އަލްފާޟިލާ ޢިއްޒަތު އަޙްމަދު ނިޒާރު
ސެލްވިން ހދ. މަކުނުދޫ

ޢިއްޒަތު އަޙްމަދު ނިޒާރަކީ، ދިވެހި ޅެންވެރިކަން ކުރިއެރުވުމުގެ ރޮނގުން ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. ޅެންވެރިކަމުގެ ހުނަރުވެރިކަމުގެ ތެރެއަށް ވެދެވަޑައިގެންނެވުނީ، ދިވެހިބަހާއި ދިވެހި އަދަބިއްޔާތާމެދު ހިތްޕުޅުގައި އުފެދުނު ޚާއްޞަ ޝައުޤުވެރިކަމަކާއި ލޯތްބެއްގެ ސަބަބުންނެވެ.

ޢިއްޒަތު އަޙްމަދު ނިޒާރަށް ޅެންވެރިކަމުގެ ތެރެއަށް ވެދެވަޑައިގެންނެވުނީ، ޅެންހެއްދެވުމުގެ ފިލާވަޅުތަކެއް، ވަކި މުދައްރިސެއްގެ އަރިހުން އުނގެނިވަޑައިގެންނެއް ނޫނެވެ. އިހުގެ މޮޅު ޅެންވެރިންގެ ޅެންތައް ވިދާޅުވެ، އެ ޅެންތައް ހަދާފައި ހުރި ވަޒަންތަކަށް ޅެން ހެއްދެވޭތޯ ކުރެއްވި މިންނެތް މަސައްކަތަކީ، ފާހަގަކޮށްލެވޭ ޅެންވެރިޔަކަށް ވުމުގެ ސިއްރެވެ.

ޢިއްޒަތު އަޙްމަދު ނިޒާރު ޅެންވެރިކަމުގެ ފަންނުގައި ޚިދުމަތް ކުރައްވަން ފެށްޓެވީ، 2014ވަނަ އަހަރުއެވެ. އޭރުއްސުރެން ފެށިގެން ޅެންވެރިކަމުގެ ފަންނުގައި މެދުނުކެނޑި މަސައްކަތް ކުރައްވަމުން ގެންދަވައެވެ. މި ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި، ސަރުކާރުގެ ސްކޫލްތަކުގެ ދަރިވަރުންނަށާއި، އަމިއްލަ ފަރާތްތަކަށާއި، ކްލަބް ޖަމުޢިއްޔާތަކާއި، ކޮލެޖުތަކުގެ ދަރިވަރުންނަށް ޅެންހަދަން ދަސްކޮށްދޭ ކްލާސްތަކާއި ކޯސްތައް ވަރަށްގިނަ އަދަދަކަށް ވަނީ ހިންގަވައިފައެވެ. ކޯވިޑް-19ގެ ޢާލަމީ ވަބާގެ ފުރަ ބަންދުގައި، "ޅެންވެރިކަމުގެ އަލި މުޅި ރާއްޖެއަށް" މި ނަމުގައި ދިވެހިބަހުގެ އެކެޑަމީން ހިންގެވި ޅެންހަދަން ދަސްކޮށްދޭ ކޯހުގެ ޖުމުލަ 13 ބެޗެއްގައި، އެކި އުމުރުފުރާގެ ކުދިންނާއި މީހުން ހިމެނޭހެން 500 އެއްހައި ކުދިންނަށާއި މީހުންނަށް ކިޔަވައިދެއްވައި، އެ ކޯހުގެ އޮނިގަނޑު ފަރުމާކުރައްވައިފައި ވެއެވެ.

ޢިއްޒަތު އަޙްމަދު ނިޒާރަކީ، ކްލަބް ޖަމުޢިއްޔާތަކާއި، ސްކޫލްތަކާއި، ރަށު ކައުންސިލްތަކުން އިންތިޒާމުކޮށްގެން ބާއްވާ އަދަބީ މުބާރާތްތަކާއި، މަދަޙަ މުބާރާތްތަކުގައި ބައިވެރިވާ ފަރާތްތަކަށް ހިލޭސާބަހަށް ތަމްރީނުދެއްވައި، އަދި އެފަދަ މުބާރާތްތަކުގައި ފަނޑިޔާރުކަން ކޮށްދެއްވައިފައިވާ ބޭފުޅެއްވެސް މެއެވެ. ހަމައެހެންމެ، މި ވޭތުވެދިޔަ އެގާރަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، ތަފާތު އެކި ދާއިރާތަކުން ވަރަށްގިނަ ޅެންތައް ޢިއްޒަތު ވަނީ ހައްދަވައިފައެވެ. އަދި މަދަޙަ މުބާރާތްތަކަށާއި، ލަވަ މުބާރާތްތަކަށާއި، ލަވަ އަލްބަމްތަކަށާއި، ސަރުކާރުގެ ބައެއް ވުޒާރާތަކަށާއި، ފަތްތޫރަ މަޖައްލާއަށާއި، ޖަމާޢަތުގެ ޚަބަރަށާއި، އޮންލައިން ވެބްސައިޓްތަކަށާއި، އޮންލައިން ނޫސްތަކަށްވެސް ވަނީ ގިނަ އަދަދެއްގެ ޅެން ހައްދަވައި ދެއްވައިފައެވެ.

ޢިއްޒަތު އަޙްމަދު ނިޒާރަކީ ޅެންވެރިކަން އުނގަންނަވައިދެއްވާ މުދައްރިސެކެވެ. މި ރޮނގުން މިހާތަނަށް ކުރެއްވުނު ޚިދުމަތުން، އެކި އުމުރުފުރާތަކުން، މަދަރުސާތަކުގެ ދަރިވަރުންނާއި، އާންމުން ހިމެނޭހެން ތިންހާހަށްވުރެ ގިނަ ދަރިވަރުންނާއި މީހުން ވަނީ ތަމްރީނު ކޮށްދެއްވައިފައެވެ. ޚާއްޞަކޮށް، ޅެން ހެދުމުގެ ޤައުމީ މުބާރާތްތަކަށް ސްކޫލްތަކުގެ ދަރިވަރުން ތަމްރީނު ކޮށްދެއްވުމަކީ، ޢިއްޒަތު އަޙްމަދު ނިޒާރު ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން، ކޮންމެ އަހަރަކުވެސް ހިލޭސާބަހަށް ކުރައްވަމުން ގެންދަވާ މަސައްކަތެކެވެ. މިހާތަނަށް މި ދާއިރާއިން އެންމެގިނަ ކުދިންނާއި މީހުން ތަމްރީނު ކޮށްދެއްވި އަންހެން ބޭފުޅުންގެ ތެރޭގައި، ޢިއްޒަތު އަޙްމަދު ނިޒާރު ހިމެނެއެވެ.

ޢިއްޒަތު އަޙްމަދު ނިޒާރަށް ވަނީ ދިވެހިބަހާއި ޘަޤާފަތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން 2021 ވަނަ އަހަރު ޒުވާނުންގެ ޤައުމީ އިނާމު، އަދި ފަންނުވެރިކަމާއި ޘަޤާފަތާއި، ތަރިކައިގެ ދާއިރާއިން 2022 ވަނަ އަހަރު ރެހެންދި އެވޯޑުވެސް ލިބިވަޑައިގެންފައެވެ.