
ޑޮކްޓަރ ޢަބްދުލްޢަޒީޒް ޙަމީދު ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ފެށްޓެވީ، މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން އެމް.ބީ.ބީ.އެސް. ހާސިލުކުރެއްވުމަށްފަހު، މ.މުލީ ރީޖަނަލް ހޮސްޕިޓަލްގައި މަސައްކަތް ކުރެއްވި ދުވަސްވަރުގައެވެ. 10 ނޮވެންބަރު 2008 ގައި މ.މުލީ ރީޖަނަލް ހޮސްޕިޓަލްގެ މެޑިކަލް އޮފިސަރެއްގެ ވަޒީފާއާ ގުޅިވަޑައިގަތުމަށްފަހު، އާންމުން ޞިއްޙީގޮތުން ހޭލުންތެރިކުރުވުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށްޓެވީ، ސްވައިން ފްލޫ ރާއްޖޭގައި ފެތުރުނު ދުވަސްވަރު، މ. މުލީގައެވެ. މުލީ ރީޖަނަލް ހޮސްޕިޓަލްގައި ޚިދުމަތް ކުރެއްވި ތިން އަހަރެއްހައި ދުވަހުގެ ތެރޭގައި، ގައިންގަޔަށް އަރާ ބަލިތަކާ ގުޅޭގޮތުން މ. އަތޮޅުގެ ރަށްރަށުގައި ޚާއްޞަ ސެޝަންތަކެއް ނަންގަވައި ދެއްވައި، ޞިއްޙީގޮތުން މީހުންގެ ހޭލުންތެރިކަން އިތުރުކޮށްދެއްވައިފައި ވެއެވެ.
ޑޮކްޓަރ ޢަބްދުލްޢަޒީޒް ޙަމީދު، 2015 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވަނީ ދަމަނަވެށީގައެވެ. މިހާރު ހުންނެވީ، އެތާނގެ ސީނިއަރ މެޑިކަލް އޮފިސަރުގެ މަގާމުގައެވެ.
ޞިއްޙީ ދާއިރާއިން މީހުން ހޭލުންތެރިކުރުވުމުގެ ގޮތުން، 2010 ވަނަ އަހަރު "ޞިއްޙަތު ބްލޮގް"ގެ ނަމުގައި އަމިއްލަ ބްލޮގެއް ދިވެހިބަހުން ހިންގަވަން ފަށްޓަވައިފައި ވެއެވެ. މިހާރުވެސް ކުރިއަށް ގެންދަވާ އެ ބްލޮގްގައި ޞިއްޙީ އަދި މެޑިކަލް ގިނަ ލިޔުންތަކެއް ވަނީ ޝާއިޢު ކުރައްވައިފައެވެ. މިހާތަނަށް 650 އަށްވުރެ ގިނަ ލިޔުން ލިޔުއްވައިފައިވާއިރު، ކޮންމެ މީހަކަށްވެސް ހިލޭ ބޭނުންކުރެވޭގޮތަށް ތައްޔާރުކުރައްވައިފައިވާ މި ބްލޮގަކީ، ޞިއްޙީ ދާއިރާއިން ކިޔަވާ ކުދިންނަށާއި، ދިވެހިރާއްޖޭގެ މީޑިއާތަކުން މަސްދަރެއްގެ ގޮތުގައި ބޭނުންކުރާ މަޢުލޫމާތުގެ ވެށްޓެކެވެ.
ޑޮކްޓަރ ޢަބްދުލްޢަޒީޒް ޙަމީދަކީ، ނޭޝަނަލް ހެލްތް ރިސަރޗް ކައުންސިލްގެ މެންބަރެއްވެސް މެއެވެ. ދިވެހިރާއްޖެ ތަމްސީލުކުރުމަށް ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ފެންވަރުގައި ބޭއްވުނު ތަފާތު ބައްދަލުވުންތަކުގައި އެކިފަހަރު މަތިން ރާއްޖެ ތަމްސީލު ކުރައްވައިފައި ވެއެވެ. އަދި މިފަދަ ބައްދަލުވުންތަކުން ލިބިވަޑައިގަންނަވާ މަޢުލޫމާތުތައް، ޞިއްޙީ ރޮނގުން ހޭލުންތެރިކުރުވުމަށް ބާއްވާ އެކި ސެޝަންތަކުގައި، ޢަބްދުލްޢަޒީޒް ބޭނުންކުރައްވަމުން ގެންދަވައެވެ.
ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުވުމުގެ ރޮނގުން ހިލޭސާބަހަށް އަދި މުޖުތަމަޢަށް ފައިދާހުރި އެކި ރޮނގުރޮނގުން މި ވޭތުވެދިޔަ ފަނަރަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، ޢަބްދުލްޢަޒީޒް ވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފައެވެ. އެގޮތުން، ދުންފަތާއި އޭގެ ދުމުން ލިބޭ ގެއްލުންތަކާއި، ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓާލުމާއި، ގައިންގަޔަށް ނާރާ ބަލިތަކާއި، ގައިންގަޔަށް އަރާ ބަލިތަކާ ގުޅޭގޮތުންނާއި، ފުރާވަރު އުމުރުގެ ކުދިންގެ ޞިއްޙީ ދުޅަހެޔޮކަމާއި، ޙައްޖާއި ޢުމްރާގެ ދުޅަހެޔޮކަން ފަދަ މައުޟޫޢުތަކަށް ހޭލުންތެރިކުރުވުމުގެ ގޮތުން، 46 ސެޝަން ނަންގަވައި ދެއްވައިފައި ވެއެވެ. އަދި މާލޭގެ އެކިއެކި ސްކޫލްތަކުގެ އެސެމްބްލީގައި ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުވުމުގެ ގޮތުން، އެކިފަހަރު މަތިން އެކި މައުޟޫޢަށް ވާހަކަ ދައްކަވައި، މަޢުލޫމާތު ދެއްވައިފައި ވެއެވެ. މީގެއިތުރުން، ސަން އޮންލައިން އަދި ކުރީގެ ހަވީރު ނޫސް ފަދަ ނޫސްތަކުގައި ޞިއްޙީގޮތުން ހޭލުންތެރިކުރުމުގެ ތަފާތު މައުޟޫޢުތަކަށް ލިޔުންތައް ލިޔުއްވަމުން ގެންދަވައިފައި ވެއެވެ. މީގެއިތުރުން، 2015 އިން ފެށިގެން 2024ގެ ނިޔަލަށް ތަފާތު ހެލްތް ސްކްރީންތަކުގައްޔާއި، އެކިއެކި އިވެންޓާއި، ފެއަރއާއި، އެކްސްޕޯ ފަދަ ހަރަކާތްތަކުގައި ޢަބްދުލްޢަޒީޒް ބައިވެރިވެވަޑައިގެން، ޞިއްޙީ މަޢުލޫމާތު ފޯރުކޮށްދެއްވައިފައި ވެއެވެ.
ޑޮކްޓަރ ޢަބްދުލްޢަޒީޒް ޙަމީދަކީ، ޞިއްޙީ ރޮނގުން އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ރޭޑިޔޯ ޕްރޮގްރާމްތަކުގައްޔާއި، ޓީ.ވީ. ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާ ބޭފުޅެކެވެ. މިގޮތުން، މިހާތަނަށް ރޭޑިޔޯގެ 199 ޕްރޮގްރާމެއްގައްޔާއި، ޓީ.ވީ.ގެ 78 ޕްރޮގްރާމެއްގައި އަދި އެހެނިހެން 16 ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެންފައި ވެއެވެ. ދުންފަތުގެ ނުރައްކާތެރިކަމަށް މީހުން ހޭލުންތެރިކުރުވުމަށްޓަކައި ހިންގުނު 23 ހަރަކާތެއްގައި، ފެސިލިޓޭޓަރެއްގެ ގޮތުގައިވެސް ޢަބްދުލްޢަޒީޒް ޙަމީދު ވަނީ މަސައްކަތް ކުރައްވައިފައެވެ.
2018 ވަނަ އަހަރު ވިލާ ކޮލެޖުން، ޕަބްލިކް ހެލްތުގެ ދާއިރާއިން މާސްޓަރޒް ހާސިލު ކުރައްވައިފައިވާ ޑޮކްޓަރ ޢަބްދުލްޢަޒީޒް ޙަމީދަށް، 2023 ވަނަ އަހަރާއި، 2024 ވަނަ އަހަރު، މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންގެ ފަރާތުން ދެއްވި "ޕަބްލިކް އެވެއަރނަސް އެންޑް ހެލްތް ޕްރޮމޯޝަން އެވޯޑް" ވަނީ ލިބިވަޑައިގެންފައެވެ.