
އަޙްމަދު ވަޙީދު ޢަލީއަކީ އުމުރުން 18 އަހަރުން ފެށިގެން މުޖުތަމަޢުގެ ފައިދާއާއި، ލާބަޔަށްޓަކައި ހިލޭސާބަހަށް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. 1990 ވަނަ އަހަރުގެ ކުރީކޮޅު އުފެދުނު ކެލާ ބްރައިޓް ސްޓާރ އުފެދުނު ހިސާބުން ފެށިގެން އެ ކްލަބު އުވާލަންދެން އެކްލަބުގެ ރައީސަކަށް ހުންނެވީ، އަޙްމަދު ވަޙީދު ޢަލީއެވެ. ކުރު މުއްދަތެއްގައި އެ ޖަމުޢިއްޔާގެ ޚިދުމަތްތައް ރަށަށާއި މުޅި އަތޮޅަށް ލިބިގެންދިޔައީ، އާދަޔާޚިލާފު ރޫޙެއްގައެވެ. އެކަމުގެ ޙަޤީޤީ މޭސްތިރިޔަކީ އަޙްމަދު ވަޙީދު ޢަލީއެވެ.
ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އަޙްމަދު ވަޙީދު ޢަލީ މަސައްކަތް ކުރެއްވި 11 އަހަރެއްހައި ދުވަހުގެ ތެރޭގައި، ހއ. ދިއްދޫގެ ރައްޔިތުންނަށްޓަކައި އެތައް މަސައްކަތްތަކެއް ހިލޭސާބަހަށް ވަނީ ކޮށްދެއްވައިފައެވެ.
2000 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހު ކެލާ ޔޫތު ފޯރަމް އުފެދުނުއިރު، އެ ޖަމުޢިއްޔާ އުފެއްދި ދެ ބާނީންގެ ތެރެއިން އެއްބޭފުޅަކީ، އަޙްމަދު ވަޙީދު ޢަލީއެވެ. ޖަމުޢިއްޔާ އުފެދިގެން މިވީ 25 އަހަރެއްހައި ދުވަހުގެ ތެރޭގައި، ކެލާ ޔޫތު ފޯރަމް ރާއްޖެއަށް މަޝްހޫރުވެގެންދިޔަ ދިޔުމުގައި އަޙްމަދު ވަޙީދު ކުރައްވައިފައިވާ މަސައްކަތްތަކަކީ، ތަޢުރީފު ޙައްޤު މަސައްކަތްތަކެކެވެ. ޖަމުޢިއްޔާގެ މުއައްސިސެއްގެ ގޮތުގައި ހުންނަވައިގެން، ޖަމުޢިއްޔާ ހަރަކާތްތެރިކުރެއްވުމުގައި ޢަމަލީގޮތުން ކުރައްވާ މަސައްކަތްތައްވެސް އެހާމެ ގިނައެވެ. ޖަމުޢިއްޔާއިން ހިންގާ އެކިއެކި މަޝްރޫޢުތައް އެކުލަވައިލައްވައި، އެ މަޝްރޫޢުތައް ހިންގުމަށް މާލީ އެހީ ހޯއްދަވައި، އަރުތަވެރި މަސައްކަތްތަކެއް ޖަމުޢިއްޔާއިން ކުރެވިގެން އަންނަނީ އަޙްމަދު ވަޙީދުގެ ޙިއްޞާއާއެކުގައެވެ.
އަޙްމަދު ވަޙީދު ޢަލީ ވަނީ، ކެލާ ރަށްކުރިއަރުވާ ކޮމިޓީގައްޔާއި، ހއ. އަތޮޅު އަތޮޅު ކުރިއަރުވާ ކޮމިޓީގައި ދަރުމަޔަށް މަސައްކަތް ކުރައްވައިފައެވެ. އަދި އަޙްމަދު ވަޙީދަކީ، 24 އަހަރު ވަންދެން ސްކައުޓް ހަރަކާތްތައް ހިންގެވުމުގައި ޚިދުމަތް ކުރައްވައިފައިވާ ސްކައުޓް ލީޑަރެކެވެ. ސްކައުޓުންގެ ތެރެއިން ދަރުމަވެރިން އުފެއްދެވުމަށްޓަކައިވެސް ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ. ހއ. އަތޮޅުގެ ސްކައުޓުންނަށް އަމާޒުކޮށްގެން ބޭއްވި އުތީމު ކޭމްޕާއި، މުޅި އުތުރުގެ ސްކައުޓުންނަށް ޚާއްޞަކޮށްގެން ކެލާގައި ބޭއްވި ނޯދަން ޖަމްބޮރީއަކީ، ވަޙީދުގެ އިސްނެންގެވުމުގެ މަތިން ބޭއްވިގެންދިޔަ މުހިންމު ދެ ހަރަކާތެވެ. އަދި އަޙްމަދު ވަޙީދުގެ ވިލަރެސް ކުރެއްވުމުގެ ދަށުން މުހިންމު ޤައުމީ ހަރަކާތެއްވެސް ކެލާގައި ބާއްވަވައިފައި ވެއެވެ. އެއީ، 2007 ވަނަ އަހަރުގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ޤައުމީ ފެންވަރުގައި ކެލާގައި ބޭއްވި ހަރަކާތެވެ. އެ ހަރަކާތާ ގުޅިގެން ކެލައިން އެކުލަވައިލި ޓާސްކްފޯސްގެ ޗެއަރމަނަކީވެސް އަޙްމަދު ވަޙީދެވެ. ސްކައުޓަށް ޚިދުމަތްކުރުމުގެ ރޮނގުން ލޯންގް ސަރވިސް އެވޯޑް އަޙްމަދު ވަޙީދަށް ވަނީ ލިބިވަޑައިގެންފައެވެ.
އަޙްމަދު ވަޙީދަކީ ކެލޭގައި ކުރަމުން އަންނަ އެކިއެކި ކަންކަން އިޝްތިހާރުކޮށް، ރަށުގެ ޚަބަރުތައް ތާޒާކޮށް ގެނެސްދެއްވުމަށްޓަކައި "ތިލައުތުރު ކެލާ"ގެ ނަމުގައި އޮންލައިން ނޫހެއްވެސް ހިންގަވަމުން ގެންދަވާ ބޭފުޅެކެވެ.