ޝަހީދު ލެފްޓިނެންޓް ކުޑަނެވި ތުއްތުމަނިކު (މޫސާ އަޙްމަދު)
މއ. ދާރީގެ

 

 

 

 

ޝަހީދު ލެފްޓިނެންޓް ކުޑަނެވި ތުއްތުމަނިކު ނުވަތަ މޫސާ އަޙްމަދު، ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ، 15 ޖުލައި 1971 ގައެވެ. މަދްރަސަތުއް ޞަލާޙިއްޔާއިން ތަޢުލީމު ހާސިލުކުރެއްވި ޝަހީދު ލެފްޓިނެންޓް ކުޑަނެވި ތުއްތުމަނިކު ސިފައިންގޭގައި އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ، ޑިއުޓީ ސެކްޝަންގައެވެ.

ޝަހީދު ލެފްޓިނެންޓް ކުޑަނެވި ތުއްތުމަނިކަކީ، އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު II ވަނަ، 1972 ވަނަ އަހަރު ދިވެހިރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާ ގުޅިގެން، މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީގެ ރަޖިސްޓަރީއަށް ފުލުހުންގެ މަގާމު އިތުރުކުރައްވައި، ސިފައިންގެ ތެރެއިން ފުލުހުންގެ ތެރެއަށް ބަދަލުކުރެއްވި 15 ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. މުގުރުފޯރިއާއި، ބަޑިފޯރި މެރުމުގެ ބުރަ ޑިއުޓީގެ އިތުރުން، އެވަގުތަކު ސިފައިންގެ ވެރިން އެންގެވި ކޮންމެ މަސައްކަތެއް އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކުގައި ކުރެއްވި ޝަހީދު ލެފްޓިނެންޓް ކުޑަނެވި ތުއްތުމަނިކަކީ، އުޅުމާއި އަޚްލާޤާއި ސުލޫކު ވަރަށް ރަނގަޅު، ކިޔަމަންތެރި އަދި ޤައުމީ ޚިދުމަތަށް އިސްކަންދެއްވި، ވަރަށް ހިތްވަރުގަދަ ބޭފުޅެކެވެ. 

ޝަހީދު ލެފްޓިނެންޓް ކުޑަނެވި ތުއްތުމަނިކަށް ސިފައިންގެ ޚިދުމަތުގައި ތިންފަހަރު މަގާމުގެ ކުރިއެރުން ލިބިވަޑައިގެންފައި ވެއެވެ. އެއީ، 8 އެޕްރީލް 1979 ގައި ޕްރައިވެޓްގެ ރޭންކުން ލާންސް ކޯޕްރަލްގެ ރޭންކަށް މަގާމުގެ ކުރިއެރުން ލިބިވަޑައިގެންނެވުމާއި، 6 ޖޫން 1981 ގައި ލާންސް ކޯޕްރަލް ރޭންކުން ކޯޕްރަލް ރޭންކަށް މަގާމުގެ ކުރިއެރުން ލިބިވަޑައިގެންނެވުމާއި، 6 ޖޫން 1987 ގައި ކޯޕްރަލް ރޭންކުން ސާރޖަންޓްގެ ރޭންކަށް މަގާމުގެ ކުރިއެރުން ލިބިވަޑައިގެންނެވުމެވެ. ލެފްޓިނެންޓް ކުޑަނެވި ތުއްތުމަނިކު ޝަހީދުވިއިރު ހުންނެވީ، ސާރޖަންޓުގެ ރޭންކުގައެވެ.

1988 ނޮވެންބަރު 3 ވަނަ ދުވަހު، ދިވެހީންގެ ބަޔަކާއި ބޭރުގެ ހަތިޔާރުއެޅި ނިރުބަވެރި ޖަމާޢަތަކާ ގުޅިގެން، ދިވެހިރާއްޖޭގައި އޮތް ޤާނޫނީ ސަރުކާރު ވައްޓާލައި، ދިވެހީންގެ މިނިވަންކަމާއި ސިޔާދަތު ނަގައިލުމަށް ދިން ނުރައްކާތެރި ނިރުބަވެރި ޢުދުވާނީ ޙަމަލާ ދިން ވަގުތު ޝަހީދު ލެފްޓިނެންޓް ކުޑަނެވި ތުއްތުމަނިކު ހުންނެވީ، ގޭގައެވެ. އޭރު ޝަހީދު ލެފްޓިނެންޓް ކުޑަނެވި ތުއްތުމަނިކަކީ، ސިފައިންގެ ވެރިޔާގެ ނައިބު އަދި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ނައިބު އޮނަރަބްލް އިލްޔާސް އިބްރާހީމްގެ ކާރުކޮޅުގެ ޑްރައިވަރުވެސް މެއެވެ. މީގެއިތުރުން، ޝަހީދު ލެފްޓިނެންޓް ކުޑަނެވި ތުއްތުމަނިކަކީ، އޭރު ސިފައިންގެ އިތުރު މަރުކަޒެއް މާލޭގައި ނުހުންނާތީ، ޤައުމަށް ދިމާވާ ނުރައްކާތެރި ޙާލަތެއްގައި ހަތިޔާރުގެ ބޭނުންކުރަން ޖެހިއްޖެނަމަ ބޭނުންކުރުމަށް ސިފައިންގެ ވެރިޔާގެ ނައިބުގެ ގެކޮޅުގައި ބަހައްޓާފައި ހުންނަ ހަތިޔާރުތައް ބޭނުންކުރުމަށް ކަނޑައަޅުއްވައިފައިވާ ތިން ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. ދުޝްމަނުން މާލެއަށް އަރައި، ސިފައިންގެއަށް ޙަމަލަދޭ އަޑު އިވިވަޑައިގަތުމާއެކު، ޝަހީދު ލެފްޓިނެންޓް ކުޑަނެވި ތުއްތުމަނިކު އަވަސްވެވަޑައިގަތީ، ސިފައިންގެ ވެރިޔާގެ ނައިބު ދިރިއުޅުއްވާ މައްޗަންގޮޅީ ކިނބިގަސްދޮށުގެއަށް ވަޑައިގެންނެވުމަށެވެ. 

ލެފްޓިނެންޓް ކުޑަނެވި ތުއްތުމަނިކު ޝަހީދުވީ، ސިފައިންގެ ވެރިޔާގެ ނައިބު ދިފާޢުކުރެއްވުމަށް ކިނބިގަސްދޮށުގެއަށް ވަންނަވަން އުޅުއްވަނިކޮށް، ދުޝްމަނުން ދިން ބަޑީގެ ޙަމަލައެއްގައި، އެދުވަހު ފަތިހު ގާތްގަނޑަކަށް 4:55 ހާއިރުއެވެ. ލެފްޓިނެންޓް ކުޑަނެވި ތުއްތުމަނިކު ޝަހީދުވެގެން ވެއްޓިވަޑައިގަތީ، ކިނބިގަސްދޮށުގޭ ދޮރޯށި ކުރިމަތިން ޒަމާނީ ހިނގުމަށެވެ. ޝަހީދުވިއިރު ލެފްޓިނެންޓް ކުޑަނެވި ތުއްތުމަނިކުގެ އުމުރުފުޅަކީ 51 އަހަރެވެ. 

3 ނޮވެންބަރުގެ ޢުދުވާނީ ޙަމަލައިގައި ޝަހީދުވި ސިފައިންގެ ތެރެއިން ޝަހީދު ލެފްޓިނެންޓް ކުޑަނެވި ތުއްތުމަނިކަކީ، އަމިއްލަ ނަފްސަށްވުރެ ދިވެހި ޤައުމު އިސްކުރައްވައި، އަމިއްލަ ފުރާނައަށް ބެއްލެވުމެއްނެތި ދުޝްމަނުންނާ ކުރިމަތިލައްވައި ޝަހީދުވި ހިތްވަރުގަދަ ފަހުލަވާނެކެވެ. ލެފްޓިނެންޓް ކުޑަނެވި ތުއްތުމަނިކު ޝަހީދުވިއިރު، ސިފައިންގެ ޚިދުމަތުގައިވީ 17 އަހަރާއި 3 މަހާއި 20 ދުވަހެވެ. ޝަހީދު ލެފްޓިނެންޓް ކުޑަނެވި ތުއްތުމަނިކުގެ ހިތްވަރުގަދަ ޤައުމީ ޖިހާދުގެ އަގުވަޒަންކުރައްވައި، ދިވެހި ދައުލަތުން ވަނީ 1988 ނޮވެންބަރު 4 ވަނަ ދުވަހު، ސާރޖަންޓްގެ ރޭންކުން ލެފްޓިނެންޓްގެ ރޭންކަށް މަގާމުގެ ކުރިއެރުން ދެއްވައިފައެވެ. އަދި ޢަސްކަރީ ޝަރަފުގެ ނިޝާންތަކުގެ ތެރެއިން، ހުރަވީ ރަން މެޑެއްޔާއި، ޖިހާދުގެ ރަތް މެޑެލް އަދި 3 ނޮވެންބަރުގެ މެޑެލް ވަނީ ދެއްވައިފައެވެ. 

ޝަހީދު ލެފްޓިނެންޓް ކުޑަނެވި ތުއްތުމަނިކު ފަސްދާނުލެވިފައި ވަނީ، ހެންވޭރު ސަހަރާގައި ހުންނަ ނޮވެންބަރު 3ގެ ޝަހީދުންގެ ދަނާވަތީގައެވެ.