
މުޙައްމަދު ޖައިލަމަކީ، ރާއްޖޭގެ އައި.ސީ.ޓީ. ދާއިރާގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯއްދަވައިފައިވާ އުފެއްދުންތެރިއެކެވެ. މުޙައްމަދު ޖައިލަމްގެ މަސައްކަތްތައް އަމާޒު ކުރައްވައިފައި ވަނީ ޓެކްނޯލޮޖީގެ ޒަރީއާއިން ޤައުމުގެ ތަރައްޤީއަށާއި، މުޖުތަމަޢުގެ ލާބަޔަށް ޚިދުމަތް ކުރެއްވުމުގެ މައްޗަށެވެ. "ޖަވާބު ޕްރައިވެޓް ލިމިޓެޑް"ގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ ހައިސިއްޔަތުން މުޙައްމަދު ޖައިލަމް ވަނީ ސަރުކާރުގެ އެތައް އިދާރާއަކަށާއި، އަމިއްލަ އެކި ފަރާތްތަކަށް ފަންސާހަށްވުރެ ގިނަ ވެބްސައިޓާއި، އެޕްލިކޭޝަން ތައްޔާރުކޮށްދެއްވައިފައެވެ. މީގެތެރޭގައި، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރަމުންގެންދާ "ވިޒިޓް މޯލްޑިވްސް" ވެބްސައިޓް ހިމެނެއެވެ.
މުޙައްމަދު ޖައިލަމް ކުރައްވައިފައިވާ މަސައްކަތްތަކުގެ ތެރެއިން އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ އެއްކަމަކީ، ދިވެހިބަހާއި ސަގާފަތް ކުރިއެރުވުމުގެ ރޮނގުން ކުރައްވައިފައިވާ މަސައްކަތެވެ. ޖައިލަމް ވަނީ "ދިވެހިފޮތް" އެޕް އަދި "ދިވެހި ޖީ.ޕީ.ޓީ." އުފައްދަވައިފައެވެ. މި އުފެއްދުންތަކުގެ ސަބަބުން ދިވެހި ލިޔުންތެރިންނަށް ފޮތް ވިއްކުމުގެ ޕްލެޓްފޯމެއް ޤާއިމުވެ، ދިވެހިބަހުން އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރުމުގެ މަގުފަހިވެގެންދިޔައެވެ.
އައި.ސީ.ޓީ. ދާއިރާއިން މީހުން ބިނާކުރެއްވުމަށްޓަކައިވެސް މުޙައްމަދު ޖައިލަމް ވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފައެވެ. "ޖަވާބު އެކެޑަމީ" މެދުވެރިކޮށް، 2500 އަށްވުރެ ގިނަ ދިވެހިންނަށް ވަނީ ތަމްރީނު ދެއްވައިފައެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައި.ސީ.ޓީ. ދާއިރާއިން ވަރކްޝޮޕްތައް ހިންގަވައިދެއްވައި، ރަށްރަށުގެ ޒުވާނުން އައި.ސީ.ޓީ.ގެ ދާއިރާއަށް ހޭލުންތެރިކޮށް އަހުލުވެރިކޮށްދެއްވައިފައި ވެއެވެ. ހަމައެހެންމެ، އައި.ސީ.ޓީ.ގެ ރޮނގުން ތަޢުލީމާއި ތަމްރީނު ދިނުމުގެ މިންގަނޑުތައް ކަނޑައެޅުއްވުމުގައިވެސް މުޙައްމަދު ޖައިލަމް މުހިންމު ދައުރެއް އަދާކުރައްވައިފައި ވެއެވެ.
މުޙައްމަދު ޖައިލަމްގެ މި މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ އައި.ސީ.ޓީ. ދާއިރާ ކުރިއަރައި، ޑިޖިޓަލް އިކޮނޮމީ ވަރުގަދަވެ، އަދި ދިވެހިބަހާއި ސަގާފަތް، ޓެކްނޯލޮޖީގެ ޒަރީއާއިން ކުރިއެރުވުމަށް މަގުފަހިވެގެންދިޔަކަން ފާހަގަކޮށްލަންޖެހެއެވެ. ޖައިލަމް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، 2022 ވަނަ އަހަރު، ވިޔަފާރިއާއި އިޤްތިޞާދުގެ ދާއިރާއިން ޒުވާނުންގެ އިނާމު، ޖައިލަމަށް ލިބިވަޑައިގެންފައި ވެއެވެ. ޖައިލަމްގެ މި ހުރިހާ މަސައްކަތަކީ، ރާއްޖޭގެ އައި.ސީ.ޓީ. ދާއިރާއަށާއި، މުޅި މުޖުތަމަޢަށް ފައިދާކުރަނިވި އަދި ޤައުމުގެ ތަރައްޤީއަށްޓަކައި މަގުފަހިކޮށްދޭ މަސައްކަތްތަކެވެ.