އަލްފާޟިލް މުޙައްމަދު މަޢުރޫފް ޖަމީލް
މ. ދޫރެސް

މުޙައްމަދު މަޢުރޫފް ޖަމީލަކީ، ރާއްޖޭގައި އިމާރާތްކުރުމާއި، އިމާރާތް ފަރުމާ ކުރުމުގެ ދާއިރާއިން ވަރަށް ގިނަ ޚިދުމަތްތަކެއް ކުރައްވައިފައިވާ އަދި މިހާރުވެސް އެ ޚިދުމަތުގައި ދެމިހުންނެވި ތަޖުރިބާކާރު ބޭފުޅެކެވެ. ކުރައްވާ ކޮންމެ ކަމެއްވެސް އިޚްލާޞްތެރިކަމާއެކުގައި ކުރައްވައި، ރައްޔިތުންގެ އިޙްތިރާމާއި ލޯބި ހޯއްދަވައިފައިވާ ބޭފުޅެކެވެ. ކުރެހުމުގެ ފަންނަށް ޝައުޤުވެރިވެވަޑައިގަތީ ވަރަށް ތުއްޕުޅުއިރުއްސުރެން ފެށިގެންނެވެ.

މުޙައްމަދު މަޢުރޫފް ޖަމީލަކީ، އާކިޓެކްޗަރ، ޓީޗިންގ އަދި މެނޭޖްމަންޓްގެ ދާއިރާގައި 40 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައިވާ އަދި އެ ދާއިރާތަކުން ގިނަގުނަ ތަޖުރިބާ ލިބިވަޑައިގެންފައިވާ އާކިޓެކްޓެކެވެ. އިލަސްޓްރޭޓަރެކެވެ. އަދި އެ ދާއިރާތަކުގެ ޢިލްމުވެރިއެއްވެސް މެއެވެ. މަޢުރޫފް ޖަމީލަކީ، މޯލްޑިވްސް އާކިޓެކްޗަރަލް ހެރިޓޭޖް ނުވަތަ ދިވެހިރާއްޖޭގެ މިޢުމާރީ (އާކިޓެކްޗަރަލް) ތަރިކައިގެ ފުންނާބު އުސް މާހިރެއްގެ އިތުރުން، ކޮރަލް ސްޓޯން އާކިޓެކްޗަރގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަންނީ މާހިރެކެވެ. ހިރިގަލުގެ މިސްކިތްތަކާ ބެހޭގޮތުން ކުރެއްވި ދިރާސާތަކުގެ ސަބަބުން، ޔުނެސްކޯ ވަރލްޑް ހެރިޓޭޖުގެ ޓެންޓެޓިވް ލިސްޓުގައި ރާއްޖޭގައި ހުރި އެފަދަ ތަންތަން ހިމެނުމަކީ، ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ ކާމިޔާބީއެކެވެ. މަޢުރޫފް ޖަމީލް ވަނީ ދިވެހިރާއްޖޭގެ އާކިޓެކްޗަރަލް ތަރިކައާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ދިރާސާތައް ކުރައްވައި، ކަރުދާސްތައް ތައްޔާރުކުރައްވައި، މައުރަޒު ކުރައްވައިފައެވެ. އަދި ރާއްޖޭގައި ހުރި ހިރިގަލުގެ މިސްކިތްތަކާއި، ދިވެހި ރިޒޯޓް އާކިޓެކްޗަރ ނުވަތަ ރިޒޯޓުތަކުގެ ފަރުމާއާ ބެހޭ ދެ ފޮތަކާއި، ރާއްޖޭގައި ހުރި ތާރީޚީ އާކިޓެކްޗަރއާއި، ރާއްޖޭގެ ކޮރަލް ސްޓޯން އާކިޓެކްޗަރއާ ބެހޭ އެތައް ލިޔުންތަކެއް ވަނީ ޝާއިޢު ކުރައްވައިފައެވެ.

މުޙައްމަދު މަޢުރޫފް ޖަމީލަކީ، ރާއްޖޭގައި އިމާރާތް ކުރުމާއި، ބޯހިޔާވަހިކަން ކުރިއެރުވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއްވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި އިމާރާތް ކުރުމާބެހޭ ޤާނޫނާއި ނޭޝަނަލް ބިލްޑިންގ ކޯޑު ފަރުމާ ކުރެއްވުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެއްވެސް މެއެވެ.

މުޙައްމަދު މަޢުރޫފް ޖަމީލަކީ، އާކިޓެކްޓްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ކަމުގެ މަގާމާއި، ރައްޔިތުންގެ މަޖިލީހާއި އަދި މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ފަދަ ގިނަ ޖަމުޢިއްޔާތަކެއްގެ އެޑްވައިޒަރ ކަމުގެ މަގާމުވެސް ފުރުއްވައިފައިވާ ބޭފުޅެކެވެ.

އުމުރުފުޅުން 20 އަހަރުގައި، 1980 ވަނަ އަހަރު އާކިޓެކްޗަރަލް ޑްރާފްޓްސްމަނެއްގެ ގޮތުގައި ކެރިއަރ ފަށްޓަވައިގެން މި ހިސާބަށް ވަޑައިގެންނެވިއިރު، މަޢުރޫފް ވަނީ، ރާއްޖޭގައި ބިނާކުރާ އިމާރާތްތަކާއި ރިޒޯޓުތަކާއި، ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިމެނޭގޮތަށް 100 އަށްވުރެ ގިނަ މަޝްރޫޢުތައް ހިންގަވާފައެވެ. 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގައި ރާއްޖެއަށް ލިބުނު ބޮޑެތި ގެއްލުންތަކުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ. އަދި ރާއްޖޭގައްޔާއި ރާއްޖެއިން ބޭރުގައި ބޭއްވި އެކިއެކި މައުރަޒުތަކުގައި، ރާއްޖޭގައި ހުރި ހިރިގަލު މިސްކިތްތަކާއި، ރާއްޖޭގެ މާއްދީ ތަރިކައާ ގުޅޭގޮތުން އެގްޒިބިޓް ކުރައްވައިފައިވެސް ވެއެވެ. މިގޮތުން، އޮސްޓްރޭލިޔާގައްޔާއި، އިނގިރޭސިވިލާތުގައްޔާއި އަދި ބަންގްލަދޭޝްގައި ބޭއްވި މައުރަޒުތަކުގައި ރާއްޖޭގެ ތާރީޚާއި ސަގާފަތުގެ މުއްސަނދިކަން ދައްކަވައި ދެއްވައިފައި ވެއެވެ.

މުޙައްމަދު މަޢުރޫފް ޖަމީލަކީ، ރާއްޖޭގެ އާކިޓެކްޗަރަލް ހެރިޓޭޖާ ގުޅޭ ދިރާސާތައް ކުރައްވައި، ޢިލްމީ ހޯދުންތައް ހޯއްދަވައިފައިވާ ބޭފުޅެއްވެސް މެއެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައްޔާއި، މޯލްޑިވްސް ޕޮލިޓެކްނިކްގައްޔާއި، މެލޭޝިޔާގެ ނޭޝަނަލް ޔުނިވަރސިޓީ މަލާޔާގައި ކިޔަވައި ދެއްވައި، އެކިއެކި ތަމްރީނުތައް ހިންގަވައި، ޕްރޮގްރާމްތައް ފަރުމާ ކުރައްވައިފައިވާ ބޭފުޅެކެވެ.

މުޙައްމަދު މަޢުރޫފް ޖަމީލަކީ، އަމިއްލަފުޅު ކުންފުންޏެއް އުފައްދަވައިގެން ޚިދުމަތް ދެއްވި ބޭފުޅެއްވެސް މެއެވެ. އެގޮތުން "މާއި ޑިޒައިން ޕްރައިވެޓް ލިމިޓެޑް" އުފައްދަވައިގެން، ރާއްޖޭގައި ހުރި ޤަދީމީ އާސާރީ ބިނާތަކާއި ތަކެތި ހިމާޔަތް ކުރުމާބެހޭ ދިރާސާތައް ވަނީ ކުރައްވައިފައެވެ. މިގޮތުން، "ނާދިއްތަމައްދުން" އާއި، "ދިވެހި ނާދީ" އާއި، "ދާރުލްޢުލޫމް" އާއި، "އެސްޖެހިގެ" އާއި، "ސަލްޓަންޕާކުގެ އުސްގެކޮޅު" ފަދަ އާސާރީ ތަންތަނުގެ ދިރާސާތައް ކުރައްވައިފައި ވެއެވެ. ކަޅުވަކަރު މިސްކިތް މިހާރުހުރި ތަނަށް ބަދަލުކުރުމުގެ މަޝްރޫޢުގެ އެޑްވައިޒަރ، ކޮންސަލްޓަންޓެއްގެ ދައުރުވެސް މަޢުރޫފް ވަނީ އަދާކުރައްވައިފައެވެ.

ފިޝަރީޒް ޕްރޮޖެކްޓްސް ޑިވިޜަންގެ އިނގިރޭސި ސެކްރެޓަރީ ކަމުގެ ވަޒީފާއިން 30 ޖޫން 1979 ގައި މަޢުރޫފް ޖަމީލް ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވިއިރުވެސް ޓީޝާރޓްގައި ތައްގަނޑު ޖެއްސެވުމުގެ މަސައްކަތުގެ އިތުރުން، ކުރެހުމުގެ މަސައްކަތް ކުރައްވަމުން ގެންދެވިއެވެ. ފަހުން އާކިޓެކްޗަރަލް ސެކްޝަންގެ ނަމުގައި ވަކި އޮފީހެއް ސަރުކާރުން އުފެއްދެވުމާ ގުޅިގެން، އާކިޓެކްޗަރަލް ޑްރާފްޓްސްމަންއެއްގެ ގޮތުގައި އެ ތާނގައި ޚިދުމަތް ކުރައްވަން ފެށްޓެވިއެވެ. އަދި އޭ ލެވެލްއަށް ކިޔަވައި ވިދާޅުވުމަށްފަހު، އޮފިސް ފޮރ ފިޒިކަލް ޕްލޭނިންގ އެންޑް ޑިޒައިންގެ ޑްރާފްޓްސް ޕަރސަންއެއްގެ ގޮތުގައި 9 ޖުލައި 1983 ގައި ޚިދުމަތް ފެށްޓެވިއެވެ. އޭގެފަހުން، އެ އޮފީހުގެ ކޮންސްޓްރަކްޝަން ސުޕަވައިޒަރު ކަމާއި، އާކިޓެކްޓް ކަމާއި، ޑިޕާޓްމަންޓް އޮފް ފިޒިކަލް ޕްލޭނިންގ އެންޑް ޑިޒައިންގެ ޑިރެކްޓަރ ކަމާއި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާރކްސްގެ ޑިރެކްޓަރ، ފިޒިކަލް ޕްލޭނިންގ އެންޑް ޑިޒައިންގެ މަގާމާއި، ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމު ފުރުއްވިއެވެ.

ހުޅުމާލެ ތަރައްޤީ ކުރުމުގެ މަޝްރޫޢު ފެށިގެން ކުރިއަށް ގެންދިޔައިރު، އެ މަޝްރޫޢު ހިންގެވުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި، މަޢުރޫފް ޖަމީލް ހިމެނިވަޑައިގަންނަވައެވެ. އަދި ހުޅުމާލެ ތަރައްޤީ ކުރުމާބެހޭ ޔުނިޓު، 2001 ވަނަ އަހަރުގެ އެޕްރީލް މަހުގެ 1 ވަނަ ދުވަހު އުފެއްދެވުމާ ގުޅިގެން، ހުޅުމާލޭގައި މީހުން އާބާދުވެ، ދިރިއުޅެން ފެށުމާ ހަމަޔަށް އެ ޔުނިޓުގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުވެސް އަދާކުރެއްވީ، މުޙައްމަދު މަޢުރޫފް ޖަމީލެވެ. އެއަށްފަހު، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ކެބިނެޓުގައި މުޙައްމަދު މަޢުރޫފް ޖަމީލް ހިމަނުއްވައި، 14 ޖުލައި 2005 ގައި، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗަރގެ މަގާމަށް އެ މަނިކުފާނު ޢައްޔަން ކުރެއްވިއެވެ. ރައީސް މައުމޫންގެ ރިޔާސީ ދައުރު ނިމެންދެން އެ މަގާމުގައި ދެމިހުންނެވިއެވެ. މުޙައްމަދު މަޢުރޫފް ޖަމީލް އެންމެފަހުން އަދާކުރެއްވީ، ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނެޖިންގ ޑިރެކްޓަރ ކަމުގެ މަގާމެވެ.

މުޙައްމަދު މަޢުރޫފް ޖަމީލަކީ، އިސްލާމީ މަރުކަޒުގެ މިސްކިތުގެ މެދު ބައިގައި ހަރުކޮށްފައި ހުރި ކުރެހުންތަކުގެ އަޞްލު ކުރައްސަވައި، ކަނޑާ ނެގުމުގެ މަސައްކަތުގައި އުޅުއްވި ބޭފުޅުންގެ ތެރޭގައިވެސް ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކިއެކި ބޯޑުތަކާއި ކޮމިޓީތަކުގެ މެންބަރުކަންވެސް މުޙައްމަދު މަޢުރޫފް ޖަމީލު ވަނީ ކުރައްވާފައެވެ. އެގޮތުން، މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ހައުސިންގ އެޑްވައިޒަރީ ކޮމިޓީގެ މެންބަރު ކަމާއި، ރާއްޖޭގެ ނޭޝަނަލް ޕްލޭނިންގ އެޑްވައިޒަރީ ކޮމިޓީގެ މެންބަރު ކަމާއި، ރާއްޖޭގެ އާކިޓެކްޗަރަލް އެސޯސިއޭޝަންގެ މެންބަރުކަން ކުރައްވައިފައި ވެއެވެ. އަދި ޖަޕާނުގެ ކިޔޯޓޯ ޔުނިވަރސިޓީގެ މެރިޓައިމް އޭޝިޔާ ހެރިޓޭޖް ސަރވޭ، ސީސްގެ އިންޓަރނޭޝަނަލް އެޑްވައިޒަރީ ބޯޑުގެ މެންބަރު ކަމާއި، އޮކްސްފޯޑް ސެންޓަރ ފޮރ އިސްލާމިކް ސްޓަޑީޒްގެ މޯލްޑިވްސް ހެރިޓޭޖް ސަރވޭގެ އިންޓަރނޭޝަނަލް އެޑްވައިޒަރީ ބޯޑުގެ މެންބަރުކަން ކުރައްވައިފައި ވެއެވެ. މަޢުރޫފް ޖަމީލަކީ، 2017 ވަނަ އަހަރުން ފެށިގެން، އިންޓަރނޭޝަނަލް ކައުންސިލް އޮފް މޮނިއުމަންޓްސް އެންޑް ސްޓައިސް (އިކޯމޯސް)ގެ މެންބަރެއްވެސް މެއެވެ. މީގެއިތުރުން، 2004 ވަނަ އަހަރުން ފެށިގެން ރޯޔަލް އިންސްޓިޓިއުޓް އޮފް ބްރިޓިޝް އާކިޓެކްޓްސްގެ ޗަރޓަރޑް އާކިޓެކްޓެއްވެސް މެއެވެ.

މުޙައްމަދު މަޢުރޫފް ޖަމީލް ވަނީ ތަފާތު އެތައް އެވޯޑްތަކެއްވެސް ހާސިލު ކުރައްވައިފައެވެ. އެގޮތުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ކޮށްދެއްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، 2022 ވަނަ އަހަރު "ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑް" ލިބިވަޑައިގެންފައި ވެއެވެ. އަދި އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ޕެސިފިކް ކޮންޓްރެކްޓަރުންގެ އަޓްސުމީ އެވޯޑުވެސް ލިބިވަޑައިގެންފައި ވެއެވެ. މީގެއިތުރުން، ހުޅުމާލެ ޕާކުގައި ހަދަން އޭރު ނިންމެވި މިސްކިތާއި، އިސްލާމިކް ސެންޓަރުގެ ޑިޒައިން ހުށަހެޅުމަށް ހުޅުވާލި މުބާރާތުން 1 ވަނަ ހޯއްދަވައިފައި ވެއެވެ. އަދި ހުޅުމާލެ ތަރައްޤީ ކުރުމުގައި އަދާކުރެއްވި ދައުރު ފާހަގަކުރައްވައި، ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ދެއްވި އެވޯޑާއި، ހުޅުމާލެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގައި އަދާކުރެއްވި ދައުރު ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ދެއްވި އެވޯޑްވެސް ލިބިވަޑައިގެންފައި ވެއެވެ. މީގެއިތުރުން، ބްރިޓިޝް ގޭސްއާއި، ރޮޔަލް އިންސްޓިޓިއުޓް އޮފް ބްރިޓިޝް އާކިޓެކްޓްސް ގުޅިގެން، 1991 ވަނަ އަހަރު ބޭއްވުނު އެނަރޖީ އެފިޝަންޓް ހައުސިންގ ޑިޒައިން ކުރުމުގެ މުބާރާތެއްގައި ބައިވެރިވެވަޑައިގެން، އެންމެ ރަނގަޅު ޑިޒައިނެއް ހުށަހެޅުއްވުމާ ގުޅިގެން، ޑިޒައިން އެނަރޖީ އެފިޝަންސީ އެވޯޑް ލިބިވަޑައިގެންފައިވާތީ، ސަރުކާރުން ދެއްވި ޚާއްޞަ އިނާމު، 1994 ވަނަ އަހަރު މުޙައްމަދު މަޢުރޫފް ޖަމީލަށް ވަނީ ލިބިވަޑައިގެންފައެވެ.

މުޙައްމަދު މަޢުރޫފް ޖަމީލް، އާކިޓެކްޗަރގެ ދާއިރާއިން ބެޗްލަރ އޮފް އާޓްސް ހާސިލު ކުރެއްވީ، އިނގިރޭސިވިލާތުގެ މެންޗެސްޓަރ މެޓްރޮޕޮލިޓަން ޔުނިވަރސިޓީގައި 1991 ވަނަ އަހަރުއެވެ. އޭގެފަހުން، ޓްރޮޕިކަލް އާކިޓެކްޗަރގެ ރޮނގުން އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ޝެފީލްޑްގައި 1993 ވަނަ އަހަރު ޑިޕްލޮމާ ހާސިލު ކުރެއްވިއެވެ. އަދި މެލޭޝިޔާގެ ޔުނިވަރސިޓީ އޮފް މަލާޔާއިން 2012 ވަނަ އަހަރު އާކިޓެކްޗަރގެ ރޮނގުން މާސްޓަރ އޮފް ސައިންސް ހާސިލު ކުރެއްވިއެވެ.