
ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުން ފޮތްލިޔެ އެކުލަވައިލުމާއި، ޝާއިޢުކުރުމުގެ ރޮނގުން މި އަހަރު ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ޙުސްނާ ފަހްމީއަކީ، ވަރަށް ކުރިއްސުރެ ދިވެހިބަހުގެ ލިޔުންތެރިކަމަށް ޝައުޤުވެރިވެވަޑައިގެން ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
ޙުސްނާ ފަހްމީގެ މަސައްކަތްޕުޅުގެ ތެރެއިން އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެނީ "އަރާކުރި" ސީރީޒްގެ ނަމުގައި ނެރުއްވަމުން ގެންދަވާ ފޮތްތަކެވެ. އެ ސީރީޒްގެ މުޞައްނިފަކީ ޙުސްނާ ފަހްމީއެވެ. 2017 ވަނަ އަހަރު ނެރުއްވަން ފެށްޓެވި މި ސީރީޒަކީ، ދިވެހިބަހުގެ ހަތަރު ހުނަރަށް އަމާޒުކުރައްވައިގެން، ނާސަރީ ކުދިންނަށާއި، ޕްރައިމަރީ އަދި މެދު މަދްރަސީ ގްރޭޑްތަކުގެ ދަރިވަރުންނަށް ޚާއްޞަ ކުރައްވައިގެން ނެރުއްވަމުން ގެންދަވާ ފޮތްބަޔެކެވެ. މި ފޮތްބަޔަކީ، ދިވެހިބަހުގެ ކިޔުމާއި ލިޔުންތެރިކަމުގެ ހުނަރު ކުރިއެރުވުމަށް ޝައުޤުވެރިވާ ކުދިންނަށް، އެކަމުގައި ކުރިއަށްދިޔުމަށްޓަކައި އެހީތެރިވުމުގެ ގޮތުން އުފައްދަވަމުން ގެންދަވާ ސިލްސިލާ ފޮތްބައެކެވެ.
ހަމައެއާއެކު، މި ފޮތްބަޔަކީ ތުއްތުކުދިންނަށް ދިވެހިބަހުގެ އަކުރުތަކުގެ ބައްޓަން ދަސްކޮށްދިނުމާއެކު، ފިލިތަކާއި ސުކުންތައް ކިޔަން ދަސްކޮށްދިނުމަށް އެހީތެރިވުމުގެ ގޮތުން ތައްޔާރުކުރައްވާފައިވާ ފޮތްބައެކެވެ. މި ފޮތްބައިގައި ދިވެހިބަސް ދަސްކުރަން ޝައުޤުވެރިވާނެ ފަދަ ގޮތަކަށް އަކުރާއި ފިއްޔާއި ސުކުންތައް ހިމަނުއްވައިގެން ފަރިތަކުރުންތައް ރާއްވަވައި، ގިނަ ފަރިތަކުރުންތަކުގެ ޖަވާބުވެސް ހިމަނުއްވައިފައި ވެއެވެ. އަދި މި ސީރީޒްގައި މަޖާ ޢިބްރަތްތެރި ވާހަކަތަކާއި، މަސައްކަތު ފޮތްތަކާއި، ކިޔުމުގެ ދޭހައިގެ ފޮތްތަކާއި، އަދި އުފެއްދުންތެރި ލިޔުމުގެ ފޮތްތައް ހިމެނެއެވެ. މިހާތަނަށް މި ސީރީޒްގެ 46 ފޮތް، ޙުސްނާ ފަހްމީވަނީ ނެރުއްވައިފައެވެ. މިއިން ކޮންމެ ފޮތެއްގައި އެވްރެޖްކޮށް ފަންސާހަށްވުރެ ގިނަ ޞަފުޙާ ހިމެނެއެވެ. އަދި 47 ވަނަ ފޮތް "ދިވެހިންގެ ވަޠަން"، ދިވެހި ޤައުމިއްޔަތާ ވަރަށް ބޮޑަށް ގުޅުން ހުރި މި ފޮތް ވަނީ މުޅިން ނިމި، ނެރުމަށް ތައްޔާރުވެފައެވެ. މިފަދަ މަސައްކަތަކަށް ދާނެ ޚަރަދާއި އަދި ވަގުތަށް ބަލާއިރު، މިއީ، ފޮތްލިޔެ ޗާޕުކޮށް މުޖުތަމަޢަށް ނެރުމުގެ ރޮނގުން ހޯއްދެވުނު ވަރަށްބޮޑު ކާމިޔާބީއެއް ކަމަށް ޙުސްނާ ފަހްމީ ދެކެވަޑައިގަންނަވައެވެ.
ބައެއް ސްކޫލްތަކުގެ އެދުމުގެ މަތިން ޙުސްނާ ފަހްމީ ގެންދަވަނީ، އަދަބީ ރޮނގުން ހިލޭސާބަހަށް އެ ސްކޫލްތަކަށް މަސައްކަތް ކޮށްދެއްވަމުންނެވެ. ޚާއްޞަކޮށް، ދިވެހިބަހުން ލިޔަންކިޔަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް، "އަރާކުރި" ސީރީޒް ފޮތްތައް ބޭނުންކުރައްވައިގެން ހިންގަވައި ދެއްވަމުން ގެންދަވައެވެ.
"އަރާކުރި" ސީރީޒްގެ ފޮތްތައް، ރާއްޖޭގެ ސްކޫލް މަދަރުސާތަކަށްވެސް ޙުސްނާ ފަހްމީ ހަދިޔާކުރައްވަމުން ގެންދަވައެވެ. މިގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ގިނަ އަދަދެއްގެ ސްކޫލް މަދަރުސާތަކަށް މި ފޮތްތައް މިހާރުވަނީ ހަދިޔާކުރައްވައިފައެވެ. މީގެއިތުރުން، ބައެއް އޮންލައިން ނޫސްތަކަށްވެސް ޙުސްނާ ލިޔުއްވަމުން ގެންދަވައެވެ.
ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު، ޙުސްނާ ފަހުމީއަށް 2021 ވަނަ އަހަރު ވަނީ ލިބިވަޑައިގެންފައެވެ. ޙުސްނާ ފަހްމީއަކީ، ތަޢުލީމީ ދާއިރާގައި 42 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. ދިވެހި މުދައްރިސެއްގެ ގޮތުގައްޔާއި، ލީޑިން ޓީޗަރެއްގެ ގޮތުގައްޔާއި، ސީނިއަރ ޓީޗަރެއްގެ ގޮތުގައެވެ. އިޖުތިމާޢީ ގޮތުން ބާރުވެރިކުރުވުމުގެ ރޮނގުން 2023 ވަނަ އަހަރު ޙުސްނާ ފަހްމީއަށް ވަނީ ރެހެންދި އެވޯޑުވެސް ލިބިވަޑައިގެންފައެވެ.