ޝަހީދު ކޯޕްރަލް ޙުސައިން މުޙައްމަދު
ޝަހީދު ކޯޕްރަލް ޙުސައިން މުޙައްމަދު، ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ، 15 ޖުލައި 1971 ގައެވެ. ޝަހީދު ކޯޕްރަލް ޙުސައިން މުޙައްމަދު ސިފައިންގޭގައި މަޝްހޫރުވެފައިވަނީ "މަސްތަކާ"ގެ ނަމުންނެވެ. ޝަހީދު ކޯޕްރަލް ޙުސައިން މުޙައްމަދަކީ، އުޅުމާއި އަޚްލާޤާއި ސުލޫކު ވަރަށް ރަނގަޅު އަދި ވަރަށް ހިތްވަރުގަދަ ބޭފުޅެކެވެ.
ޝަހީދު ކޯޕްރަލް ޙުސައިން މުޙައްމަދު ސިފައިންގޭގައި އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ، ޑިއުޓީ ސެކްޝަންގައެވެ. އެއަށްފަހު، މަސައްކަތް ކުރެއްވީ، ޓާސްކްފޯސް ޑިއުޓީގައެވެ. ޝަހީދު ކޯޕްރަލް ޙުސައިން މުޙައްމަދަކީ، މުގުރުފޯރިއާއި، ބަޑިފޯރިއާއި، ޒޯން ޑިއުޓީގެ އިތުރުން، އެވަގުތަކު ސިފައިންގެ ވެރިން އެންގެވި ކޮންމެ މަސައްކަތެއް އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކުގައި ކުރެއްވި ބޭފުޅެކެވެ. ޝަހީދު ކޯޕްރަލް ޙުސައިން މުޙައްމަދު ފާހަގަކުރެވިފައި ވަނީ، ޤައުމީ ޚިދުމަތަށް ވަރަށް ބޮޑަށް އިސްކަންދެއްވި ސިފަވަންތަ ނަމޫނާ ބޭފުޅެއްގެ ގޮތުގައެވެ.
1988 ނޮވެންބަރު 3 ވަނަ ދުވަހު، ދިވެހީންގެ ބަޔަކާއި ބޭރުގެ ހަތިޔާރުއެޅި ނިރުބަވެރި ޖަމާޢަތަކާ ގުޅިގެން، ދިވެހިރާއްޖޭގައި އޮތް ޤާނޫނީ ސަރުކާރު ވައްޓާލައި، ދިވެހީންގެ މިނިވަންކަމާއި ސިޔާދަތު ނަގައިލުމަށް ދިން ނުރައްކާތެރި ނިރުބަވެރި ޢުދުވާނީ ޙަމަލަ ދޭން ފެށިއިރު، ޝަހީދު ކޯޕްރަލް ޙުސައިން މުޙައްމަދު އުޅުއްވީ، ޒޯން ޑިއުޓީގައެވެ.
ކޯޕްރަލް ޙުސައިން މުޙައްމަދު ޝަހީދުވީ، ދުޝްމަނުން، ސިފައިންގެ މައިމަރުކަޒަށް ޙަމަލަދޭން ފެށުމާއެކު، ބައިސްކަލްގައި ސިފައިންގެއަށް ވަޑައިގަންނަވަނިކޮށް، ދުޝްމަނުން ދިން ބަޑީގެ ޙަމަލާއެއްގައި ވަޒަން އަރައިގެންނެވެ. ކޯޕްރަލް ޙުސައިން މުޙައްމަދު ޝަހީދުވެގެން ވެއްޓިވަޑައިގެންފައި ވަނީ، ނޮވެންބަރު 3 ވަނަ ދުވަހު ފަތިހު ގާތްގަނޑަކަށް 4:45 ހާއިރު މުލީއާގޭ މައިގޭޓުގެ ކުރިމަތިން، މެދުޒިޔާރަތް މަގަށެވެ. އޭރު ހުންނެވީ، ޕްރައިވެޓުގެ ރޭންކުގައެވެ. ޝަހީދުވިއިރު ކޯޕްރަލް ޙުސައިން މުޙައްމަދުގެ އުމުރުފުޅުން 38 އަހަރެވެ. ކޯޕްރަލް ޙުސައިން މުޙައްމަދު ޝަހީދުވިއިރު ސިފައިންގެ ޚިދުމަތުގައިވީ 17 އަހަރާއި 3 މަހާއި 20 ދުވަހެވެ.
ދިވެހި ދައުލަތުން، ޝަހީދު ކޯޕްރަލް ޙުސައިން މުޙައްމަދުގެ ޤައުމީ ޚިދުމަތުގެ އަގު ވަޒަންކުރައްވައި، 1988 ނޮވެންބަރު 4 ވަނަ ދުވަހު، ޕްރައިވެޓް ރޭންކުން ކޯޕްރަލްގެ ރޭންކަށް މަގާމުގެ ކުރިއެރުން ދެއްވައިފައި ވެއެވެ. އަދި ޢަސްކަރީ ޝަރަފުގެ ނިޝާންތަކުގެ ތެރެއިން، ހުރަވީ ރިހި މެޑެއްޔާއި، ޖިހާދުގެ ރަތް މެޑެއްޔާއި، އަދި 3 ނޮވެންބަރުގެ މެޑެލް ވަނީ ދެއްވައިފައެވެ.
ޝަހީދު ކޯޕްރަލް ޙުސައިން މުޙައްމަދު ފަސްދާނުލެވިފައިވަނީ، ހެންވޭރު ސަހަރާގައި ހުންނަ ނޮވެންބަރު 3ގެ ޝަހީދުންގެ ދަނާވަތީގައެވެ.