޝަހީދު ކޯޕްރަލް ޢަބްދުﷲ ޒުހައިރު ފުރިހަމަކުރެއްވި ޢަސްކަރީ ތަމްރީނުތަކުގެ ތެރޭގައި، ގިރިފުށީ ޓްރޭނިންގ ކޭމްޕްގައި ފުރިހަމަކުރެއްވި ޓާސްކްފޯސް ޓްރޭނިންގ ކޯސް ހިމެނެއެވެ. ޝަހީދު ކޯޕްރަލް ޢަބްދުﷲ ޒުހައިރު ފާހަގަކުރެވިފައިވަނީ، ޤައުމީ ޚިދުމަތަށް ވަރަށް ބޮޑަށް އިސްކަންދެއްވި ސިފަވަންތަ ނަމޫނާ ބޭފުޅެއްގެ ގޮތުގައެވެ.
1988 ނޮވެންބަރު 3 ވަނަ ދުވަހު، ދިވެހީންގެ ބަޔަކާއި ބޭރުގެ ހަތިޔާރުއެޅި ނިރުބަވެރި ޖަމާޢަތަކާ ގުޅިގެން ދިވެހިރާއްޖޭގައި އޮތް ޤާނޫނީ ސަރުކާރު ވައްޓާލައި، ދިވެހީންގެ މިނިވަންކަމާއި ސިޔާދަތު ނަގައިލުމަށް ދިން ނުރައްކާތެރި ނިރުބަވެރި ޢުދުވާނީ ޙަމަލާ ދިނުމަށް ދުޝްމަނުން މާލެއަށް އެރިއިރު، ކޯޕްރަލް ޢަބްދުﷲ ޒުހައިރު ހުންނެވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑިއުޓީގައެވެ. ކޯޕްރަލް ޢަބްދުﷲ ޒުހައިރު ޝަހީދުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އުތުރުފަރާތުގެ ހުޅަނގު ގޭޓުގެ ކުރިމަތީގައި މެރިން ޑްރައިވްގައި ހުންނަވަނިކޮށް، ދުޝްމަނުން ދިން ބަޑީގެ ޙަމަލާއެއްގައި ވަޒަން އަރައިގެންނެވެ. ޝަހީދުވީ، ވަޒަން އަރާފައި ވަނިކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ގޯތިތެރޭގައި ހުންނަ، ވޮޗަރުން ތިބޭ ބަޔަށް ވެއްދިފަހުން، ނޮވެންބަރު 3 ވަނަ ދުވަހުގެ ފަތިހު ގާތްގަނޑަކަށް 4:20 ހާއިރުއެވެ. އޭރު ހުންނެވީ، ޕްރައިވެޓް ރޭންކުގައެވެ. ޝަހީދުވިއިރު ކޯޕްރަލް ޢަބްދުﷲ ޒުހައިރުގެ އުމުރުފުޅުން 33 އަހަރެވެ. ކޯޕްރަލް ޢަބްދުﷲ ޒުހައިރު ޝަހީދުވިއިރު ސިފައިންގެ ޚިދުމަތުގައިވީ 5 އަހަރާއި 7 މަހާއި 22 ދުވަހެވެ.
ދިވެހި ދައުލަތުން، ޝަހީދު ކޯޕްރަލް ޢަބްދުﷲ ޒުހައިރުގެ ޤައުމީ ޚިދުމަތުގެ އަގުވަޒަންކުރައްވައި، 1988 ނޮވެންބަރު 4 ވަނަ ދުވަހު ވަނީ، ޕްރައިވެޓް ރޭންކުން ކޯޕްރަލް ރޭންކަށް މަގާމުގެ ކުރިއެރުން ދެއްވައިފައެވެ. އަދި ޢަސްކަރީ ޝަރަފުގެ ނިޝާންތަކުގެ ތެރެއިން، ހުރަވީ ރިހި މެޑެއްޔާއި، ޖިހާދުގެ ރަތް މެޑެއްޔާއި އަދި 3 ނޮވެންބަރުގެ މެޑެލް ވަނީ ދެއްވައިފައެވެ.
ޝަހީދު ކޯޕްރަލް ޢަބްދުﷲ ޒުހައިރު ފަސްދާނުލެވިފައިވަނީ، ހެންވޭރު ސަހަރާގައި ހުންނަ ނޮވެންބަރު 3ގެ ޝަހީދުންގެ ދަނާވަތީގައެވެ.