ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް
-

 

 

 

 

ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނައެއް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމެވީ، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ބޭރުގެ ކުލީ ސިފައިންގެ ބަޔަކު ރާއްޖެއަށް ދިން ޢުދުވާނީ ޙަމަލައާ ގުޅިގެން، މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި، ޙިކްމަތްތެރިކަމާއި، ވިސްނުންތެރިކަމާ އެކުގައި ކުރެއްވި އަގުހުރި މަސައްކަތްޕުޅުތަކާއި، ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީއަކީ، ޤައުމީ ފެންވަރެއްގައި އެކަމުގެ އަގު ވަޒަންކުރަންޖެހޭނެ ޤުރުބާނީއެއް ކަމަށް ފެނިވަޑައިގަންނަވާތީއެވެ. އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަވައިގެން، ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް، އެ ދުވަހު ކުރެއްވި މަސައްކަތްޕުޅުތަކާއި، އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ އަގު މިހާތަނަށް ޤައުމީ ފެންވަރެއްގައި ވަޒަންކުރައްވައިފައި ނުވާތީ، އެމަނިކުފާނަށް އެ ޝަރަފު އެރުވުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާތީއެވެ.

1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުގެ ޢުދުވާނީ ޙަމަލާ ރާއްޖެއަށް ދިންއިރު، ރާއްޖޭގެ ރައްޔިތުންގެ ޚިދުމަތުގައި އެންމެ އިސް މަގާމުގައި އަދި ސިފައިންގެ ވެރިޔާގެ މަގާމުގައި ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ހުންނަވައިގެން އެޅުއްވި ފިޔަވަޅުތަކާއި ކުރެއްވި މަސައްކަތްޕުޅުތަކަކީ، މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ޤައުމާއި ދިވެހި ރައްޔިތުންނަށްޓަކައި އެމަނިކުފާނު ކުރެއްވި އަގުހުރި ޖިހާދެކެވެ. ހަމައެއާއެކު، ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލައާ ގުޅިގެން، އެ ނުރައްކާތެރި ދަނޑިވަޅުގައި ރާއްޖެއާ އެކުވެރި އަދި ރާއްޖެއާ އަވަށްޓެރި އިންޑިޔާގެ ޢަސްކަރީ އެހީ ހޯއްދެވުމަށް ނިންމަވައި، އެކަމާ ގުޅިގެން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކަކީވެސް ރާއްޖޭގެ ތާރީޚުގައި ޚާއްޞަ ގޮތެއްގައި ފާހަގަކުރެވިގެންދާނެ ފިޔަވަޅުތަކެކެވެ.

ރާއްޖޭގެ ޚާއިނުންގެ ބަޔަކާއި ބޭރުގެ ކުލީ ސިފައިންގެ ޖަމާޢަތެއްގެ ބަޔަކު، ނޮވެންބަރު 3 ވަނަ ދުވަހު ހަތިޔާރާއެކުގައި މާލެއަށް އަރައި ހިންގި ޢުދުވާނީ ޙަމަލައަކީ، ރާއްޖޭގެ ތާރީޚުގައި އޭގެ މިސާލެއްވެސް ފެންނަން ނެތްފަދަ ނުރައްކާތެރި ޙަމަލައެކެވެ. އަދި އެ ޙަމަލާގެ ސަބަބުން ރާއްޖޭގެ އެތައް ބަޔަކު ޝަހީދުވެ، ރާއްޖޭގެ އަމާންކަމާއި ސަލާމަތަށް ވަރަށްބޮޑު ލޮޅުމެއްއަރައި، ބޮޑެތި ގެއްލުންތަކެއް ލިބުނު މި ހާދިސާގައި، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ދެއްކެވި ސާބިތުކަމާއި، ރައްޔިތުންގެ ޙައްޤުގައި އެޅުއްވި ދުރު ވިސްނުންފުޅުގެ ފިޔަވަޅުތަކަކީވެސް ތަޢުރީފު ޙައްޤު ފިޔަވަޅުތަކަކާއި މަސައްކަތްޕުޅުތަކެކެވެ. ހަމައެއާއެކު، އެދުވަހު ރާއްޖޭގެ ލޮބުވެތި ރައްޔިތުން ސަރުކާރަށް ދެއްވި އެއްބާރުލެއްވުން ޚާއްޞަ ގޮތެއްގައި ހަނދާންކޮށްލަންޖެހެއެވެ.

މި ޢުދުވާނީ ޙަމަލައާ ގުޅިގެން، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 4 ވަނަ ދުވަހު ހެނދުނު ދިވެހިރާއްޖޭގެ އަޑު މެދުވެރިކޮށް، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވާހަކަފުޅު ދައްކަވަމުން، ސިފައިންގެ ބޭކަލުން ކުރެއްވި މަތިވެރި ޖިހާދަށް ތަޢުރީފު ކުރައްވައި، ދިވެހި ރައްޔިތުން ދެއްވި އެއްބާރުލެއްވުމަށްޓަކައި ހިފެހެއްޓުމެއްނެތް ޝުކުރު އަދާކުރެއްވިއެވެ.

ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާ ހިނގިތާ 37 އަހަރު ފަހުން، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ އަގުހުރި މި މަސައްކަތްޕުޅަށް، ދިވެހި ދައުލަތުން ޚާއްޞަ ޝަރަފެއް މިއަދު އެރުވޭކަން އެއީ، ދިވެހި ސަރުކާރުން އެ މަނިކުފާނުގެ މި ޚިދުމަތް ޤައުމީ ފެންވަރެއްގައި ވަޒަންކުރައްވާކަމުގެ އަލިގަދަ ހެއްކެކެވެ. އަދި މިއީ، ރައީސް މައުމޫނަށް ލިބިވަޑައިގަންނަވާނޭ ވަރަށްބޮޑު އުފާފުޅެއްވެސް މެއެވެ.