ޝަހީދު ސާރޖަންޓް އާދަމް ނަޞީރު
ޝަހީދު ސާރޖަންޓް އާދަމް ނަޞީރު، ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ، 30 އޮކްޓޫބަރު 1980 ގައެވެ. އިންގްލިޝް ޕްރިޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލުން ތަޢުލީމު ހާސިލުކުރެއްވި ޝަހީދު ސާރޖަންޓް އާދަމް ނަޞީރު ސިފައިންގޭގައި މަޝްހޫރުވެފައިވަނީ "ޝޭޑީ"ގެ ނަމުންނެވެ. ޝަހީދު ސާރޖަންޓް އާދަމް ނަޞީރަކީ، އުޅުމާއި އަޚްލާޤާއި ސުލޫކު ވަރަށް ރަނގަޅު، ޖެހިލުންކުޑަ އަދި ވަރަށް ހިތްވަރުގަދަ ބޭފުޅެކެވެ.
ޝަހީދު ސާރޖަންޓް އާދަމް ނަޞީރު ސިފައިންގޭގައި އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ، ރަށުތެރެ ބަލަހައްޓާ 1 ނަންބަރުގައެވެ. އޭގެފަހުން، ޑިއުޓީ ސެކްޝަންގައެވެ. އެއަށްފަހު، ޝަހީދުވެވަޑައިގަތުމާ ހަމަޔަށް މަސައްކަތް ކުރެއްވީ، ޓާސްކްފޯސް ޑިއުޓީގައެވެ. މުގުރުފޯރިއާއި، ބަޑިފޯރި މެރުމުގެ ބުރަ ޑިއުޓީގެ އިތުރުން، އެ ވަގުތަކު ސިފައިންގެ ވެރިން އެންގެވި ކޮންމެ މަސައްކަތެއް އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކުގައި ކުރެއްވި ބޭފުޅެކެވެ. ޝަހީދު ސާރޖަންޓް އާދަމް ނަޞީރު ފާހަގަކުރެވިފައި ވަނީ، ޤައުމީ ޚިދުމަތަށް ވަރަށް ބޮޑަށް އިސްކަންދެއްވި، ސިފަވަންތަ ނަމޫނާ ބޭފުޅެއްގެ ގޮތުގައެވެ.
ސިފައިންގެ ޚިދުމަތުގައި ޝަހީދު ސާރޖަންޓް އާދަމް ނަޞީރު ފުރިހަމަކުރައްވައިފައިވާ ޢަސްކަރީ ތަމްރީނުތަކުގެ ތެރޭގައި، ގިރިފުށީ ޓްރޭނިންގ ކޭމްޕްގައި ފުރިހަމަކުރެއްވި ޓާސްކްފޯސް ޓްރޭނިންގ ކޯސް ހިމެނެއެވެ. ސިފައިންގެ ޚިދުމަތުގައި ހާސިލުކުރެއްވި ޝަރަފުވެރި އިނާމުތަކުގެ ތެރޭގައި، 13 މާރިޗު 1985ން 13 މާރިޗު 1986 އަށް، ޕެރޭޑް ހާޒިރީން ރަނގަޅު މީހުންގެ ތެރޭގައި ހިމެނި އަދި ގަޑިނުޖެހި، ސަލާން ބުނުމެއްނެތި އަދި އެއްވެސް މައްސަލައެއް ދިމާނުވެ ޑިއުޓީ އަދާކޮށްފައިވާ ސިފައިންނަށް ދެއްވި އިނާމާއި، 1987 ވަނަ އަހަރު ޕީޓީ ޕެރޭޑް ހާޒިރީން ރަނގަޅު މީހުންގެ ތެރޭގައި ހިމެނި އަދި ގަޑިނުޖެހި، ސަލާން ބުނުމެއްނެތި އަދި އެއްވެސް މައްސަލައެއް ދިމާނުވެ ޑިއުޓީ އަދާކޮށްފައިވާ ސިފައިންނަށް ދެއްވި އިނާމު ހާސިލުކުރެއްވުން ފާހަގަކުރެވެއެވެ.
ޝަހީދު ސާރޖަންޓް އާދަމް ނަޞީރު، ސިފައިންގެ ޚިދުމަތުގައި ހުންނެވިއިރު، މަގާމުގެ ކުރިއެރުން އެއްފަހަރު ލިބިވަޑައިގެންފައި ވެއެވެ. އެއީ، 1 ޖަނަވަރީ 1988 ގައި، ޕްރައިވެޓްގެ ރޭންކުން ލާންސް ކޯޕްރަލްގެ ރޭންކަށް މަގާމުގެ ކުރިއެރުން ލިބިވަޑައިގެންނެވުމެވެ. ސާރޖަންޓް އާދަމް ނަޞީރު ޝަހީދުވީިއިރު ހުންނެވީ، ލާންސް ކޯޕްރަލްގެ ރޭންކުގައެވެ.
1988 ނޮވެންބަރު 3 ވަނަ ދުވަހު، ދިވެހީންގެ ބަޔަކާއި ބޭރުގެ ހަތިޔާރުއެޅި ނިރުބަވެރި ޖަމާޢަތަކާ ގުޅިގެން ދިވެހިރާއްޖޭގައި އޮތް ޤާނޫނީ ސަރުކާރު ވައްޓާލައި، ދިވެހީންގެ މިނިވަންކަމާއި ސިޔާދަތު ނަގައިލުމަށް ދިން ނުރައްކާތެރި ނިރުބަވެރި ޢުދުވާނީ ޙަމަލާ ދިން ވަގުތު ޝަހީދު ސާރޖަންޓް އާދަމް ނަޞީރު ހުންނެވީ، ސިފައިންގެ މައި މަރުކަޒުގެ އެތެރޭގައެވެ. ދުޝްމަނުން، ސިފައިންގެއަށް ޙަމަލާދޭން ފެށުމާއެކު، ރައްދުގައި ޙަމަލާ ދިނުމަށް މަސައްކަތް ކުރެއްވި ހިތްވަރުގަދަ ސިފައިންގެ ތެރޭގައި ޝަހީދު ސާރޖަންޓް އާދަމް ނަޞީރު ހިމެނިވަޑައިގަންނަވައެވެ.
ސާރޖަންޓް އާދަމް ނަޞީރު ޝަހީދުވީ، ސިފައިންގެއިން ރެކީ ޕެޓްރޯލަށް ބޭރަށް ނުކުމެވަޑައިގެންނެވި ޓީމުގައި ފުލުސް އޮފީހުގެ ގޭޓުން ބޭރަށް ނުކުމެވަޑައިގެންނެވި ވަގުތު ދުޝްމަނުން ދިން ބަޑީގެ ޙަމަލާގައި ވަޒަންއަރައިގެން، އެ ދުވަހު ގާތްގަނޑަކަށް 11:30 ހާއިރުއެވެ. ސާރޖަންޓް އާދަމް ނަޞީރު ޝަހީދުވެގެން ވެއްޓިވަޑައިގެންފައި އޮންނެވީ، ސިފައިންގެ މައިމަރުކަޒުގެ އިރުއުތުރުކަނާ ދިމާއިން ބަނޑޭރިގޭ ހިނގުމުގައި، ފުލުސް އޮފީހުގެ ފާރުކައިރީގައެވެ. ޝަހީދުވިއިރު އުމުރުފުޅަކީ 28 އަހަރެވެ.
3 ނޮވެންބަރުގެ ޢުދުވާނީ ޙަމަލައިގައި ޝަހީދުވި ސިފައިންގެ ތެރެއިން ޝަހީދު ސާރޖަންޓް އާދަމް ނަޞީރު ފާހަގަކުރެވިފައި ވަނީ، އަމިއްލަ ނަފްސަށްވުރެ ދިވެހި ޤައުމު އިސްކުރައްވައި، އަމިއްލަ ފުރާނައަށް ބެއްލެވުމެއްނެތި، ދީނާއި ޤައުމުގެ ދިފާޢުގައި ދުޝްމަނުންނާ ކުރިމަތިލުމުގެ ހިތްވަރާއި ވަރުގަދަ ޢަޒުމުގައި އިސްނަންގަވައި، ޝަހީދުވި ހިތްވަރުގަދަ ފަހުލަވާނެއްގެ ގޮތުގައެވެ. ސާރޖަންޓް އާދަމް ނަޞީރު ޝަހީދުވިއިރު ސިފައިންގެ ޚިދުމަތުގައިވީ 8 އަހަރާއި 5 ދުވަހެވެ.
ދިވެހި ދައުލަތުން، ޝަހީދު ސާރޖަންޓް އާދަމް ނަޞީރުގެ ހިތްވަރުގަދަ ޤައުމީ ޖިހާދުގެ އަގުވަޒަންކުރައްވައި، 1988 ނޮވެންބަރު 4 ވަނަ ދުވަހު، ލާންސް ކޯޕްރަލް ރޭންކުން ސާރޖަންޓް ރޭންކަށް މަގާމުގެ ކުރިއެރުން ވަނީ ދެއްވައިފައެވެ. އަދި ޢަސްކަރީ ޝަރަފުގެ ނިޝާންތަކުގެ ތެރެއިން، ހުރަވީ ރިހި މެޑެއްޔާއި، ޖިހާދުގެ ރަތް މެޑެއްޔާއި، އަދި 3 ނޮވެންބަރުގެ މެޑެލް ވަނީ ދެއްވައިފައެވެ.
ޝަހީދު ސާރޖަންޓް އާދަމް ނަޞީރު ފަސްދާނުލެވިފައިވަނީ، ހެންވޭރު ސަހަރާގައި ހުންނަ ނޮވެންބަރު 3ގެ ޝަހީދުންގެ ދަނާވަތީގައެވެ.