
އުތީމު އާދަމް ޢަބްދުއްރަޙްމާނަށް ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކަނޑައެޅުއްވީ، އެމަނިކުފާނަކީ، ތިލަދުންމަތީ އުތުރުބުރީގެ ރައްޔިތުންނަށް ޚާއްޞަކޮށް، އުތީމު ރައްޔިތުންގެ ކުރިއެރުމަށާއި، ތިލަދުންމަތީ އުތުރުބުރީގެ ތަރައްޤީއަށްޓަކައި އެކި ރޮނގުރޮނގުން ތަފާތު ޚިދުމަތްތައް ކޮށްދެއްވައިފައިވާ ބޭފުޅަކަށްވާތީއާއި، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިންނާއި، ތަޢުލީމީ ދާއިރާއިން، ދިވެހި ރައްޔިތުންނަށާއި، ދިވެހި ދައުލަތަށް އިޚުލާޞްތެރިކަމާއެކުގައި ކޮށްދެއްވައިފައިވާ ޚިދުމަތްތަކުގެ އަގު، ދިވެހި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުންނެވެ.
އާދަމް ޢަބްދުއްރަޙްމާނު ނުވަތަ މަޝްހޫރު ނަމުން ދަންނަވާނަމަ އުތީމު އާދަމްބެއަކީ، ދިވެހި ދައުލަތަށް 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. ޚިދުމަތް ފެށްޓެވީ، 26 އޮގަސްޓު 1965 ގައި ހއ. އުތީމު ކަތީބުކަމުގެ މަގާމުންނެވެ. ކަތީބުކަމުގެ މަގާމުގައި 15 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު، ދެން އަދާކުރެއްވީ ހއ. އަތޮޅު އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމެވެ. އާދަމް ޢަބްދުއްރަޙްމާނަކީ، ހއ. އަތޮޅުގެ އަތޮޅުވެރިކަން ތިންފަހަރެއްގެ މަތިން ކުރައްވައިފައިވާ ބޭފުޅެކެވެ. އަތޮޅުވެރިކަމަށް ފުރަތަމަ ޢައްޔަން ކުރެއްވީ، 1 ޖޫން 1983 ގައެވެ. ތިންފަހަރު މަތިން 11 އަހަރަށްވުރެ ދިގު މުއްދަތެއްގައި، އެ އަތޮޅުގެ އަތޮޅުވެރިކަން އާދަމް ޢަބްދުއްރަޙްމާން ވަނީ ކުރައްވައިފައެވެ.
އާދަމް ޢަބްދުއްރަޙްމާނަކީ، އުތީމުގެ ރައްޔިތުންނަށް އަދި ޚާއްޞަކޮށް، ތިލަދުންމަތީ އުތުރުބުރީ ރައްޔިތުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކުގައި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ދިރިއުޅުއްވުމަށްޓަކައި ކުރެއްވި މަސައްކަތްޕުޅަކީ، ފެށުނީއްސުރެ ނިމެންދެންވެސް ދައުލަތަށް ޚިދުމަތް ކުރެއްވުމެވެ. މި ދިގު މުއްދަތުގައި، މަސްއޫލިއްޔަތު ވަރަށްބޮޑު، ޒިންމާދާރު މަގާމުތައް ވަނީ ފުރުއްވައިފައެވެ.
އާދަމް ޢަބްދުއްރަޙްމާން، އުތީމު ކަތީބުކަމުގެ މަގާމުގައި ހުންނެވިއިރުވެސް އަދި ފަހުން އަތޮޅުވެރިކަމުގެ މަގާމު ފުރުއްވަމުން ގެންދެވިއިރުވެސް އެންމެބޮޑު އިސްކަމެއް ދެއްވީ، އެކި ކަންކަމުގައި ރައްޔިތުންގެ މަޞްލަޙަތު އިސްކުރެއްވުމަށެވެ. އަދި ޚިދުމަތް ކުރައްވަމުން ގެންދެވީ، އެ މަނިކުފާނުގެ ވިސްނުމާއި ޤާބިލިއްޔަތު ތަންދިން އެންމެ ރަނގަޅަކަށެވެ. ޚިދުމަތް ކުރައްވަމުން ގެންދެވިއިރު، އަޑިއުސްތަކާއި ހުރަސްތައް ގިރާކުރައްވަން ޖެހިވަޑައިގެންނެވިއެވެ. އެހެންނަމަވެސް، އަބަދުވެސް މަސައްކަތް ކުރެއްވީ، އެ ކަމެއްގައި އޮންނަ އެންމެ ރަނގަޅު ހައްލެއް ހޯއްދަވައިދެއްވުމަށެވެ. އެންމެ ބޮޑަށް ފާހަގަކޮށްލަންޖެހޭ ކަމަކީ، އާދަމް ޢަބްދުއްރަޙްމާން މަސައްކަތް ކުރައްވަމުން ގެންދެވީ، އެއްވެސްއިރެއްގައި މީހުންގެ ރުހުން ހޯއްދެވުމަކަށް ނޫންކަމެވެ.
އުތީމު ކަތީބުކަމުގައި ހުންނެވި ދުވަސްވަރަކީ، އޭރު ރަށުގެ ޙާލަތު ހުރިގޮތުންނާއި ވަސީލަތްތައް ހުރިގޮތުން، އުނދަގޫ އެތައް ކަންތައްތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ދުވަސްވަރެކެވެ. 1970ގެ އަހަރުތަކުގައި ރާއްޖޭގެ އަތޮޅުތަކުގެ ރަށްރަށަށް ދިމާވި ކާޑު ލިބުން ދަތިވި މައްސަލަ ޙައްލުކުރެއްވުމަށްޓަކައި އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންނަށް ގޮތްތަކެއް ހޯއްދަވައި ދެއްވުނުކަން އެއީ، އާދަމް ޢަބްދުއްރަޙްމާން ވަރަށް ހިތްޕުޅުހަމަޖެހިވަޑައިގެންނެވި ކަމެކެވެ. ނަތީޖާއެއްގެ ގޮތުން، މާތްﷲގެ ހެޔޮ ރަޙްމަތްފުޅާއެކު، އުތީމުން އެއްވެސް މީހަކު، "ބަނޑަށް މަރުނުވެ" ފުރާނަ ސަލާމަތްކުރެވުނުކަން ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވެއެވެ.
ސަރުކާރުން އޭރުގެ މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުން ރާއްޖެތެރެ ތަރައްޤީކުރުމުގެ މަޝްރޫޢުތައް ހިންގެވި ދުވަސްވަރު، މަސައްކަތް ކުރައްވަމުން ގެންދެވީ، މާލެއިން ރަށްރަށަށް ތަކެތި ގެންގޮސްގެން، މަސައްކަތްކުރާ ބަޔަކަށް އަގުދީގެން، އަތޮޅުއޮފީހުގެ ނުވަތަ ރަށުއޮފީހުގެ ބެލުމުގެ ދަށުން ކުރާ ކަމެއްގެ ގޮތުގައެވެ. އެ ދުވަސްވަރު ހއ. އަތޮޅުގޭގެ އާ އިމާރާތެއް ބިނާ ކުރެއްވުމަށް މިނިސްޓްރީން ބޭނުންފުޅުވިއެވެ. އެ އިމާރާތުގެ މަސައްކަތްވެސް، ކުރިން މި ދެންނެވި އުޞޫލުން ކުރެއްވުމަށް ނިންމެވުމާ ގުޅިގެން، އެކަން އެގޮތަށް ގެންދިޔުން އެއީ، އެހާ ފަސޭހަ ކަމެއްކަމަށް ނުވާތީއާއި އަދި އެކަމުގައި ވަރަށްގިނަ ދަތިތައް ހުރުމާއެކު، އާދަމް ޢަބްދުއްރަޙްމާން ހުށަހެޅުއްވީ، ކޮންޓްރެކްޓް އުޞޫލުން އެފަދަ ކަންކަން ކުރެވޭނެގޮތަކަށް އުޞޫލު ބަދަލުކުރެއްވުމަށެވެ. އެހެންކަމުން، އޭރުގެ މިނިސްޓަރަށް ދަންނަވައިގެން، އެ އުޞޫލު ބަދަލުކުރައްވައި، ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރެވޭނެގޮތް ހަމަޖެހިގެންދިޔަކަން އެއީ، އެ މަގުން ކުރެވުނު ވަރަށް ކާމިޔާބު މަސައްކަތެއް ކަމަށް އާދަމް ޢަބްދުއްރަޙްމާން ދެކެވަޑައިގަންނަވައެވެ. އަދި ރާއްޖެތެރެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ކޮންޓްރެކްޓް އުޞޫލުން ކުރެވުނު ފުރަތަމަ މަސައްކަތަކީ، ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި އިމާރާތް ކުރެވުނު ތިލަދުންމަތީ އުތުރުބުރީ އަތޮޅުގޭގެ އާ އިމާރާތުގެ މަސައްކަތް ކަމަށްވީކަން އެއީ، އާދަމް ޢަބްދުއްރަޙްމާނަށް ލިބިވަޑައިގެންނެވި ވަރަށްބޮޑު އުފާފުޅެކެވެ. އަދި ޝަރަފެއްވެސް މެއެވެ.
ކުރިން މާލެއިން ނޫނީ ނުލިބޭ އިދާރީ ބައެއް ޚިދުމަތްތައް އަތޮޅުންނާއި ރަށްރަށުން އޭރު ލިބެމުންނުދިޔުމަކީވެސް އިދާރީގޮތުން އެތައް ދަތިކަމަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ކަމެއްކަން އާދަމް ޢަބްދުއްރަޙްމާން ފާހަގަކުރައްވައެވެ. އަދި އެކަންކަމަށް ކުރެއްވި މަސައްކަތްތަކުގެ ސަބަބުން، ބައެއް މަސައްކަތްތައް އަތޮޅުން އަދި ބައެއް މަސައްކަތްތައް ރަށުން ކުރެވޭނެގޮތް ހަމަޖެހި، ރައްޔިތުންނާ ގާތުން ޚިދުމަތް ލިބޭނެ މަގު ފަހިވެގެންދިޔަކަންވެސް ހަނދާންކޮށްލަންޖެހެއެވެ.
އަތޮޅުތަކުގައި އަތޮޅުވެރިން ތިއްބެވި ދުވަސްވަރު، އޭރު ބައެއް އަތޮޅުތަކުގެ އަތޮޅުވެރިންގެ ގޮތުގައި ރާއްޖެތެރޭގެ ރަށްރަށުގެ ބޭފުޅުންވެސް ތިއްބެވިއެވެ. މާލޭގައި އެ ބޭފުޅުންގެ ގެދޮރެއް، ވަޒަނެއް ނުހުރެއެވެ. އެހެންކަމުން، އެފަދަ ބޭފުޅުން، ސަރުކާރުގެ ބޭނުންފުޅުތަކުގައި މާލެއަށް ވަޑައިގެން އުޅުއްވަން ޖެހިވަޑައިގަންނަވާ ގޮތުން، އެކަމަށް ހެޔޮ ބަދަލެއް ގެންނެވުމަށް އާދަމް ޢަބްދުއްރަޙްމާން އިސްނަންގަވައިގެން މަސައްކަތްޕުޅު ކުރެއްވިއެވެ. އަދި އެ ކުރެއްވި މަސައްކަތްޕުޅުގެ ސަބަބުން އެކަން ކާމިޔާބުވެ، ރަނގަޅު ގޮތްތަކެއް ހަމަޖެހިގެންދިޔައެވެ. މި މަސައްކަތުގައި އާދަމް ޢަބްދުއްރަޙްމާން އަރިހުގައި އެ ދުވަސްވަރު ތ. އަތޮޅު އަތޮޅުވެރިކަމުގައި ހުންނެވި އަލްމަރްޙޫމް އިބްރާހީމް މަނިކު ދޮންމަނިކު ބައިވެރިވެވަޑައިގެންނެވިއެވެ.
އާދަމް ޢަބްދުއްރަޙްމާނަކީ، އުތީމު ކަތީބު ކަމުގައި ހުންނެވި ދުވަސްވަރުވެސް އަދި އޭގެ ފަހުން ތިލަދުންމަތީ އުތުރުބުރީ އަތޮޅުވެރިކަމުގެ މަގާމުގައި ހުންނެވިއިރުވެސް ރައްޔިތުންނާ ވަރަށް ގާތްގުޅުމެއް ބޭއްވެވި، ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތްޕުޅު ކުރެއްވި ބޭފުޅެކެވެ. ރައްޔިތުންގެ މުހުތާދުތައް ދެނެވަޑައިގެން ރައްޔިތުންނަށް ދަތިވާ ކަންކަން އެވަގުތަކަށް ހައްލުކޮށްދެއްވެން އޮތް މިންވަރަކުން ހައްލުކޮށްދެއްވި ބޭފުޅެކެވެ.
ތިލަދުންމަތީ އުތުރުބުރީ އަތޮޅުވެރިކަން ކުރެއްވުމަށްފަހު، އާދަމް ޢަބްދުއްރަޙްމާން ދެން ޚިދުމަތް ކުރެއްވީ، ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ މުދީރުގެ މަގާމުގައެވެ. ތިން އަހަރަށްވުރެ ދިގު މުއްދަތެއްގައި އެ މަގާމު ފުރުއްވިއިރު، ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު، ޒަމާނަށް ދެމިހުންނަނިވި ތާރީޚީ ބިނާއެއްގެ ގޮތުގައި ބެހެއްޓެވުމަށް ވަރަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތްޕުޅު ކުރެއްވިއެވެ. އާދަމް ޢަބްދުއްރަޙްމާނަކީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ރާއްޖެތެރޭގެ ކިޔަވައިދޭ ތަންތާނގެ ނާޒިރުކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ.
އާދަމް ޢަބްދުއްރަޙްމާނަކީ، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިންވެސް ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ރާއްޖޭގައި މިހާރު ތިއްބެވި ބަހާއި އަދަބުގެ ފަންނީ ބޭފުޅުންގެ ތެރެއިން އެންމެކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ އެއް ބޭފުޅެކެވެ. އާދަމް ޢަބްދުއްރަޙްމާނަކީ، މޮޅު ލިޔުންތެރިއެކެވެ. އަދީބެކެވެ. ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ. އެންމެ ޚާއްޞަ ފަންނަކީ، ޅެންވެރިކަމުގެ ފަންނެވެ. ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން، ޅެންހެދުމުގެ ރޮނގުން 2004 ވަނަ އަހަރު ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އާދަމް ޢަބްދުއްރަޙްމާނަށް ވަނީ ލިބިވަޑައިގެންފައެވެ. އަދި އޭގެ 12 އަހަރު ފަހުން، 2016 ވަނަ އަހަރު ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ވަނީ ލިބިވަޑައިގެންފައެވެ.
އާދަމް ޢަބްދުއްރަޙްމާން ލިޔުއްވައިފައިވާ ފޮތްތަކުގެ ތެރެއިން އެންމެ މަޝްހޫރު އެއްފޮތަކީ، "ދިވެހި ދިރިއުޅުމުގެ ތެރެއިން......." މި ނަމުގައި ދިވެހިންގެ އާދަކާދައާއި، ޘަޤާފަތުގެ މައްޗަށް ލިޔުއްވި 600 ޞަފްޙާ އެކުލެވޭ ފޮތެވެ. މި ފޮތް ވެގެންދިޔައީ، ދިވެހި އަދަބިއްޔާތުގެ މުހިންމު ތަރިކައަކަށެވެ. މި ފޮތުގައި ދިވެހިންގެ އިހުގެ އާދަކާދަ ހުންނަ ތަރުތީބު މަގުތަކާއި، އިހުއްސުރެ ކަންކަން ކުރަމުން އައިސްފައިވާ އުޞޫލުތަކާއި ގޮތްތަކުގެ މައްޗަށް ވަރަށް ތަފްޞީލުކޮށް ބައްލަވައިލައްވައިފައި ވެއެވެ. މީގެއިތުރުން، ތަފާތު އެކި މަޖައްލާތަކަށް އެކި މައުޟޫޢުތަކަށް އާދަމް ޢަބްދުއްރަޙްމާން ވަނީ އެކި ލިޔުންތައް ލިޔުއްވައިފައެވެ. އެގޮތުން، "ފަތްތޫރަ" މަޖައްލާއަށާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ނެރުއްވާ "އައްޑަނަ" މަޖައްލާއަށާއި، ލިޔުންތެރިންގެ ގުޅުމުން ނެރުއްވި މަޖައްލާ "ލިޔުންތެރިޔާ" އަށާއި، ކުރިން ނެރެމުންދިޔަ "ދަރުމަ" މަޖައްލާއަށްވެސް އެކި ލިޔުންތައް ލިޔުއްވައިފައި ވެއެވެ. އަދި މިހާރުވެސް އޮންލައިން ނޫސްތަކަށް ބައެއް ލިޔުންތައް ލިޔުއްވައި ޅެން ހައްދަވަމުން ގެންދަވައެވެ.
އާދަމް ޢަބްދުއްރަޙްމާންގެ ފުރަތަމަ އެދުރުންނަކީ، ލޮބުވެތި މަންމައާއި ބައްޕައެވެ. ނޮޅިވަރަންފަރު މަދްރަސަތުލް އަމީރު އަމީނުން އިބްތިދާއީ ތަޢުލީމު ފުރިހަމަކުރެއްވުމަށްފަހު، ސާނަވީ ތަޢުލީމާއި ތަމްރީނު ހޯއްދެވީ، ދިއްދޫ މަދްރަސަތުލް ޣާޒީ މުޙައްމަދުންނެވެ.
އާދަމް ޢަބްދުއްރަޙްމާންގެ އެންމެ އާދަޔާޚިލާފު ފަންނަކީ، ހިތަށް ނަލަ، ދުލަށްފަހި ވަޒަންތަކުން ހައްދަވާ މުތްތަކެއް ފަދަ ޢަޖައިބުކުރުވަނިވި ފުރިހަމަ ޅެންވެރިކަމެވެ. ޅެންވެރިކަމުގެ ފުރަތަމަ އުސްތާޒަކީ، އަލްމަރްޙޫމް ހޯރަފުށީ އާދަމް ސަލީމެވެ. އޭގެފަހުން ބައެއް އެހެން އުސްތާޒުން ޚާއްޞަކޮށް، މަޝްހޫރު އަދީބު އަދި ޝާޢިރު ޢަބްދުﷲ ޞާދިޤުގެ އަރިހުން އިތުރު މަޢުލޫމާތު ހޯއްދެވިއެވެ. މި ފަންނު ބޮޑަށް ތަރައްޤީ ކުރެއްވީ އަމިއްލަފުޅު މަސައްކަތުންނެވެ. އެންމެ ފުރަތަމަ ޅެމެއް ހައްދަވައިފައިވަނީ މަދްރަސީ ދައުރުގައެވެ. ފުރަތަމަ ހެއްދެވީ މި ދަންނަވާ ޅެންބައިތެވެ.
ގުލްޝަނުން މިއަދުގެ އުފައުވެރި މާތަކޭ ފޮޅެމުންދަނީ
ބުލްބުލާ މުނިޔާތަކާވެސް ހަރުއަޑުން ގޮވަމުން ދަނީ
އާދަމް ޢަބްދުއްރަޙްމާންގެ ޅެންވެރިކަމުގެ ފަންނަށް ނަޒަރު ހިންގާލާއިރު، އަދުގެ ބައެއް ނާޤިދުންގެ ނަޒަރުގައި، އާދަމް ޢަބްދުއްރަޙްމާންގެ ޅެންވެރިކަމުގެ ތެރެއިން "ދިވެހި ޅެންވެރިކަމުގެ އުޖާލާވި ރަންތަރި" މަޝްހޫރު އުސްތާޛުލްޖީލު އަލްމަރްޙޫމް މުޙައްމަދު ޖަމީލްގެ "ޅެންވެރިކަމުގެ ހުވަނދު" އާދަމް ޢަބްދުއްރަޙްމާންގެ ޅެންތަކުން ފެންނަހާ ފުރިހަމައަށް ފެންނަ އެހެން ޅެންތަކެއް މަދުންނޫނީ ނުފެންނަކަން ފާހަގަކޮށްލަންޖެހެއެވެ. އެ މަނިކުފާނަކީ، ހައްދަވަން ޖެހިވަޑައިގެންނެވި ކޮންމެ މައުޟޫޢަކަށްވެސް ވަރަށް ފަރިތަކަމާއެކުގައި ޅެން ހައްދަވާ ޝާޢިރެކެވެ. ޅެމުގެ އިތުރުން، ލަވަޔާއި ރައިވަރު ފަދަ ޅެންވެރިކަމުގެ އެކިކުލަކުލައިގެ ބާވަތްތަކުން ގެންދަވަނީ، ދިވެހި ޅެންވެރިކަމުގެ އާ އުސްމިންތަކަކަށް ދަތުރުކުރައްވަމުންނެވެ.
އާދަމް ޢަބްދުއްރަޙްމާނަކީ، ވަސްމީރު އަސަރުގަދަ ޅެންތައް އެކުލަވައިލައްވައިގެން، އެކިއެކި ފޮތްތައްވެސް ނެރުއްވަމުން ގެންދަވާ ބޭފުޅެކެވެ. އެގޮތުން، "ޅެމުގެ މަންސަފަ"، "ޅެން މޮހޮރީ" "އަލިމަސް" އަދި "ހީރާ" ހިމެނެއެވެ. މީގެއިތުރަށް، 100 ޅެމުގެ ޅެންފޮތެއް "ބިރާގަން" މި ނަމުގައި އޮންލައިންކޮށް ނެރުއްވައިފައި ވެއެވެ. މިއިން ކޮންމެ ޅެން ފޮތެއްގެ ކޮންމެ ޅެމަކަށް ބަލައިލުމުންވެސް ފެންނަނީ، ޅެންވެރިކަމުގެ ފަންނުގައި ގެންގުޅުއްވާ އާދަޔާޚިލާފު އުފެއްދުންތެރި ޚިޔާލާއި ކުޅަދާނަކަމެވެ. ހައްދަވައިފައިވާ ބައެއް ޅެންތަކުގެ މާނަ ފުންކަމެވެ. ޚާއްޞަކޮށް، އާދަމް ޢަބްދުއްރަޙްމާން ހައްދަވައިފައިވާ ލޯބީގެ ޅެންތަކާއި، ސިޔާސީ ޅެންތައް، މިގޮތުން ފާހަގަކޮށްލަންޖެހެއެވެ.
އާދަމް ޢަބްދުއްރަޙްމާންގެ މަޝްހޫރު ޅެންތަކުގެ ތެރެއިން ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ ރަން ޔޫބީލް މުނާސަބަތުގައި "ޤައުމީ ދިދައިގެ އިލްހާމް"ގެ ނަމުގައި ހެއްދެވި ޅެން، ދިވެހި ޤައުމުގެ ހިތަށް ތަސައްލީއެއް ހޯއްދަވައިދެއްވީ، މި ދަންނަވާ ރީތި ޢިބާރާތްކޮޅުންނެވެ.
ފެނިލުމުން ދިވެހި ދިދަ ވިހުރިލާ، ޖޯޝުގާ ރޫޙު ތާޒާވެލާ
މާނަވީ ބާރުގާ ވެރިވެދާ، އަސަރުގާ ވިންދު ޙަރަކާތްވެލާ
އާދަމް ޢަބްދުއްރަޙްމާނަކީ، ޅެންވެރިކަމުގެ ރޮނގުން ކުރިއަށްދިޔުމަށް ޝައުޤުވެރިވާ ޒުވާނުންނަށް ޅެން ހަދަން ދަސްކޮށްދެއްވައިފައިވާ ބޭފުޅެއްވެސް މެއެވެ. އަދި މިހާރުވެސް އެ ރޮނގުން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ޅެން ހަދަން ދަސްކޮށްދެއްވަމުން ގެންދަވައެވެ. އަދި އެފަދަ ފަރާތްތަކުން ހަދާ ޅެންތައް ބައްލަވައި، ޅެމުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ގެނެވިދާނެ ބަދަލުތަކާ ބެހޭގޮތުން ލަފަޔާއި އިރުޝާދު ދެއްވަމުން ގެންދަވައެވެ.
މިހާރުވެސް އާދަމް ޢަބްދުއްރަޙްމާންގެ ޚިދުމަތް، ދިވެހި އަދަބިއްޔާތުގެ ތަފާތު ދާއިރާތަކަށް ދަނީ ލިބެމުންނެވެ. ޚާއްޞަ ގޮތެއްގައި ދިވެހިބަހުގެ އެކެޑަމީއަށް އެކިގޮތްގޮތުން ވެދެއްވާ އެހީތެރިކަން ފާހަގަކޮށްލަންޖެހެއެވެ. އެކެޑަމީން އެދިވަޑައިގަންނަވާ ކޮންމެ ކަމަކަށް އިޖާބަ ދެއްވައި، ޅެމާއި ޅެންވެރިކަމުގެ ދާއިރާއިންވެސް ކޮށްދެއްވެންހުރި ހުރިހާ ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާކަން އެއީ، އާދަމް ޢަބްދުއްރަޙްމާންގެ ހިތްޕުޅުގައި ދިވެހިބަހަށް އަދި ދިވެހި އަދަބިއްޔާތަށް އުފެދިފައިވާ ޝައުޤުވެރިކަމުގެ ހެތްކެކެވެ.
އާދަމް ޢަބްދުއްރަޙްމާނަށް ލިބިވަޑައިގެންނެވީ 16 ބޭފުޅުންނެވެ. މިހާރު ދުނިޔޭގައި ތިއްބެވި 14 ބޭފުޅުންގެ ތެރެއިން ކޮންމެ ބޭފުޅަކީވެސް ޢިލްމީ ޤާބިލު ބޭފުޅުންކަމަށްވީކަމީ، މިއަދު އާދަމް ޢަބްދުއްރަޙްމާނަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު ހިތްޕުޅުހަމަޖެހިވަޑައިގަތުމެކެވެ.
ޤައުމީ ދުވަހުގެ ބަޠަލް، އަލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމްގެ ޒިކުރާ އުތީމުގައި މިއަދު ފާހަގަކުރަމުންގެންދާއިރު، ރާއްޖޭގެ ފަޚުރުވެރި ޤައުމީދުވަހު އުތީމުގައި މި ބޭއްވޭ ރަސްމީ ޖަލްސާގައި، އުތީމަށް އުފަން އަދި އުތީމަށާއި، ތިލަދުންމަތީ އުތުރުބުރިއަށާއި، އަދި މުޅި ރާއްޖެއަށް އެކި ރޮނގުރޮނގުން ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި އުތީމު އާދަމް ޢަބްދުއްރަޙްމާނަށް ދިވެހި ދައުލަތުން ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތް އަރުވާކަން އެއީ، އާދަމް ޢަބްދުއްރަޙްމާނުގެ ޚިދުމަތުގެ މި ދިގު ތާރީޚުގައި ރަންއަކުރުން ފަވާލެވޭ އަލިގަދަ ޞަފްޙާއެކެވެ. ހަމައެހެންމެ، މިއީ އުތީމުގެ ލޮބުވެތި ރައްޔިތުންނަށް ޚާއްޞަކޮށް، ތިލަދުންމަތީ އުތުރުބުރީގެ ރައްޔިތުންގެ ހިތްތަކުގައި އާދަމް ޢަބްދުއްރަޙްމާނަށް ދެވިފައިވާ އިޙްތިރާމާއި ޤަދަރު އުފުލިގެންދާނެ ވަރަށް މުހިއްމު މުނާސަބަތެކެވެ.