އަލްފާޟިލާ ޢާމިރާ ސުލައިމާން
ފެހިއަލި ބ. ކެންދޫ

ޢާމިރާ ސުލައިމާނަކީ، އުމުރުން ވަރަށް ކުޑައިރުއްސުރެން ފެށިގެން ދިވެހިބޭސްވެރިކަމުގެ ދާއިރާއަށް ޝައުޤުވެރިކަން ދެއްވަމުން ގެންދެވި ބޭފުޅެކެވެ. އުމުރުން 20 އަހަރުގައި މި ދާއިރާގައި ޢަމަލީގޮތުން މަސައްކަތް ފަށްޓަވައި، މިހާތަނަށް ވަޑައިގެންނެވިއިރު، މިރޮނގުން ގިނަ ކާމިޔާބީތަކެއް ވަނީ ހާސިލު ކުރައްވައިފައެވެ.

ޢާމިރާ ސުލައިމާނަށް ދިވެހިބޭސްވެރިކަމުގެ ދާއިރާއަށް ވެދެވަޑައިގެންނެވުނީ، ޢާއިލާގެ ތެރެއިންނެވެ. މިއަދު ޢާމިރާ ސުލައިމާނަކީ، ހުރިހާ ބާވަތެއްގެ ދިވެހިބޭސް ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. ޢާމިރާ އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެނީ، ރާއްޖޭގައި އާންމުވަމުން އަންނަ ރާއްޖެބަލި ނުވަތަ އާތްރައިޓްސްގެ އެކި ވައްތަރުތަކަށް ދޭންޖެހޭ ފަރުވާ ހޯއްދަވައި، އެ ބައްޔަށް ދޭންޖެހޭ ބޭސް ތައްޔާރުކުރައްވައި، ކާމިޔާބުކަމާއެކުގައި އެކަމަށް ފަރުވާ ދެއްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ.

ރާއްޖެބަލީގެ އިތުރުން، ޢާމިރާ ކާމިޔާބުކަމާއެކުގައި ފަރުވާދެއްވާ ބަލިތަކުގެ ތެރޭގައި، ދަރިމައިވުމުގެ ކަންކަމާއި، ސްޓްރޯކް ޖެހުމާއި، ވައިގެ އެކިކަހަލަ މައްސަލަތަކަށް ދެއްވާ ފަރުވާ ހިމެނެއެވެ. މީގެއިތުރުން، ފުރަގަސްފަރާތު ބައްޔާއި، އެލަރޖީ އަދި ކޮލެސްޓްރޯލްގެ މައްސަލައަށާއި، ޔޫރިކް އެސިޑްގެ ސަބަބުން ދިމާވާ ކަންކަމަށާއި، ކިޑްނީގެ ބަލިތަކަށްވެސް ފަރުވާދެއްވަމުން ގެންދަވައެވެ.

ޢާމިރާ ފަރުވާދެއްވާ ބަލިތަކަށް ފަރުވާ ހޯދުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުން މެދުނުކެނޑި މީހުން އަންނަމުންދެއެވެ. މިގޮތުން، ކޮންމެ މަހަކު މަދުވެގެން 5 ނުވަތަ 10 ބަލިމީހުންނަށް ޚިދުމަތް ދެއްވަމުން ގެންދަވައެވެ. އަދި ސްކޫލްތައް ބަންދު ދުވަސްވަރު މި އަދަދު 20 ނުވަތަ 25އަށް އިތުރުވެގެން ދެއެވެ. ދިވެހިބޭސްކުރުމުގެ އިތުރުން، ބޭސްވެރިކަން ކުރިއަރުވައި، ޒުވާނުންނަށް ބޭސްވެރިކަން ދަސްކޮށްދެއްވުމަށްވެސް އެތައް މަސައްކަތެއް ކުރައްވަމުން ގެންދަވައެވެ. އަދި މީހުންގެ ހިތްތަކުގައި ބޭސްވެރިކަމަށް ޝައުޤުވެރިކަން އުފެއްދެވުމަށް އަމިއްލަފުޅު ގޮތުން ޢާމިރާ ކުރައްވަމުން ގެންދަވާ މަސައްކަތްތައްވެސް ފާހަގަކޮށްލަންޖެހެއެވެ.

ޢާމިރާ ސުލައިމާން ފަރުވާ ދެއްވަމުން ގެންދަވަނީ، ހަމައެކަނި ދިވެހިންނަށް އެކަންޏެއް ނޫނެވެ. ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންނާއި، ރާއްޖެއަށް ޒިޔާރަތްކުރާ ބޭރުގެ ބައެއް ފަތުރުވެރިންވެސް ޢާމިރާގެ ޚިދުމަތް ހޯދަމުން ގެންދާކަން އެއީ، ޢާމިރާއަށް ވަރަށްބޮޑު އުފާފުޅެއް ލިބިވަޑައިގަންނަވާ ކަމެކެވެ.

ޤައުމީ އިނާމާބެހޭ ކޮމިޓީގެ މެންބަރުން ޢާމިރާ ސުލައިމާނުގެ މަސައްކަތް ބައްލަވައިލެއްވުމަށް ކެންދުއަށް ކުރެއްވި ދަތުރުފުޅުން އެ ބޭފުޅުންނަށް ފެނިވަޑައިގަތީ، މި މަސައްކަތަށް ޢާމިރާގެ ހިތްޕުޅުގައި އޮތް ޝައުޤުވެރިކަމެވެ. އަދި މި މަސައްކަތް ތަރައްޤީ ކުރެއްވުމަށް ދެއްވާ އަހަންމިއްޔަތެވެ.

ޢާމިރާ ސުލައިމާނުގެ މަސައްކަތާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުން ކެންދޫ ކައުންސިލާ ބައްދަލުކުރެއްވުމުން، އެ ބޭފުޅުން ދެއްކެވި ވާހަކަފުޅުތަކުންވެސް އެނގިވަޑައިގަތީ، ޢާމިރާ ގާތުން ބޭސްފަރުވާ ހޯދުމަށް އަންނަ މީހުންގެ އިތުބާރު ޢާމިރާއަށް ލިބިވަޑައިގެންފައިވާ މިންވަރެވެ.

ޢާމިރާ ސުލައިމާނަކީ، ބޭސްވެރިކަމާ ގުޅޭގޮތުން ރަށު ފެންވަރުގައްޔާއި، އަތޮޅު ފެންވަރުގައި ބާއްވާ އެކިއެކި ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، ހިލޭސާބަހަށްވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ޢާމިރާއަށް ލިބިވަޑައިގަންނަވާ އެންމެބޮޑު އުފާފުޅަކީ، ޢާމިރާ ދިވެހިބޭހުގެ ފަރުވާ މިހާތަނަށް ދެއްވައިފައިވާ އެކިބަލިތަކުގެ މީހުންގެ ތެރެއިން ފަރުވާ ހޯއްދެވި ގިނަ އަދަދެއްގެ ބަޔަކު، މާތްﷲގެ ރަޙްމަތާ އެކުގައި، އެ ބައްޔަކުން މުޅިން ފަސޭހަވެފައިވުމެވެ.

ޢާމިރާ ސުލައިމާނަކީ، ކެންދޫ އަންހެނުންގެ މިސްކިތުގެ އިމާމުގެ ގޮތުގައިވެސް ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.