ތިލަދުންމަތީ އުތުރުބުރީ އުތީމު ރައްޔިތުން

މި އަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ އިޙްތިފާލުތައް، ތިލަދުންމަތީ އުތުރުބުރީ އުތީމުގައި ފާހަގަކުރަމުންގެންދާއިރު، ތިލަދުންމަތީ އުތުރުބުރީ އުތީމުގެ ލޮބުވެތި ރައްޔިތުންނަށް ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޝަރަފުގެ އައްޑަނަ އެރުވުމަކީ، އުތީމު ހުރިހާ ރައްޔިތުންނަށް ލިބިވަޑައިގަންނަވާނޭ ވަރަށް ބޮޑު އުފަލެކެވެ. އަދި ޝަރަފެކެވެ. އުތީމު ރައްޔިތުންނަށް މި ޝަރަފު މި އެރުވެނީ، އުތީމު ގަނޑުވަރު ބެލެހެއްޓެވުމުގައި، އުތީމު ރައްޔިތުން އަދާކުރައްވައިފައިވާ ދައުރާއި، އެކަމަށް ދެއްވި އަހައްމިއްޔަތުގެ އަގު މިއަދުގެ ސަރުކާރުން ވަޒަން ކުރެއްވުމުގެ ގޮތުންނެވެ. ހަމައެއާއެކު، އުތީމުގެ ލޮބުވެތި ރައްޔިތުންގެ ބެލެހެއްޓުންތެރިކަމާއެކުގައި އުތީމު ގަނޑުވަރަށް 500 ވަރަކަށް އަހަރު ވެފައިވާތީއެވެ.

އުތީމު ގަނޑުވަރަކީ، އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމް (އުތީމު މަހާރަދުން) ގެ ޢާއިލީ މައިފުނަގެއެވެ. ރަސްކަމުގެ ތަޚުތުގައި އިށީނދެވަޑައިގަތުމުގެ ކުރީން އުތީމުގައި ދިރިއުޅުއްވި ގެކޮޅެވެ. މިއީ، ދިވެހި ޤައުމީ އަގުހުރި ޚާއްޞަ ތަރިކައެކެވެ. އެހެނީ އުތީމު މަހާރަދުންނަކީ، މީލާދުން 1558އިން 1573އަށް ޕޯޗުގީޒު ބާރަކުން ދިވެހިރާއްޖޭގެ ވެރިކަމުގެ މައްޗަށް އަތްގަދަކޮށްގެން ތިބި، އަޅުވެތި އަނދިރި ދުވަސްތަކަށް ނިމުމެއް ގެންނަވައި ދިވެހިރާއްޖެ މިނިވަންކުރައްވައި، ދިވެހި ދައުލަތް އަލުން ތަރުތީބު ކުރެއްވި ދިވެހި ޤައުމުގެ ފަޚުރުވެރި ޤައުމީ ބަޠަލެވެ. މި ސަބަބަށްޓަކައި އެ ރަދުންނާ ގުޅިފައިވާ އެންމެހައި އަސަރުތަކަށާއި އާސާރުތަކަށް ދިވެހީން ޚާއްޞަ ސަމާލުކަމެއް ދެމުން އައެވެ. މީގެތެރެއިން ވެސް އުތީމުގައި ހުންނަ އެ ރަދުންގެ ގަނޑުވަރާއި، އެހެނިހެން އަސަރުތަކަށް ރައްކާތެރިކަންދީ ބެލެހެއްޓުމުގައި އުތީމު ރައްޔިތުންވަނީ ވަރަށް ބޮޑު އިސްކަމެއް ދެއްވާފައެވެ. މި ފާއިތުވި 450 އެއްހައި އަހަރު، (އުތީމު ރަދުންގެ ޙަޔާތްޕުޅުގެ އަހަރުތައް ހިމަނާނަމަ، ހަމަ ޔަޤީނުންވެސް، 500 އަހަރަށް ވުރެ މަދުނުވާނޭ ދުވަސްތަކެއްގައި) މި ސަމާލުކަމާއި ފަރުވާތެރިކަން ދަމަހައްޓަވައިފައިވެއެވެ. އެ ގަނޑުވަރު މި ވަގުތު ބަލައިލުމުން ވެސް އެކަން ޔަގީންވެއެވެ. ހަމައެހެންމެ، ލިބެންހުރި ތާރީޚީ ފަތްފުށްތަކުންނާއި، ދުވަސްވީ މީހުންގެ ތަޖުރިބާތަކުން މި ކަންކަމަށް އިތުރު ހެކި ލިބިގެންދެއެވެ. އެހެންކަމުން، މި އަގުހުރި ޤައުމީ ބިނާއާއި އެ ތަނާ ގުޅިފައިވާ އަސަރުތައް އެތައް ޤަރުނެއް ވަންދެން އުތީމު ރައްޔިތުން މި ބެލެހެއްޓެވި ބެލެހެއްޓެވުމަކީ، ދިވެހި ޤައުމިއްޔަތަށް އުތީމު ރައްޔިތުން ކުރެއްވި އާދަޔާ ޚިލާފު މަތިވެރި ނަމޫނާ ޚިދުމަތެއްކަން ކަށަވަރެވެ.

އުތީމު ގަނޑުވަރު ބެލެހެއްޓުމުގެ މަސައްކަތަށާއި ލިބޭތަކެއްޗަށް އަމާނާތްތެރިވުމަކީ އުތީމު ރައްޔިތުން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވި ކަމެކެވެ. ހަމައެހެންމެ ޒަމާނުއްސުރެ އުތީމު ގަނޑުވަރަކީ، ހުރިހައި ދިވެހީން ވެސް ވަރަށް ކަމޭހިތަމުންއައި ބިނާއެކެވެ. އެހެންކަމުން، ކުރީ ޒަމާނުއްސުރެ ގަނޑުވަރުގެ ކަންކަމަށް އެކި ކަހަލަ ޢިނާޔަތްތައް ލިބެމުންއައެވެ. ތާރީޚީ ބައެއް ލިޔުންތަކުން ފެންނަ ގޮތުގައި ޣާޒީ ބަންޑާރައިން ނުވަތަ މުޙައްމަދު ތަކުރުފާނުގެ ޒަމާނުގައި ތިލަދުންމަތީ އުތުރުބުރީ ދިއްދުއަކީ އެ ތަކުރުފާނު ގެންގުޅުއްވި ފަޅު ރަށެކެވެ. އެ ރަށުގައި މީހުން އާބާދުވަންދެން އެ ރަށް ބަލަހައްޓަވަމުން ގެންދެވީ އުތީމު ރައްޔިތުންނެވެ. އެ ރަށުން ލިބޭ ނަފާވެރިކަމުގެ އެހީގައި އުތީމު ރައްޔިތުން ގަނޑުވަރުގެ ކަންކަން ބެލެހެއްޓެވިއެވެ. ފަހުން އުތީމު ރައްޔިތުންގެ ކިބައިން ދިއްދޫ ވަކިކުރައްވައި، އޭގެ ބަދަލުގައި ތިލަދުންމަތީ ފަޅުރަށެއްކަމުގައިވާ މުލިދުއާއި ފަރިދޫގެ ރަހުރާ ނުވަތަ ރާވެރިން ފުރަބަންޑާރައަށް ދައްކާ ރާ، އުތީމު ގަނޑުވަރަށް ދެއްވިއެވެ. އޭގެ އިތުރަށް، އެކިއެކި ފަރާތްތަކުން އެކި ކަހަލަ އެހީތައް ލިބެމުންއައެވެ. އެއާއެކު ވެސް ތަން ބެލެހެއްޓުމާ ބެހޭ ހުރިހައި މަސައްކަތެއް، ވަރަށް ފަހަކާ ޖެހެންދެން އުޖޫރައަކާ ނުލައި ކުރަމުން އައީ، އުތީމު ރައްޔިތުންނެވެ.

އުތީމު ގަނޑުވަރަށް ދައުލަތުން ވެސް އެކި ބާވަތުގެ އެހީތެރިކަން އޮވެއެވެ. ނަމަވެސް، ގަނޑުވަރަށް ލިބެމުން އައި ހުރިހާ އެހީއެއް 1958ވަނަ އަހަރާ ހިސާބުގައި ސަރުކާރުން ކަނޑުއްވައިލެއްވިއެވެ. އަލުން އެހީ ލިބެން ފެށީ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، 4 މާރިޗު 1979ގައި، އުތީމަށް ޒިޔާރަތް ކުރެއްވި ހިސާބުންނެވެ.

އުތީމު ރައްޔިތުން ގަނޑުވަރަށް ވަރަށް ބޮޑު އިޙްތިރާމަކާއި ޤަދަރެއް ކުރެއެވެ. ގަނޑުވަރުގެ އެތެރެ އޮންނަނީ އަބަދުވެސް ހިމުން ދޮންވެލި ލައިފައެވެ. މި ވެލި ލަނީ، ގޮނޑުދޮށުން ހިމުން ދޮންވެލި ގެނެސްގެން ބަތްޕޮޅިން ފޮޅައި، ކިތަންމެ ކުޑަ ކުނިކޮޅެއްވެސް އަދި ހަރު އެތިކޮޅެއްވެސް އޮތިއްޔާ އެ އެއްޗެއް ނަގައިފައެވެ. ބޭރު ގޯތިތެރެ އޮންނަނީ، ސާފު ކަށިވެލި ލައިފައެވެ. ގަނޑުވަރު ސަރަހައްދު ކުނިކަހަނީ، އުތީމު ރައްޔިތު އަންހެނުންނެވެ. ކުނިކެހުން ނިންމާލަނީ، ފަހަތަށް ފަހަތަށް ކުނިކަހަމުން އައިސް، އެއްވެސް ފިޔަވަޅެއްގެ އަސަރުވެސް އެ ސަރަހައްދުގައި ނުހުންނަ ގޮތަށެވެ. އެ ސަރަހައްދަށް އުތީމު ރައްޔިތަކު އާންމު ގޮތެއްގައި ނުވަންނާނެއެވެ. މަސްވެރީން ބާނާ މަސް ހިފައިގެން ގަނޑުވަރު މަގުން އެއްގަމަކަށް ނާރާނެއެވެ. އެއީ، ގަނޑުވަރު ސަރަހައްދަށް ލޭ ތިއްކެއްވެސް ޖަހައިފާނެތީއެވެ.

ގަނޑުވަރުގެ ރައްކާތެރިކަމަށް އުތީމު ރައްޔިތުން ދެއްވައި އުޅުއްވީ، ވަރަށް އާދަޔާ ޚިލާފު ބޮޑު ސަމާލުކަމެކެވެ. ކުރިން އުތީމު ރައްޔިތުން ދިރިއުޅުއްވީ، ގަނޑުވަރު ހުރި ސަރަހައްދުގައެވެ. ގަނޑުވަރުގެ ހުޅަނގުގައިވެސް މީހުން ދިރިއުޅޭ ގެތައް ހުއްޓެވެ. ގަނޑުވަރުވެސް އަދި ގެތައްވެސް ހުންނަނީ ދަނޑިފަނުންނެވެ. ގަނޑުވަރު ދަނޑިފަނުން ހުންނާތީ، އުތީމުގެ އެއްވެސް ރައްޔިތަކު އޭރު ގެއެއް ނުރާނައެވެ. ދަނޑިފަނުގެ ގޭގެއާއި ބަދިގޭގައި އަލިފާނުގެ ހާދިސާތައް ހިނގާތީ، ގަނޑުވަރާ ދުރަށް، ގަނޑުވަރުގެ ވައިދަށް ފަރާތަށް ރަށުގެ ރައްޔިތުންގެ ދިރިއުޅުއްވުން ބަދަލުކުރެއްވިއެވެ. ގަނޑުވަރުގެ ސަލާމަތަށްޓަކައި އެ ގަނޑުވަރު ހުރި މުޅި ސަރަހައްދު ހުސްކުރީއެވެ.

ގަނޑުވަރުގެ ހައިބަތާއި ކަރާމާތަށްޓަކައި ވަރަށް ފަރުވާތެރިކަމާއެކުގައި ކުރަމުން އައި ކަންތައްތަކެއްވެސް ހުއްޓެވެ. ކޮންމެ ރެޔަކަށް އިރުއޮއްސޭއިރު، ގަނޑުވަރުގައި ވޮށް ދިއްލައެވެ. ވޮށް ދިއްލަނީ ކާށިތެޔޮ އަޅައިގެންނެވެ. މި ތެޔޮ ހާނައި ތައްޔާރުކުރައްވަނީ، އުތީމު ރައްޔިތު އަންހެނުންނެވެ. ގަނޑުވަރު ދިއްލާން ސާފުތެޔޮ ނުވަތަ ކަރާސީނު ތެޔޮ ނާޅަނީ، އަލިފާނުގެ ހާދިސާއެއް ހިނގުމުގެ ފުރުސަތު ކުޑަކުރުމަށް ޓަކައެވެ.

ކޮންމެ ބުރާސްފަތި ދުވަހަކާއި އާދީއްތަ ދުވަހަކު ހަވީރު، ގަނޑުވަރު ތެރެޔަށް ހުވަނދުމާ އަޅާނެއެވެ. އެތެރެއާއި ބޭރުގައި ވަށައިގެން ދުންބުރުވާނެއެވެ. މިކަންކުރަނީ ގަނޑުވަރުގެ ޚާދިމާއި ބަނޑޭރީންނެވެ. ކޮންމެ ހުކުރު ހޯމަ ވިލޭރެޔަކު ގަނޑުވަރުތެރޭގައި ޒިކުރު ކިޔައެވެ. ޒިކުރުކިޔުމުގެ ޖަމާޢަތުގައި ބައިވެރިވާނީ، ޚާދިމަކާއި، ދެ ބަނޑޭރީންނާއި މިސްކިތުގެ ތިން މުދިމުންނެވެ. މެދުކެނޑުމެއްނެތި އެތައް ޒަމާނަކަށް މި އާދަތައް ދެމިގެން އައެވެ. މި ކަންކަން ހުއްޓައިލީ ސަރުކާރުން އަންގަވައިގެން 1980ގެ އަހަރުތަކުގެ ތެރޭގައެވެ.

ގަނޑުވަރު ބަލަހައްޓާން ބަނޑޭރީން ލައްވައެވެ. އެއީވެސް ވަރަށް ހަރުދަނާ ނިޒާމެއްގެ ތެރެއިން ރައްޔިތުންގެ ފުރިހަމަ މަޝްވަރާއާއެކުގައި ހޮވޭ ބައެކެވެ. ބަނޑޭރީން ލައްވަނީ، ކޮންމެ އަހަރަކު ޝަޢުބާން މަހަށް ފެށުމާއެކުގައެވެ. ރައްޔިތުންގެ ބައްދަލުވުމަކުންނެވެ. ލައްވާނީ، އަހަރަކު ދެ ބަނޑޭރީންނެވެ. ދެ ބަނޑޭރީންގެ ގޮތުގައި ނަގަނީ، ދެ ޒުވާނުންނެވެ. ރައްޔިތުންގެ ތެރެއަށް ވަންނަ ތަރުތީބުންނެވެ. އޭރު ރައްޔިތުންގެތެރެޔަށް ވަދެވުމަކީ، އުމުރުން 15 އަހަރު ފުރި، މަހުޖެހުމެވެ. މަހުޖެހުމޭ ކިޔަނީ، މަހަށްދާން ފެށުމަށެވެ.

ގަނޑުވަރު ބެލެހެއްޓުމަށްޓަކައި ސަރުކާރުގެ އެހީއެއް ނުލިބި ވިއްސަކަށް އަހަރު ވުމަށްފަހު، ސަރުކާރުން މުސާރަދެއްވާ ޚާދިމަކާއި، މަސައްކަތު މީހުން ލައްވައި، ގަނޑުވަރު ބެލެހެއްޓުމާއި މަރާމާތުކުރުމާއި މިފަދަ ހުރިހައިކަމެއް މިހާރު ކުރައްވަމުން ގެންދަވަނީ ސަރުކާރުންނެވެ. ތަން ބެލެހެއްޓުމަށް އިތުރު ވަސީލަތްތަކާއި މާލީ އިންތިޒާމުތައް ހަމަޖެހިފައި ވެއެވެ. އެހެންކަމުން، އަދިވެސް ތަން ބެލެހެއްޓޭ ފެންވަރާއި، ތަނަށް ދޭ ރައްކާތެރިކަން އާދަޔާ ޚިލާފަށް ރަނގަޅުކަމަށް ދަންނަވަން ޖެހެއެވެ. އުތީމު ގަނޑުވަރުގެ މުޅި ތާރީޚުގައި ވެސް އެ ގަނޑުވަރާއި އަދި އުތީމު މަހާރަދުންގެ އަސަރުތަކުގެ ތެރެއިން އުތީމުގައި ހުރި އެއްވެސް އަސަރަކަށް ދުވަހަކު ވެސް އެއްވެސް އިހާނެތިކަމެއް ހިނގާފައެއްނެތެވެ. އެހެންކަމުން، އުތީމު ގަނޑުވަރަކީ، ވޭތުވެދިޔަ ފަސްވަރަކަށް ޤަރުނު އުތީމު ރައްޔިތުން ވަރަށް ލޯތްބާއި އިޙްތިރާމާއެކުގައި ދިވެހި ޤައުމިއްޔަތަށް އަދާކުރި އަގުބޮޑު ޚިދުމަތުގެ ފެންނަން ހުރި އަލިގަދަ ދަލީލެކެވެ.