ޝަހީދު ސާރޖަންޓް ކުޑައާދަނުގެ ކުޑަތުއްތު
މ. ކައުސްލިޕް

 

 

 

 

ޝަހީދު ސާރޖަންޓް ކުޑައާދަނުގެ ކުޑަތުއްތު، ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ، 9 ސެޕްޓެންބަރު 1961 ގައެވެ. ޝަހީދު ސާރޖަންޓް ކުޑައާދަނުގެ ކުޑަތުއްތުއަކީ، އުޅުމާއި އަޚްލާޤާއި ސުލޫކު ވަރަށް ރަނގަޅު، ވަރަށް ހިތްވަރުގަދަ ބޭފުޅެކެވެ. 

ޝަހީދު ސާރޖަންޓް ކުޑައާދަނުގެ ކުޑަތުއްތު ސިފައިންގޭގައި އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ، ރަށުތެރެ ބަލަހައްޓާ 1 ނަންބަރުގައެވެ. އޭގެފަހުން، ސިފައިންގެ ކޮއްތު ގުދަނުގެ ބަނޑޭރިކަމުގެ މަގާމު އަދާކުރެއްވިއެވެ. އެންމެފަހުން މަސައްކަތް ކުރެއްވީ، ޑިއުޓީ ސެކްޝަންގައްޔާއި، ޓާސްކްފޯސްގައެވެ. ޝަހީދުވިއިރު މަސައްކަތް ކުރެއްވީ، ޓާސްކްފޯސް ޑިއުޓީގައެވެ. ޝަހީދު ސާރޖަންޓް ކުޑައާދަނުގެ ކުޑަތުއްތުއަކީ، މުގުރުފޯރިއާއި، ބަޑިފޯރިއާއި، ޒޯން ޑިއުޓީގެ އިތުރުން، އެވަގުތަކު ސިފައިންގެ ވެރިން އެންގެވި ކޮންމެ މަސައްކަތެއް އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކުގައި ކުރެއްވި ބޭފުޅެކެވެ. ޝަހީދު ސާރޖަންޓް ކުޑައާދަނުގެ ކުޑަތުއްތު ފާހަގަކުރެވިފައި ވަނީ، ޤައުމީ ޚިދުމަތަށް ވަރަށް ބޮޑަށް އިސްކަންދެއްވި، ސިފަވަންތަ ނަމޫނާ ބޭފުޅެއްގެ ގޮތުގައެވެ. 

ޝަހީދު ސާރޖަންޓް ކުޑައާދަނުގެ ކުޑަތުއްތު، ސިފައިންގެ ޚިދުމަތުގައި ހުންނެވިއިރު، މަގާމުގެ ކުރިއެރުން އެއްފަހަރު ލިބިވަޑައިގެންފައި ވެއެވެ. އެއީ، 16 އޮގަސްޓު 1987 ގައި، ޕްރައިވެޓްގެ ރޭންކުން ލާންސް ކޯޕްރަލްގެ ރޭންކަށް މަގާމުގެ ކުރިއެރުން ލިބިވަޑައިގެންނެވުމެވެ. ޝަހީދުވިއިރު ހުންނެވީ، ލާންސް ކޯޕްރަލްގެ ރޭންކުގައެވެ.

1988 ނޮވެންބަރު 3 ވަނަ ދުވަހު، ދިވެހީންގެ ބަޔަކާއި ބޭރުގެ ހަތިޔާރުއެޅި ނިރުބަވެރި ޖަމާޢަތަކާ ގުޅިގެން، ދިވެހިރާއްޖޭގައި އޮތް ޤާނޫނީ ސަރުކާރު ވައްޓާލައި، ދިވެހީންގެ މިނިވަންކަމާއި ސިޔާދަތު ނަގައިލުމަށް ދިން ނުރައްކާތެރި ނިރުބަވެރި ޢުދުވާނީ ޙަމަލަ ދޭން ފެށިއިރު، ޝަހީދު ސާރޖަންޓް ކުޑައާދަނުގެ ކުޑަތުއްތު އުޅުއްވީ، ޒޯން ޑިއުޓީގައެވެ. 

ސާރޖަންޓް ކުޑައާދަނުގެ ކުޑަތުއްތު ޝަހީދުވީ، ދުޝްމަނުން، ސިފައިންގެ މައިމަރުކަޒަށް ޙަމަލަދޭން ފެށުމާއެކު، އެކަމުގެ މަޢުލޫމާތު ސާފުކުރައްވަމުން، މެދުޒިޔާރަތްމަގުން ސައިކަލުގައި ސިފައިންގެއަށް ވަޑައިގަންނަވަނިކޮށް، ދުޝްމަނުން ދިން ބަޑީގެ ޙަމަލައެއްގައި ވަޒަން އަރައިގެންނެވެ. ޝަހީދު ސާރޖަންޓް ކުޑައާދަނުގެ ކުޑަތުއްތު ޝަހީދުވެގެން ވެއްޓިވަޑައިގެންފައި ވަނީ، ނޮވެންބަރު 3 ވަނަ ދުވަހުގެ ފަތިހު ގާތްގަނޑަކަށް 4:45 ހާއިރު، މެދުޒިޔާރަތް މަގުން އިސްލާމީ މަރުކަޒުގެ ދެކުނުފަރާތު ފާރު ކައިރިއަށެވެ. ޝަހީދުވިއިރު ސާރޖަންޓް ކުޑައާދަނުގެ ކުޑަތުއްތުގެ އުމުރުފުޅުން 49 އަހަރެވެ. ސާރޖަންޓް ކުޑައާދަނުގެ ކުޑަތުއްތު ޝަހީދުވިއިރު، ސިފައިންގެ ޚިދުމަތުގައިވީ 27 އަހަރާއި 1 މަހާއި 26 ދުވަހެވެ. 

ޝަހީދު ސާރޖަންޓް ކުޑައާދަނުގެ ކުޑަތުއްތުގެ ޤައުމީ ޚިދުމަތުގެ އަގުވަޒަންކުރައްވައި، 4 ނޮވެންބަރު 1988 ގައި، ދިވެހި ދައުލަތުން ވަނީ، ލާންސް ކޯޕްރަލްގެ ރޭންކުން ސާރޖަންޓުގެ ރޭންކަށް މަގާމުގެ ކުރިއެރުން ދެއްވައިފައެވެ. އަދި ޢަސްކަރީ ޝަރަފުގެ ނިޝާންތަކުގެ ތެރެއިން، ހުރަވީ ރިހި މެޑެއްޔާއި، ޖިހާދުގެ ރަތް މެޑެއްޔާއި، އަދި 3 ނޮވެންބަރުގެ މެޑެލް ވަނީ ދެއްވައިފައެވެ. ޝަހީދު ސާރޖަންޓް ކުޑައާދަނުގެ ކުޑަތުއްތު ފަސްދާނުލެވިފައި ވަނީ، ހެންވޭރު ސަހަރާގައި ހުންނަ ނޮވެންބަރު 3ގެ ޝަހީދުންގެ ދަނާވަތީގައެވެ.