ޝަހީދު ކޯޕްރަލް މުޙައްމަދު އިބްރާހީމް
ޝަހީދު ކޯޕްރަލް މުޙައްމަދު އިބްރާހީމް، ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ، 3 ޖޫން 1980 ގައެވެ. ޝަހީދު ކޯޕްރަލް މުޙައްމަދު އިބްރާހީމް ސިފައިންގޭގައި މަޝްހޫރުވެފައިވަނީ "މެކާނޯ"ގެ ނަމުންނެވެ. ޝަހީދު ކޯޕްރަލް މުޙައްމަދު އިބްރާހީމަކީ، އުޅުމާއި އަޚްލާޤާއި ސުލޫކު ވަރަށް ރަނގަޅު، ޖެހިލުންކުޑަ އަދި ވަރަށް ހިތްވަރުގަދަ ބޭފުޅެކެވެ.
ޝަހީދު ކޯޕްރަލް މުޙައްމަދު އިބްރާހީމް ސިފައިންގޭގައި އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ، ރަށުތެރެ ބަލަހައްޓާ 1 ނަންބަރުގައެވެ. އޭގަފަހުން، ޑިއުޓީ ސެކްޝަންގައި މަސައްކަތް ކުރެއްވިއެވެ. އެއަށްފަހު، ޝަހީދުވެވަޑައިގަތުމާ ހަމަޔަށް މަސައްކަތް ކުރެއްވީ، ޓާސްކްފޯސް ޑިއުޓީގައެވެ. މުގުރުފޯރިއާއި، ބަޑިފޯރި މެރުމުގެ ބުރަ ޑިއުޓީގެ އިތުރުން، އެވަގުތަކު ސިފައިންގެ ވެރިން އެންގެވި ކޮންމެ މަސައްކަތެއް އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކުގައި ކުރެއްވި ޝަހީދު ކޯޕްރަލް މުޙައްމަދު އިބްރާހީމް ފުރިހަމަކުރެއްވި ޢަސްކަރީ ތަމްރީނުތަކުގެ ތެރޭގައި، ގިރިފުށީ ޓްރޭނިންގ ކޭމްޕްގައި ފުރިހަމަކުރެއްވި ޓާސްކްފޯސް ޓްރޭނިންގ ކޯސް ހިމެނެއެވެ. ޝަހީދު ކޯޕްރަލް މުޙައްމަދު އިބްރާހީމް ފާހަގަކުރެވިފައިވަނީ، ޤައުމީ ޚިދުމަތަށް ވަރަށް ބޮޑަށް އިސްކަންދެއްވި، ސިފަވަންތަ ނަމޫނާ ބޭފުޅެއްގެ ގޮތުގައެވެ.
1988 ނޮވެންބަރު 3 ވަނަ ދުވަހު، ދިވެހީންގެ ބަޔަކާއި ބޭރުގެ ހަތިޔާރުއެޅި ނިރުބަވެރި ޖަމާޢަތަކާ ގުޅިގެން، ދިވެހިރާއްޖޭގައި އޮތް ޤާނޫނީ ސަރުކާރު ވައްޓާލައި، ދިވެހީންގެ މިނިވަންކަމާއި ސިޔާދަތު ނަގައިލުމަށް ދިން ނުރައްކާތެރި ނިރުބަވެރި ޢުދުވާނީ ޙަމަލާ ދިން ވަގުތު ޝަހީދު ކޯޕްރަލް މުޙައްމަދު އިބްރާހީމް ހުންނެވީ، ސިފައިންގެ މައިމަރުކަޒުގެ އެތެރޭގައެވެ. ދުޝްމަނުން ސިފައިންގެޔަށް ޙަމަލާދޭން ފެށުމާއެކު، ރައްދުގައި ޙަމަލާ ދިނުމަށް މަސައްކަތް ކުރެއްވި ހިތްވަރުގަދަ ސިފައިންގެ ތެރޭގައި، ޝަހީދު ކޯޕްރަލް މުޙައްމަދު އިބްރާހީމް ހިމެނިވަޑައިގަންނަވައެވެ.
ކޯޕްރަލް މުޙައްމަދު އިބްރާހީމް ޝަހީދުވީ، ސިފައިންގެއިން ރެކީ ޕެޓްރޯލަށް ބޭރަށް ނުކުމެވަޑައިގެންނެވި ޓީމުގައި ފުލުސްއޮފީހުގެ ގޭޓުން ބޭރަށް ނުކުމެވަޑައިގެންނެވިތަނުން، ދުޝްމަނުން ދިން ބަޑީގެ ޙަމަލައިގައި ވަޒަން އަރައިގެން، އެދުވަހުގެ ގާތްގަނޑަކަށް 11:30 ހާއިރުއެވެ. އޭރު ހުންނެވީ، ޕްރައިވެޓްގެ ރޭންކްގައެވެ. ކޯޕްރަލް މުޙައްމަދު އިބްރާހީމް ޝަހީދުވެގެން ވެއްޓިވަޑައިގެންފައި އޮންނެވީ، ހުރަވީ ބިލްޑިންގގެ ހުޅަނގު އުތުރުކަނާ ދިމާއިން އަމީރު އަޙްމަދު މަގުގައެވެ. ޝަހީދުވިއިރު އުމުރުފުޅުން 31 އަހަރެވެ.
3 ނޮވެންބަރުގެ ޢުދުވާނީ ޙަމަލައިގައި ޝަހީދުވި ސިފައިންގެ ތެރެއިން، ޝަހީދު ކޯޕްރަލް މުޙައްމަދު އިބްރާހީމަކީ، އަމިއްލަ ނަފްސަށްވުރެ ދިވެހި ޤައުމު އިސްކުރައްވައި، އަމިއްލަ ފުރާނައަށް ބެއްލެވުމެއްނެތި، ދީނާއި ޤައުމުގެ ދިފާޢުގައި ދުޝްމަނުންނާ ކުރިމަތިލެއްވުމުގެ ހިތްވަރާއި ވަރުގަދަ ޢަޒުމުގައި އިސްނަންގަވައި، ޝަހީދުވި ހިތްވަރުގަދަ ފަހުލަވާނެކެވެ. ކޯޕްރަލް މުޙައްމަދު އިބްރާހީމް ޝަހީދުވިއިރު ސިފައިންގެ ޚިދުމަތުގައިވީ 8 އަހަރާއި 5 މަހާއި 1 ދުވަހެވެ.
ދިވެހި ދައުލަތުން، ޝަހީދު ކޯޕްރަލް މުޙައްމަދު އިބްރާހީމްގެ ހިތްވަރުގަދަ ޤައުމީ ޖިހާދުގެ އަގުވަޒަންކުރައްވައި، 1988 ނޮވެންބަރު 4 ވަނަ ދުވަހު ޕްރައިވެޓް ރޭންކުން ކޯޕްރަލްގެ ރޭންކަށް މަގާމުގެ ކުރިއެރުން ވަނީ ދެއްވައިފައެވެ. އަދި ޢަސްކަރީ ޝަރަފުގެ ނިޝާންތަކުގެ ތެރެއިން ހުރަވީ ރިހި މެޑެއްޔާއި، ޖިހާދުގެ ރަތް މެޑެއްޔާއި އަދި 3 ނޮވެންބަރުގެ މެޑެލް ވަނީ ދެއްވައިފައެވެ.
ޝަހީދު ކޯޕްރަލް މުޙައްމަދު އިބްރާހީމް ފަސްދާނުލެވިފައި ވަނީ، ހެންވޭރު ސަހަރާގައި ހުންނަ ނޮވެންބަރު 3ގެ ޝަހީދުންގެ ދަނާވަތީގައެވެ.