އަލްފާޟިލާ ޒަހިއްޔާ މުޙައްމަދު
މުރީދުގެ އއ. އުކުޅަސް

އަންހެނުންގެ ދާއިރާއިން، އާންމުކޮށް އަންހެނުން ކޮށްނޫޅޭ ބާވަތުގެ މަސައްކަތް ކުރުމުގެ ރޮނގުން މި އަހަރު ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ޒަހިއްޔާ މުޙައްމަދަކީ، ބުޅިޖެހުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ޒަހިއްޔާ އެ މަސައްކަތް ދަސްކުރެއްވީ، މިނިސްޓްރީ އޮފް ފިޝަރީޒުން އުކުޅަހުގައި ސްކޫލް ދަރިވަރުންނަށް ޚާއްޞަކޮށްގެން، 1993 ވަނަ އަހަރު ހިންގި ބުޅިޖަހަން ދަސްކޮށްދިނުމުގެ ޓްރޭނިންގ ޕްރޮގްރާމަކުންނެވެ. އޭރު ލިބިވަޑައިގެންނެވި ތަމްރީނުގެ އަލީގައި، އެ ދުވަހުން ފެށިގެން މިއަދާ ހަމަޔަށްވެސް މެދުނުކެނޑި ޒަހިއްޔާ މުޙައްމަދު ގެންދަވަނީ މަސްބާނާ ބުޅިހެދުމާއި، ބުޅިޖެހުމުގެ މަސައްކަތް ކުރައްވަމުންނެވެ.

ޒަހިއްޔާ މުޙައްމަދު މި މަސައްކަތް މެދުނުކެނޑި ކުރައްވަމުން ގެންދަވާތާ މިހާރު 29 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ. މި މަސައްކަތަށް ޒަހިއްޔާ ޝައުޤުވެރިވެވަޑައިގަތީ، އުކުޅަހަކީ އޭރު ވަރަށްފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރަމުން އައި ރަށަކަށްވުމުން، ރަށުން ބުޅި ލިބެން ހުރުމަކީ، މަސްވެރިންނަށް އެކަމުގެ ލުއިފަސޭހަ ލިބޭނެ ކަމެއްކަމަށް ދެކެވަޑައިގަންނަވާތީއާއި އަދި އެއީ ރަނގަޅު އާމްދަނީއެއް ހޯދޭނެ މަސައްކަތެއް ކަމަށްވެސް ފެނިވަޑައިގަންނަވާތީއެވެ.

ޒަހިއްޔާ މުޙައްމަދަކީ، ބުޅިޖަހާނެ ތައްގަނޑު އަމިއްލައަށް ފަރުމާކުރައްވައިގެން، ތަފާތު ވައްތަރުވައްތަރުގެ ބުޅި ރާއްޖެއަށް ތަޢާރުފުކުރައްވައި މާކެޓް ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި މުޅިން އާ ވައްތަރުވައްތަރުގެ ބުޅި އީޖާދު ކުރައްވައި، މިހާރު ހަތް ވައްތަރެއްގެ ބުޅި ހެދުމާއި، ބުޅިޖެހުމުގެ މަސައްކަތް ދަސްކުރައްވައިފައި ވެއެވެ. ރަށުގެ ފިރިހެނުންނަށާއި އަދި ޚާއްޞަކޮށް، އަންހެނުންނަށް އެއްވެސް އަގަކާނުލައި މި މަސައްކަތް ދަސްކޮށްދެއްވުމުގައްޔާއި، ބުޅި މާކެޓްކުރުމުގައި ޒަހިއްޔާ މުޙައްމަދު އެހީތެރިވެދެއްވައިފައި ވެއެވެ.

ޒަހިއްޔާ މުޙައްމަދަށް ބުޅިޖެހުމުގެ މަސައްކަތުގައި މިހާތަނަށް ކުރިއަށް ވަޑައިގެންނެވުނީ ވަރަށްގިނަ ދަތި އުނދަގޫތައް ތަޖުރިބާ ކުރެއްވުމަށްފަހުގައެވެ. ކޮލިޓީ ރަނގަޅު ތިމަރަ ލިބުމުގެ ދަތިކަމާއި، ބޭރު ޤައުމުތަކުން ބައެއް ތަކެތި ހޯއްދަވައިގެން ގެންނެވުމުގައި ދިމާވި ދަތިކަމާއި، ތައްގަނޑު ނެތުމުގެ ސަބަބުން ބުޅިއެޅުމާއި ބުޅި ޖެހުމުގައި ދިމާވި ގޮންޖެހުންތައް ގިނައެވެ. އެހެންނަމަވެސް، މި ހުރިހާ ގޮންޖެހުންތަކަކާ އެކުގައިވެސް މިއަދާ ހަމަޔަށްވެސް މި މަސައްކަތުގައި ޒަހިއްޔާ މުޙައްމަދު ސާބިތުކަމާއެކުގައި ދެމިހުންނެވިކަން އެއީ، ޚާއްޞަގޮތެއްގައި ފާހަގަކޮށްލަންޖެހޭ ކަމެކެވެ.

ޒަހިއްޔާ މުޙައްމަދަކީ، ގިނަ އަދަދެއްގެ މީހުންނާއި ކުދިންނަށް ބުޅިޖަހަން ދަސްކޮށްދެއްވައިފައިވާ އަދި މިހާރުވެސް އެ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ޒަހިއްޔާގެ އަރިހުން ބުޅިޖަހަން ދަސްކޮށްގެން، އެ މަސައްކަތްކުރާ ކުދިންނާއި މީހުން މިއަދު ފެނިވަޑައިގަންނަވާކަމީ، ޒަހިއްޔާ ކުރައްވާ މަސައްކަތުން ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ނަތީޖާއެވެ.

ޒަހިއްޔާ މުޙައްމަދުގެ މަސައްކަތްތައް ބައްލަވައިލެއްވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީގެ މެންބަރުން އުކުޅަހަށް ކުރެއްވި ޒިޔާރަތުގައި، ޒަހިއްޔާ މުޙައްމަދާ ބައްދަލުކުރައްވައި، ބުޅިޖެހުމުގެ މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތުވެސް ހޯއްދެވިއެވެ. އަދި އުކުޅަހު ކައުންސިލާވެސް ކޮމިޓީގެ މެންބަރުން ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުންތަކުން ލިބިވަޑައިގެންނެވި މަޢުލޫމާތުތަކަށް ރިޢާޔަތް ކުރައްވާއިރު، ޒަހިއްޔާ މުޙައްމަދަކީ، ވަރަށް ރަނގަޅު ފެންވަރަކަށް، ރަނގަޅު އިންތިޒާމެއްގެ ދަށުން މި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއްކަން ފާހަގަކުރެއްވުނެވެ.

މި މަސައްކަތުގެ އިތުރުން، ފާއިތުވެދިޔަ ދިގު މުއްދަތުގައި ރަށުގެ ތަރައްޤީއަށްޓަކައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދިނުމާއެކު، ކޭކުއެޅުއްވުމާއި، ފެހުމުގެ މަސައްކަތާއި، މީހުންނަށް ފަހަން ދަސްކޮށްދެއްވުމުގެ މަސައްކަތްވެސް ޒަހިއްޔާ ކުރައްވަމުން ގެންދަވައެވެ. ޒަހިއްޔާއަކީ މިހާރު އުކުޅަހު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާވެސް މެއެވެ.