
ޕަރފޯމިންގ އާޓްސްގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު، އެ ބޭފުޅެއްގެ ހަނދާނަށް އެރުވޭ ބޭފުޅަކީ، ޕަރފޯމިންގ އާޓްސްގެ ދާއިރާއިން، ލަވަ ކިޔުމާއި، މިޔުޒިކް ކުޅުމުގެ ރޮނގުން ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ އަދި ދިވެހިންގެ މެދުގައި އެ ބޭފުޅެއްގެ ލަވަތަކަށް ޚާއްޞަ ޝައުޤުވެރިކަމެއް ދެވިފައިވާ ގަލޮޅު ކްރީމްގޭ އަލްމަރްޙޫމް މުޙައްމަދު މާޖިދެވެ.
މުޙައްމަދު މާޖިދު، މި އަހަރުގެ ފެބުރުވަރީ މަހުގެ 12 ވަނަ ދުވަހު ކުއްލިގޮތަކަށް ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމުގެ ހިތާމަވެރި ޚަބަރު އަޅުގަނޑުމެން އެހީ، ރާއްޖޭގެ މިޔުޒިކުގެ ދާއިރާއަށް ޚާއްޞަކޮށް، ދިވެހި ލަވައަށާއި، ދިވެހިވަންތަ މިޔުޒިކަށް ވަރަށްބޮޑު އުނިކަމަކާއި ހީނަރުކަމެއް ލިބިގެންދިޔަ ޚަބަރެއްގެ ގޮތުގައެވެ. މުޙައްމަދު މާޖިދު މި ފަނާވަނިވި ދުނިޔެއާ ވަކިވެވަޑައިގަތުމުން، ރާއްޖޭގެ މިޔުޒިކީ ފަންނާނުންނާއި ޚާއްޞަކޮށް، މާޖިދުގެ ލަވަތަކަށް ލޯބިކުރައްވާ ދިވެހިންނާއި، ރާއްޖޭގެ ޒުވާނުންނާއި، މިޔުޒިޝަނުންނަށް ފުން އިޙްސާސްތަކެއް ބަރުދާސްތު ކުރައްވަން ޖެހިވަޑައިގަތެވެ.
މަރްޙޫމް މުޙައްމަދު މާޖިދު މިޔުޒިކުގެ ދާއިރާއަށް ވެދެވަޑައިގަތީ 1977 ވަނަ އަހަރު، އޭރުގެ މަޝްހޫރު ބޭންޑެއް ކަމަށްވާ ކޯބްރާސް ބޭންޑުންނެވެ. އެއީ، މަދްރަސީ ދައުރުގައެވެ. އޭރު މާޖިދުގެ އުމުރުފުޅަކީ، އެންމެ 9 އަހަރު ކަމަށްވިޔަސް، އޭރުވެސް މާޖިދުގެ ކުޅަދާނަކަން ފެނިގެންދިޔައެވެ. ގިޓާގައި ކޯޑުއެޅުމަށާއި ބެރުޖަހަން އޭރު ދަސްކުރެއްވިއެވެ.
މިޔުޒިކުގެ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ ދިގު މުއްދަތެއް ހޭދަކުރެއްވިއިރު، އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެނީ، ދިވެހި އަމިއްލަ އުފެއްދުންތަކަށް ދިވެހިންގެ ޝައުޤުވެރިކަން އުފެދެމުން އައި ދުވަސްވަރެއްގައި "މެޒޯ ބޭންޑް"ގެ ނަމުގައި މާޖިދު ބޭންޑެއް އުފައްދަވައިގެން އަދި އެ ބޭންޑުން އަމިއްލަ އުފެއްދުންތަކެއް ނެރުއްވަމުން ގެންދެވިކަމެވެ. އަމިއްލަ އުފެއްދުންތަކުގެ ލަވަތައް ވެގެންދިޔައީ، އާންމުންގެ ތެރޭގައި ޚާއްޞަކޮށް، ޒުވާނުންގެ މެދުގައި ވަރަށް މަޤްބޫލުކަން ލިބިގެންދިޔަ އުފެއްދުންތަކަކަށެވެ. އެ ދުވަސްވަރު މަޝްހޫރު ވެގެންދިޔަ އަމިއްލަ ދިވެހި ލަވަތަކުގެ ތެރެއިން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވުނު ލަވަތަކުގެ ތެރޭގައި "ކަމަނަގޯތީ އާދަނުތާ"، "ޖިސްމު"، "ރޯނުއެދުރު"، "ވެއްޖެ ކަމަކާ ޙައްޖާ ހަމައޭ"، "އެޅިކަނޑުމަތި"، "މާލިއަރާނޭ މާލިއަރާނޭ"، "އަކިރިދެމޭ" ފަދަ ލަވަތައް ހިމެނެއެވެ. އޭގެފަހުން، މަޝްހޫރުވި ލަވަތަކުގެ ތެރޭގައި، "އުޑުން ތަރިތައް"، "ވިސްނާ ވިސްނާ"، "ދާނެހޭ ތިހަނދާން ފިލާ"، ފަދަ ލަވަތައްވެސް ފާހަގަކޮށްލަން ޖެހެއެވެ.
ދިވެހި އަމިއްލަ އުފެއްދުންތަކަށް ދިވެހިންގެ ހިތްތަކުގައި ޝައުޤުވެރިކަން އުފެދެމުން އައުމުގައި، މާޖިދު އަދާކުރައްވައިފައިވާ ދައުރު ޚާއްޞަ ގޮތެއްގައި ހަނދާންކޮށްލަން ޖެހެއެވެ. ރާއްޖޭގެ މިޔުޒިކުގެ ދާއިރާއަށް އަންނަމުންދިޔަ ބަދަލުތަކުގައި މާޖިދުގެ ޙިއްޞާ އިތުރުވެގެންދިޔަކަން އެއީވެސް ފާހަގަކޮށްލަންޖެހޭ މުހިންމު ކަމެކެވެ.
އަލްމަރްޙޫމް މުޙައްމަދު މާޖިދު މި ދުނިޔެ ދޫކުރެއްވިއިރު، ހަތަރު އަލްބަމެއް ނެރުއްވައިފައި ވެއެވެ. އެއީ، "ގުގުރި"، "މާލި"، "ޓެންތް" އަދި "ލިސްން" އެވެ. މި އަލްބަމްތަކުގައި ޖުމުލަ 40 ލަވަ ހިމެނުނެވެ. މިއީ، މުޅިންވެސް އަމިއްލަ ރާގުގެ އަލްބަމްތަކެވެ. މި އަލްބަމްތަކުގެ ތެރެއިން "ގުގުރި" އަދި "މާލި" އަލްބަމަކީ، ސްކޫލްތަކާ ހިސާބުން ފެށިގެން އަމިއްލަ އެކިފަރާތްތަކުން އެކި މުނާސަބަތުތަކުގައި ބޭއްވި ޝޯތަކުގައި ކިޔަމުން ގެންދިޔަ މާޖިދުގެ ލަވަތައް ހިމެނިފައިވާ އަލްބަމްތަކެކެވެ. މުޙައްމަދު މާޖިދު މި ދުނިޔެ ދޫކުރެއްވިއިރުވެސް "ސްމައިލް" މި ނަމުގައި އަލްބަމެއް ނެރުއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދެވިއެވެ.
އަލްމަރްޙޫމް މުޙައްމަދު މާޖިދަކީ، ރާއްޖެއިން ބޭރުގައިވެސް އެކިއެކި ކާމިޔާބީ ހާސިލު ކުރައްވައިފައިވާ ބޭފުޅެކެވެ. ޚާއްޞަކޮށް، "މެޒޯ ބޭންޑް" ރާއްޖެއިން ބޭރުގައި ވަރަށް ބޮޑަށް މަޝްހޫރުވަމުންދިޔަކަން ފާހަގަކޮށްލަން ޖެހެއެވެ. މިގޮތުން، އައި.ޓީ.ބީ. ބަރލިން ފެއަރގައި އެ ބޭންޑް ތިންފަހަރު ރާއްޖެ ތަމްސީލު ކޮށްފައި ވެއެވެ. އަދި ބީ.އައި.ޓީ. މިލާން ޓޫރިޒަމް ފެއަރގައި ދެފަހަރު ރާއްޖެ ތަމްސީލު ކޮށްފައި ވެއެވެ. މީގެއިތުރުން، ރާއްޖޭގެ މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒާއި، މިނިސްޓްރީ އޮފް ޓޫރިޒަމާ ގުޅިގެން، ރާއްޖޭގެ ވިޔަފާރިއާއި ފަތުރުވެރިކަން، ސްރީލަންކާގައި ތަޢާރުފު ކުރުމުގެ ގޮތުން، މުޙައްމަދު މާޖިދު ބޭއްވެވި ޚާއްޞަ މިޔުޒިކް ޝޯއަކީވެސް ވަރަށްބޮޑު ތަރުޙީބެއް ލިބިގެންދިޔަ ޝޯ އެކެވެ. އަދި އިންޑިޔާގެ ބޮމްބޭގައި ރާއްޖޭގެ ފަތުރުވެރިކަން ތަޢާރުފު ކުރުމަށްޓަކައި ބޭއްވުނު މިޔުޒިކް ޝޯތަކުގައިވެސް ދެފަހަރެއްގެ މަތިން މާޖިދު ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި ޤަޠަރު އެއަރވޭޒް ރާއްޖެއަށް ތަޢާރުފުކުރުމަށް ބޭއްވުނު މިޔުޒިކް ޝޯގައި ރާއްޖެ ތަމްސީލު ކުރައްވައި، ސީޝެލްސްގައި ހުޅުވުނު އެންމެބޮޑު ޑައިވިން ފެސްޓިވަލްގައި، ސީޝެލްސްގެ ސަރުކާރުން ދެއްވި ދަޢުވަތަކަށް މުޙައްމަދު މާޖިދު މިޔުޒިކް ކުޅުއްވިކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.
އަލްމަރްޙޫމް މުޙައްމަދު މާޖިދަކީ، ދިވެހި ފަންނާނުންގެ ޝޯ، ސަރުކާރުން ބާއްވަވަން ފެށްޓެވީއްސުރެ ގިނަ ޝޯތަކެއްގައި ހިލޭސާބަހަށް މިޔުޒިކް ކުޅެދެއްވައިފައިވާ ބޭފުޅެކެވެ. މީގެއިތުރުން، ސޮސައިޓީ ފޮރ ހެލްތް އެޑިޔުކޭޝަންގެ ފަރާތުން ބޭއްވި "ޝީ ޗިލްޑްރަންސް ފެސްޓިވަލް"ތަކުގައި ހިލޭސާބަހަށް މިޔުޒިކް ކުޅެދެއްވުމާއި، މަސްތުވާތަކެތީގެ ނުރައްކަލުން މުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި ބޭއްވުނު އެންމެބޮޑު މިޔުޒިކް ފެސްޓިވަލް "ޑަންޑޫރަ" މިޔުޒިކް ޝޯގައި ހިލޭސާބަހަށް މިޔުޒިކް ކުޅެދެއްވުން ހިމެނެއެވެ. އަދި "ވަޠަން އެދޭ މިގޮތަށް" މި ލަވަ އުފެއްދުމުގައިވެސް މުޙައްމަދު މާޖިދު އިސް ދައުރެއް އަދާކުރައްވައިފައި ވެއެވެ.
މަރްޙޫމް މުޙައްމަދު މާޖިދަކީ، މި ދާއިރާއިން މީހުން ބިނާކުރެއްވުމަށްވެސް ގިނަ މަސައްކަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ. މިގޮތުން، ޒުވާނުންގެ މަރުކަޒާ ގުޅިގެން، 2001 ވަނަ އަހަރު އަމިއްލަ ފަރާތްތަކުން ފިލްމީ ދާއިރާއަށް އަމާޒުކޮށް ހިންގި މީހުން ބިނާކުރުމުގެ ހަމައެކަނި ޕްރޮގްރާމް "ބޭސިކް ޕްރޮޑަކްޝަން"އާ ގުޅޭ ވަރކްޝޮޕް ހިންގަވައިދެއްވީވެސް މާޖިދެވެ. މި ވަރކްޝޮޕްގައި 28 މީހުން ބައިވެރިވިއެވެ. އެކިފަހަރު މަތިން ގިނަ އަދަދެއްގެ ޒުވާނުންނަށް މިޔުޒިކް އުނގަންނަވައިދެއްވައި، މިޔުޒިކް ކުޅުމުގެ ދާއިރާގައި ހަރަކާތްތެރިވުމުގެ މަގުފަހިކޮށްދެއްވައިފައިވެސް ވެއެވެ. ދިވެހި ލަވަކިޔުންތެރިން އުފެއްދުމަށްޓަކައި ބޭއްވުނު ފުރަތަމަ ރޭޑިޔޯ ޝޯ އުފެއްދެވީވެސް މުޙައްމަދު މާޖިދެވެ. މި އުފެއްދުމުގެ އަލީގައި، "ރާއްޖެ ރަންއަޑު"، "މޯލްޑިވިއަން އައިޑޮލް" ފަދަ ޝޯތައް ވުޖޫދަށް އައިކަން ފާހަގަކޮށްލަން ޖެހެއެވެ. ގިނަ ބަޔަކަށް ފާހަގަކުރެވިފައި ނުވިނަމަވެސް، މުޙައްމަދު މާޖިދަކީ ޝާޢިރެއްވެސް މެއެވެ. އަމިއްލައަށް ހެއްދެވި ބައެއް ރާގުތަކަށް މުޙައްމަދު މާޖިދު ލަވަ ހައްދަވައިފައި ވެއެވެ.
މަރްޙޫމް މުޙައްމަދު މާޖިދު އާންމުކޮށް މިޔުޒިކް ކުޅުއްވަމުން ގެންދެވީ، ރާއްޖޭގެ އެކި ރިޒޯޓުތަކުގައެވެ. އެގޮތުން، ހަފްތާއަކު ހަތަރު ޝޯ ނުވަތަ ފަސް ޝޯ، ރިޒޯޓުތަކުގައި ދެއްވަމުން ގެންދަވައިފައި ވެއެވެ. މާޖިދުގެ ޝޯތަކަށް ޓޫރިސްޓުންގެ ވަރަށްބޮޑު ތަރުޙީބެއް އަބަދުވެސް ލިބެމުން ގޮސްފައި ވެއެވެ. މުޙައްމަދު މާޖިދަކީ، މިޔުޒިކުގެ ތަފާތު އިންސްޓްރޫމަންޓްސްވެސް ކުޅުއްވަމުން ގެންދެވި ބޭފުޅެކެވެ.
މުޙައްމަދު މާޖިދު އުފެއްދެވި މިޔުޒިކް ބޭންޑެއްގެ ގޮތުގައި ބޭންޑް ކުރިއަށް ގެންދެވުމަށް ކުރެއްވި މަސައްކަތްތައް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަން ޖެހެއެވެ. ކޯވިޑް-19ގެ ފުރަ ބަންދުގެ ތެރޭގައި، "ކްލަބް ހައުސް" އިން ހިންގި "ކަވާސާ" ޕްރޮގްރާމް ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އެއް ބޭފުޅަކީވެސް މާޖިދެވެ.
މުޙައްމަދު މާޖިދުގެ ދަރިކަނބަލުން މީރާ މުޙައްމަދު މާޖިދަކީ، ރާއްޖޭގެ މިޔުޒިކީ ދާއިރާގައި ވިދަމުންއައި ލަވަކިޔުންތެރިޔަކަށް ވެގެންދިޔަކަން އެއީވެސް މާޖިދަށް ވަރަށްބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއްކަން، އެކިއެކި އިންޓަރވިޔުތަކުގައި މާޖިދު ފާހަގަކުރައްވައިފައި ވެއެވެ.
މަރްޙޫމް މުޙައްމަދު މާޖިދަށް ޕާރފޯމިންގ އާޓްސްގެ ދާއިރާއިން، ލަވަކިޔުމާއި މިޔުޒިކް ކުޅުމުގެ ރޮނގުން 2010 ވަނަ އަހަރު ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ވަނީ ލިބިވަޑައިގެންފައެވެ. އަދި 2022 ވަނަ އަހަރު، ރައީސުލްޖުމްހޫރިއްޔާގެ ޓޫރިޒަމް ގޯލްޑް އެވޯޑުވެސް މުޙައްމަދު މާޖިދު ވަނީ ހާސިލު ކުރައްވައިފައެވެ.
އަލްމަރްޙޫމް މުޙައްމަދު މާޖިދަކީ، މިޔުޒިޝަނެއްގެ ކިބައިގައި ހުންނަންޖެހޭ ރަނގަޅު ސިފަތަކެއް ހުރި އަދި އެހެން މިޔުޒިޝަނުންނަށް އިޙްތިރާމު ކުރެއްވި ބޭފުޅެކެވެ. މާޖިދު އަޅުގަނޑުމެންނާ ތާއަބަދަށް ވަކިވެވަޑައިގެންނެވި ކަމުގައިވިޔަސް، މާޖިދުގެ ހަނދާންތައް އަޅުގަނޑުމެންނަކާ ވަތްކެއްނުވެއެވެ. އެއީ، ދިވެހިން ބަލައިގަތް، ދިވެހިވަންތަ މިޔުޒިކް އުފެއްދެވި އާދަޔާ ޚިލާފު މިޔުޒިކީ ފަންނާނެކެވެ.
މާތްﷲ، މަރްޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ! އާމީން.