އަލްފާޟިލް ޢަލީމުއްދީން
ވިކްޓަރީ ސ. ފޭދޫ

ޢަލީމުއްދީނަކީ އެކި ބާވަތުގެ މަސައްކަތް އަމިއްލަފުޅަށް ދަސްކުރައްވައިގެން، އުފެއްދުންތެރިކަމާއި، ހުނަރުވެރިކަން ހޯއްދަވައިފައިވާ އަދި މުޖުތަމަޢަށް ބޭނުންހިފޭ އެކިއެކި އީޖާދުތައް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ޢަލީމުއްދީންގެ މަސައްކަތްތަކުން ފެންނަނީ، އާދަކާދައިގެ ހުނަރުވެރިކަމާއި، އާ ޚިޔާލުތަކުގެ މުއްސަނދިކަމެވެ. އެކަމުގެ ސަބަބުން، ރަށުގެ ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ އަސަރުކޮށް، އެ މީހުން ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކަށް އިތުރު ފަސޭހަކަމެއް ލިބިގެންދިޔައެވެ.

ޢަލީމުއްދީން މި ކުރައްވާ މަސައްކަތްތަކުގެ ދަތުރު ފެށްޓެވީ، 1987 ވަނަ އަހަރުއެވެ. އެއީ، ބައިސްކަލްގެ ފުރޮޅުގެ ނަރު ފުރުމަށް ބޭނުންވާ ސްޓޭންޑަކާއި ރެންޗެއް އަމިއްލަފުޅަށް އުފެއްދެވި ހިސާބުންނެވެ. އޭގެފަހުން، 1989 ވަނަ އަހަރުގެ ތެރޭގައި، އެލްމެނިއަމް ތެލި އުފައްދަވަން ފެށްޓެވިއެވެ. އަދި 1991 ވަނަ އަހަރުގެ ތެރޭގައި ވަޅިއާއި، ކަތިވަޅިފަދަ ތަކެތިވެސް ހައްދަވަން ފެށްޓެވިއެވެ. މިއީ ދިވެހި ކޮންމެ ބަދިގެއެއްގައިވެސް މިހާރުވެސް ބޭނުންކުރަމުންގެންދާ އާލާތްތަކެވެ.

ޢަލީމުއްދީންގެ މަސައްކަތް ތަރައްޤީ ކުރައްވަމުން ގެންދަވައި، ދިޔަދޮވި ހަދާ މެޝިނެއް، 1992 ވަނަ އަހަރު އުފެއްދެވިއެވެ. އަދި އެ މެޝިންގެ ބޭނުން މިހާރުވެސް ވަރަށް ފުރިހަމައަށް ކުރައްވަމުން އެބަ ގެންދަވައެވެ. ރަށުގެ މަސްވެރިންނަށް ކުރިމަތިވާ ދަތިތައް ބައްލަވައި، އެކަންކަމަށް ޙައްލެއް ހޯއްދަވައި ދެއްވުމުގެ ގޮތުން، 1993 ވަނަ އަހަރު ފެށްޓެވީ، މަސްބޭނުމަށް ބޭނުންކުރާ ބުޅި ހެއްދެވުމުގެ މަސައްކަތެވެ. ރަށުގެ މަސްވެރިންނަށް މިކަމުން ވަރަށް ބޮޑު ފަސޭހަކަމެއް ލިބިގެންދިޔައެވެ. އޭގެފަހުން، ދާނި ހެދުމުގެ މަސައްކަތް، 1995 ވަނަ އަހަރު ޢަލީމުއްދީން ކުރައްވަން ފެށްޓެވިއެވެ. ޢަލީމުއްދީންގެ އަނބިކަނބަލުންގެ ބައްޕަޔާ ދެ ބޭފުޅުން ބައިވެރިވެވަޑައިގެން، އަތުން ބޭނުންކުރާ ފޯއްކޮށާ މެޝިނެއް އުފައްދަވައި، އެ މެޝިނަށް ދިވެހި މަސައްކަތްތެރިންގެ މަޢުރަޒުން 3 ވަނަ ލިބުނުކަން ފާހަގަކޮށްލަންޖެހެއެވެ. މިއީ، ޢަލީމުއްދީން ޙިއްޞާވާގޮތަށް ލިބުނު ޤައުމީ ފެންވަރުގެ ފުރަތަމަ ޝަރަފެވެ.

ޢަލީމުއްދީން ކުރައްވަމުން ގެންދަވާ މަސައްކަތްތައް، އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީ ކުރައްވަމުން ގެންދަވައި، ކަރަންޓް ބޭނުންކޮށްގެން ފޯއްކޮށާ މެޝިނެއް، 2005 ވަނަ އަހަރު އުފެއްދެވިއެވެ. މިއީ ޢަލީމުއްދީނާއި، ޢަލީމުއްދީންގެ އަނބިކަނބަލުންގެ ބައްޕަ ފެށްޓެވި މަސައްކަތުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން އީޖާދުކުރެއްވި ހަނދާނީ ރަމްޒެކެވެ.

މުޖުތަމަޢުގެ ބޭނުންތަކަށް އިޖާބަ ދެއްވުމުގެ ގޮތުން، 2008 ވަނަ އަހަރު އެކިބާވަތްތަކުގެ ތަފާތު މެޝިންތައް އުފައްދަވަން ފެށްޓެވިއެވެ. އޭގެތެރޭގައި، ހަވާދު ހަނާކުރާ މެޝިނާއި، ހަވާދު މުގުރާ މެޝިނާއި، ހުނިގާނާ މެޝިން ހިމެނެއެވެ. މި މެޝިންތައް ފަރުމާކުރެއްވީ، ކާބޯތަކެތި ތައްޔާރުކޮށް ޕްރޮސެސް ކުރުމަށް ފަސޭހަކުރެއްވުމުގެ ގޮތުންނެވެ. އޭގެފަހުން، 2009 ވަނަ އަހަރު އުފެއްދެވީ، ވަޅޯމަސް ކޮށާ މެޝިނެކެވެ. މިއީ، ދިވެހި ކާނާގެ މުހިންމު ބައެއް ކަމުގައިވާ ހިކިމަސް ކޮށައި ބަންދުކުރުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން އުފެއްދެވި މެޝިނެކެވެ.

ޢަލީމުއްދީންގެ އެހެނިހެން މަސައްކަތްތަކުގެ ތެރޭގައި، 2013 ވަނަ އަހަރު އުފެއްދެވި ޕްރެސްކުރާ މެޝިނަކާއި، އެކިވައްތަރުގެ ދަގަނޑު ގޭޓު ހެދުމަށް، 2018 ވަނަ އަހަރު އުފެއްދެވި ދަގަނޑު ލަނބާ މެޝިނަކާއި، 2021 ވަނަ އަހަރު އުފެއްދެވި ތަރުކާރީއާއި ފަލަމަޑީގެ ބާވަތްތައް ކޮށާ މެޝިން ހިމެނެއެވެ. މިއިން ކޮންމެ އުފެއްދުމަކުންވެސް ދައްކައިދެނީ، ޒަމާނާއެކުގައި ބަދަލުވަމުންދާ ކަންކަމަށާއި، އެކިއެކި ބޭނުންތަކަށް ޢަލީމުއްދީން އަހުލުވެރިވަމުންދާ މިންވަރެވެ.

ޢަލީމުއްދީންގެ އެންމެފަހުގެ އުފެއްދުމަކީ ލޭތު މެޝިނެކެވެ. މިއީ، ޢަލީމުއްދީންގެ ހުނަރުވެރިކަމާއި، ފަންނީ ކުރިއެރުމާއި، މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް އަބަދުވެސް ގަދައަޅައި މަސައްކަތް ކުރައްވާކަން ދައްކައިދިން ކަމެކެވެ.

ޢަލީމުއްދީން މަޝްހޫރުވެފައިވަނީ ހަމައެކަނި މެޝިންތައް އުފެއްދުމަކަށް އެކަންޏެއްނޫނެވެ. ޢަލީމުއްދީން މެޝިންތައް އުފައްދައި، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވިއްކަވަމުންވެސް ގެންދަވައެވެ. ޢަލީމުއްދީން އުފައްދަވާ ކޮންމެ އުފެއްދުމެއްވެސް ފަރުމާކުރައްވައިފައިވަނީ، ވަކި ޚާއްޞަ ބޭނުމަކަށެވެ. ޢަލީމުއްދީންގެ ޢަޒުމަކީ، ދިމާވާ ކަންކަމަށް އަބަދުވެސް ޙައްލު ހޯއްދަވައި ދެއްވުމާއި، މުޖުތަމަޢަށް އެހީތެރިވެދެއްވުމާއި، ކޮންމެވެސް ތަފާތެއް ގެނެސްދޭ އެއްޗެއް އުފެއްދެވުމަށް އޮންނަ ޝައުޤުވެރިކަމެވެ.

ޢަލީމުއްދީނުގެ މަސައްކަތް ބައްލަވައިލެއްވުމަށްޓަކައި، ޤައުމީ އިނާމާބެހޭ ކޮމިޓީގެ މެންބަރުން ފޭދުއަށް ކުރެއްވި ޒިޔާރަތުގައި، ޢަލީމުއްދީނާ ބައްދަލުކުރައްވައި، އެ މަސައްކަތްތައް ކުރައްވަމުން ގެންދަވާ ގޮތުގެ މަޢުލޫމާތު ހޯއްދެވިއެވެ. ކޮމިޓީގެ ބޭފުޅުންނަށް ފާހަގަކުރެއްވުނީ، ޢަލީމުއްދީނަކީ، ވަރަށް ހުނަރުވެރި، ފަންނުވެރި ބޭފުޅެއްގެ ގޮތުގައެވެ. ކޮމިޓީގެ މެންބަރުން އައްޑޫސިޓީ ކައުންސިލާ ބައްދަލުކުރެއްވުމުންވެސް އެނގިވަޑައިގަތީ، ޢަލީމުއްދީނަކީ ވަރަށް ހީވާގި އަދި އެ ކުރައްވާ މަސައްކަތެއް ތަރައްޤީ ކުރެއްވުމަށް ވަރަށްބޮޑު އިސްކަމެއް ދެއްވަމުން ގެންދަވާ ބޭފުޅެއްކަމެވެ.

ޢަލީމުއްދީން ވަނީ ދެމެހެއްޓެނިވި އުފެއްދުންތަކާއި، ޢަމަލީ ހުނަރުވެރިކަމުގެ ތެރެއިން އާދަކާދައާއި ތަރައްޤީ ގުޅުވައިދޭ ތަރިކަތަކެއް އުފައްދަވައިފައެވެ.