
ފާޠިމަތު އިބްރާހީމަކީ، ތަފާތު ރޮނގުރޮނގުން ފާހަގަކޮށްލެވޭ ހުނަރުވެރި ބޭފުޅެކެވެ. ލޮލަށް ފެނުމުން މަޙްރޫމްވެފައިވާ ފާޠިމަތު އިބްރާހީމް ހުސްވަގުތު ހޭދަކުރައްވަނީ، ދިވެހި ރެޑް ކްރެސެންޓްގެ ދަރުމަވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމުގައްޔާއި، މުޖުތަމަޢަށް ދިމާވެފައިވާ އެކިއެކި މައްސަލަތައް ޙައްލުކުރެއްވުމުގައްޔާއި، އާންމު ފަރުދުން ހޭލުންތެރިކުރުވުމުގެ ގޮތުން އެކިއެކި ތަމްރީނު ޕްރޮގްރާމްތައް ހިންގެވުމުގެ މަސައްކަތުގައެވެ. އާންމު ފަރުދެއްގެ ހައިސިއްޔަތުން ކުރައްވާ ކޮންމެ ކަމެއްގައި އިސްނަންގަވައިގެން، މުޖުތަމަޢުގެ ބާރު އެއްފަސްކުރެއްވުމަށް މަސައްކަތް ކުރެއްވުމަކީ، ވާޖިބެއްގެ ގޮތުގައި ދެކެވަޑައިގަންނަވައެވެ.
ފާޠިމަތު އިބްރާހީމަކީ، ދިވެހިރާއްޖޭގައި ތިބި ލޯފަން ކުދިންނާއި މީހުންގެ ޙައްޤުތައް ހޯދައިދޭ ޖަމުޢިއްޔާއެއް ކަމުގައިވާ "ބްލައިންޑް އެންޑް ވިޜުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް"ގެ މެންބަރެކެވެ. ފާޠިމަތު އިބްރާހީމް، 2011 ވަނަ އަހަރުގެ ތެރޭގައި، ދިވެހި ރެޑް ކްރެސެންޓާ ގުޅިވަޑައިގެން، އެ ޖަމާޢަތުގެ ދަރުމަވެރިއެއްގެ ގޮތުގައި އަދި މެންބަރެއްގެ ގޮތުގައި ޚިދުމަތް ކުރައްވަން ފެށްޓެވިއެވެ. މީގެއިތުރުން، އުފަން ރަށް، ހިންނަވަރުގެ އެކި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ މަޢުލޫމާތުތައް ޢާންމު ފަރުދުންނާ ޙިއްޞާކުރައްވައި، ރެޑް ކްރެސެންޓުގެ ފަރާތުން 2011 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 8 ން ނޮވެންބަރު މަހުގެ 22 އަށް ބޭއްވި، ވަލްނަރަބިލިޓީ އެންޑް ކެޕޭސިޓީ އެސެސްމަންޓް ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެންފައެވެ. އަދި ފެސިލިޓޭޓަރސް ޓްރޭނިންގއާ ބެހޭ ތަމްރީނު ހާސިލުކުރައްވައި، ލޯފަން ކުދިންގެ ޖަމުޢިއްޔާގެ ފަރާތުން ބާއްވާ ގިނަ ހަރަކާތްތަކުގައި، ފާޠިމަތު އިބްރާހީމް އަމިއްލައަށް އިސްނަންގަވައިގެން މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކޮށްލަންޖެހެއެވެ. ފާޠިމަތު އިބްރާހީމަކީ، ޅ. ހިންނަވަރުގައި ހަރަކާތްތެރިވާ ޖަމުޢިއްޔާއެއް ކަމަށްވާ "ކްލަބް ހިއުމަން"ގެ ހީވާގި މެންބަރެކެވެ. އަދި 16 އޮކްޓޫބަރު 2011 އިން ފެށިގެން އެ ޖަމުޢިއްޔާގެ ހިންގާ ކޮމިޓީގެ މެންބަރެއްވެސް މެއެވެ. ހިންގާ ކޮމިޓީގައި މިހާރު އަދާކުރައްވާ މަގާމަކީ، ސީނިއަރ އެގްޒެކެޓިވް ސެކްރެޓެރީގެ މަގާމެވެ.
ފާޠިމަތު އިބްރާހީމް ވަނީ 2012 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބޭއްވުނު ތަފާތު ކަންތައްތަކާ ގުޅޭ ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގެންފައެވެ. މީގެއިތުރުން، ދިވެހި ރެޑް ކްރެސެންޓުން 2012 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 23ން 27 އަށް ބޭއްވި ކޮމިއުނިޓީ ފެސިލިޓޭޓަރ ޕްރޮގްރާމްގައްޔާއި، އެ އަހަރުގެ އޮކްޓޫބަރު މަހުގެ 7ން 11 އަށް ބޭއްވި ޅ. ބްރާންޗް ޔޫތު ކޭމްޕްގައްޔާއި، 2012 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 2 ން 5 އަށް ބޭއްވި ފަސްޓްއެއިޑް ސަރވިސް ޓްރޭނިންގވެސް ފުރިހަމަކުރައްވައިފައެވެ. މީގެއިތުރުން، ފާޠިމަތު އިބްރާހީމަކީ، 2013 ވަނަ އަހަރުގެ މޭ މަހު ހިންނަވަރުގައި އެކުލަވައިލި ހިންނަވަރު ޑެންގީ ޓާސްކްފޯސްގެ މެންބަރެއްވެސް މެއެވެ.
2015 ވަނަ އަހަރު ބޭއްވި ފާދިއްޕޮޅު ބަށިބޯޅަ މުބާރާތުގައި ފަސްޓްއެއިޑްގެ ޚިދުމަތް، ފާޠިމަތު އިބްރާހީމް ދެއްވައިފައި ވެއެވެ. މީގެއިތުރުން، 2015 ވަނަ އަހަރުގެ މާރިޗު މަހު ބޭއްވި ބޭސިކް ފަސްޓްއެއިޑް ޓްރޭނިންގގައްޔާއި، 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 25ން 29 އަށް ބޭއްވި ފިޝަރީޒް އެންޑް ޑައިވައިސިފިކޭޝަން ޕްރޮގްރާމްގައްޔާއި، ބޭސިކް ފަސްޓްއެއިޑް ޓްރޭނިންގގައިވެސް ފާޠިމަތު އިބްރާހީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އިޖުތިމާޢީ ކަންކަމުގައި ފުރިހަމަގޮތެއްގައި ބައިވެރިވެވަޑައިގަތުމުގެ ނަތީޖާއެއްގެ ގޮތުން، އެމް.އާރު.ސީ. ޅ. ބްރާންޗްގެ 2014 ވަނަ އަހަރާއި، 2015 ވަނަ އަހަރުގެ ބެސްޓް ވޮލަންޓިއަރގެ މަގާމު ވިދިވިދިގެން ދެ އަހަރު ހޯއްދަވައިފައި ވެއެވެ. ފާޠިމަތު އިބްރާހީމަކީ، 2020 ވަނަ އަހަރުން ފެށިގެން ފަސްޓް ލަރނިންގ ސައިކަލް އެޑްވައިޒަރީ ކޮމިޓީ އޮފް ޔޫ.އެން.ޑީ.ޕީ. ބޯޑުގެ މެންބަރެކެވެ. އަދި 2021 ވަނަ އަހަރުން ފެށިގެން، މޯލްޑިވްސް ރެޑް ކްރެސެންޓް ގަވަރނިންގ ބޯޑުގެ ނޯތު ރީޖަނަލް މެންބަރުކަން ކުރައްވަމުން ގެންދަވާ ބޭފުޅެއްވެސް މެއެވެ. ފާޠިމަތު އިބްރާހީމަށް ވަނީ، 2019 ވަނަ އަހަރު ރިވެލި އެވޯޑު، 2020 ވަނަ އަހަރު ރެހެންދި އެވޯޑު، 2021 ވަނަ އަހަރު ރިވެލި ތަރި އެވޯޑު، 2022 ވަނަ އަހަރު އަދި 2023 ވަނަ އަހަރު ނެޝަނަލް ސްޕޯޓްސް އެވޯޑު އަދި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 3 ވަނަ، ބްރޯންޒް މެޑެލް ލިބިވަޑައިގެންފައެވެ.
ފާޠިމަތު އިބްރާހީމް މިހާރު ހުންނެވީ، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ކަސްޓަމަރ ރިލޭޝަންސް އޮފިސަރުގެ މަގާމުގައެވެ. މި ވަޒީފާ އަދާކުރައްވަމުން ގެންދަވަނީ 30 ޖަނަވަރީ 2017 އިން ފެށިގެންނެވެ.