ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު
މއ. ފީރޯޒްވާދީ

އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން މި އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އެރުވޭ ބޭފުޅަކީ، ރާއްޖޭގައި ދީނީ ޢިލްމު ފެތުރުއްވުމަށްޓަކައި ވަރަށްފުޅާ ދާއިރާއެއްގައި މަސައްކަތްޕުޅު ކުރައްވައިފައިވާ އަދި ރާއްޖެއިން ބޭރުގައި ދީނީ ރޮނގުން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ދިވެހި އެތައް ދަރިވަރުންނަކަށް ހޯއްދަވައިދެއްވައިފައިވާ ބޭފުޅެކެވެ. އަދި އެ ބޭފުޅަކީ، ދީނީ އެކިއެކި ފޮތްތައް ދިވެހިބަހަށް ތަރުޖަމާ ކުރައްވައި، މިހާރުވެސް އެ މަސައްކަތުގައި ދެމިހުންނެވި މައްޗަންގޮޅީ ފީރޯޒްވާދީ ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދެވެ.

ދ. މީދުއަށް އުފަން ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދަކީ، ރާއްޖޭގައި އުފެދުނު ދީނީ ޢިލްމުވެރިންގެ ތެރެއިން ވަރަށްކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ފ.އަތޮޅުގެ އޭރުގެ ވެރިރަށް މަގޫދޫގައި ހުންނަ އަތޮޅު މަދަރުސާއިން ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު އޭރު ލިބިވަޑައިގަތީ، އިސްމާޢީލް މުޙައްމަދަކީ، ވިސްނުންފުޅު ތޫނު ދަރިވަރަކަށްވީތީއެވެ. މަގޫދޫ މަދަރުސާގައި ހޭދަކުރެއްވި ތިން އަހަރެއްހައި ދުވަހުގެ ތެރެއިން ފަހު ދެ އަހަރު، މަދަރުސާއިން ވިދިވިދިގެން 1 ވަނަ ހޯދި ދަރިވަރަކީވެސް އިސްމާޢީލް މުޙައްމަދެވެ. އެކަމާ ގުޅިގެން، ކިޔަވައި ވިދާޅުވުމަށް މާލެއަށް ވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިގަތެވެ. މާލެއަށް ވަޑައިގެން ހުންނެވީ، ތަޢުލީމު ހާސިލުކުރުމަށްޓަކައި ރަށްރަށުން މާލެއަށް އަންނަ ދަރިވަރުން ބޭތިއްބުމަށް ސަރުކާރުން ޚާއްޞަކޮށްފައިވާ ދަނާލު، ދާރުލްއިޤާމާގައެވެ. ތަޢުލީމު ހާސިލުކުރައްވަމުން ގެންދެވީ، މަޖީދިއްޔާ ސްކޫލްގައެވެ.

އިސްމާޢީލް މުޙައްމަދު، މަޖީދިއްޔާ ސްކޫލުން ތަޢުލީމު ހާސިލުކުރައްވައި ނިންމެވުމަށްފަހު، އެންމެ ފުރަތަމަ ސަރުކާރުގެ ވަޒީފާ އަދާކުރެއްވީ، އޭރުގެ ވުޒާރަތުއްތިޖާރާ ވައްތަމްވީނުގައެވެ. އޭރުވެސް އެހެން މީހުންނަށް ޢިލްމު އުނގަންނައިދެއްވުމަށް އިސްމާޢީލް މުޙައްމަދުގެ ހިތްޕުޅުގައި ވަރަށްބޮޑު ޝައުޤުވެރިކަމެއް އޮވެއެވެ. އެ އިންތިޒާރު ނިމުމަކަށް އައީ، މަޖީދިއްޔާ ސްކޫލްގެ މުދައްރިސެއްގެ މަގާމަށް ކުރިމަތިލައްވައިގެން، އެ މަގާމު ލިބިވަޑައިގަތުމާ ގުޅިގެންނެވެ. އަދި އޭރު ގަޑިފުރާ މުދައްރިސެއްގެ ގޮތުގައި އަމީނިއްޔާ ސްކޫލްގައިވެސް ކިޔަވައިދެއްވަމުން ގެންދެވިއެވެ.

އިސްމާޢީލް މުޙައްމަދުގެ ހިތްޕުޅުގައި މަތީ ތަޢުލީމަށް އޮތް ޝައުޤުވެރިކަމުގެ ސަބަބުން، މުދައްރިސެއްގެ ގޮތުގައި ކުރެއްވި މަސައްކަތްޕުޅުން ލިބިވަޑައިގެންނެވި އާމްދަނީން ދީނީ ތަޢުލީމު އުނގެނިވަޑައިގަތުމަށްޓަކައި އިންޑިޔާއަށް ވަޑައިގަތުމަށް ނިންމެވީއެވެ. އެގޮތުން، މިހާރުގެ ޓެމިލްނާޑޫގެ ޢުމަރުއާބާދުގެ ޖާމިޢާ ދާރުއްސަލާމަށް، 1959 ވަނަ އަހަރުގެ ތެރޭގައި އިސްމާޢީލް މުޙައްމަދު ވަޑައިގެންނެވިއެވެ. އެތާނގައި 7 އަހަރެއްހައި ދުވަހު ކިޔަވައި ވިދާޅުވުމަށްފަހު، އެ ޔުނިވަރސިޓީއާ ވަކިވެވަޑައިގަތީ، 1967 ވަނަ އަހަރުގެ ތެރޭގައެވެ. ފުރަތަމަ ޑިގްރީއަށް ކިޔަވައި ވިދާޅުވުމަށްޓަކައި، މަދީނާގެ މަދީނާ އިސްލާމިކް ޔުނިވަރސިޓީއަށް ވަޑައިގެންނެވީ، އޭގެފަހުންނެވެ. މަދީނާ އިސްލާމިކް ޔުނިވަރސިޓީގައި އިސްމާޢީލް މުޙައްމަދު ކިޔަވައިވިދާޅުވުމަށް ފުރުޞަތު ލިބިވަޑައިގަތީ، ކުއްލިއްޔަތުއްދަޢުވާ ވަލް އުޞޫލުއްދީނުގައެވެ. 4 އަހަރު ދުވަހުން ޑިގްރީ ހާސިލުކުރައްވައި ދަސްވެނިވެވަޑައިގަތީ، 1979ވަނަ އަހަރުގެ ތެރޭގައެވެ. އެ އަހަރު އެ ޔުނިވަރސިޓީގައި ޓީޗިންގ މެތަޑޮލޮޖީގެ ރޮނގުން ތިންމަސް ދުވަހުގެ ތަމްރީނު ކޯހެއްވެސް އިސްމާޢީލް މުޙައްމަދު ފުރިހަމަކުރެއްވިއެވެ. މަދީނާ ޔުނިވަރސިޓީން ޑިގްރީ ހާސިލުކުރައްވައި، މާލެ ވަޑައިގެންނެވިއިރު ޝައިޚް އިސްމާޢީލް ވެވަޑައިގަތީ، މަދީނާ ޔުނިވަރސިޓީން ޑިގްރީ ހާސިލުކުރެއްވުމުގެ ޝަރަފު އެންމެ ފުރަތަމަ ލިބިވަޑައިގެންނެވި ދިވެއްސެއްގެ ގޮތުގައެވެ.

ޝައިޚް އިސްމާޢީލް މުޙައްމަދު، މަދީނާ ޔުނިވަރސިޓީގައި ކިޔަވައިވިދާޅުވަމުން ގެންދަވާތާ ތިން އަހަރުވުމާ ގާތްވެފައި ވަނިކޮށް، ޝައިޚް އިސްމާޢީލް މުޙައްމަދާއި، އޭރު މަދީނާގައި ކިޔަވައިވިދާޅުވަމުން ގެންދެވި ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން ޔޫސުފާ ދެ ބޭފުޅުން، އެ އަހަރު ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގެންނެވި ޕާކިސްތާނުގެ ޖާމިޢާ ސަލަފިއްޔާގެ އޭރުގެ ރައީސް މިޔާން ފަޟްލުލްޙައްޤާ ބައްދަލުކުރައްވައި، ދިވެހި ކުދިންނަށް ޖާމިޢާ ސަލަފިއްޔާގައި ކިޔެވުމުގެ ފުރުޞަތު ހޯއްދަވައި ދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި އެކަމަށް ޖާމިޢާ ސަލަފިއްޔާގެ ރައީސް ވަގުތުން އިޖާބަ ދެއްވިއެވެ.

އެ އަހަރުގެ އެކެޑަމިކް ޗުއްޓީގައި ޝައިޚް އިސްމާޢީލް މުޙައްމަދާއި، ޝައިޚް ޙުސައިން ޔޫސުފާ ދެ ބޭފުޅުން މާލެއަށް ވަޑައިގެން، ދިވެހި ދަރިވަރުން ކިޔެވުމަށް ޕާކިސްތާނަށް ފޮނުއްވުމުގެ އިންތިޒާމުތައް ހަމަޖައްސަވަން ފެށްޓެވިއެވެ. ފުރަތަމަ ދަތުރުގައިވެސް ރާއްޖެއިން ޖުމުލަ 25 ކުދިން ފޮނުއްވިއެވެ. އެއަށްފަހު، ޕާކިސްތާނުގެ ފައިޞަލް އާބާދުގެ ޖާމިޢާ ސަލަފިއްޔާއަށް ޝައިޚް އިސްމާޢީލް މުޙައްމަދާއި، ޝައިޚް ޙުސައިން ޔޫސުފާ ދެބޭފުޅުން ވަޑައިގެން، އެ ޔުނިވަރސިޓީގެ ރައީސާ ބައްދަލުކުރައްވައި، ދިވެހި ދަރިވަރުންނާ ގުޅޭ ހުރިހާ ކަމެއް އިންތިޒާމު ކުރައްވައި ހަމަޖެއްސެވިއެވެ. އޭގެފަހުންވެސް، ދިވެހި ދަރިވަރުން ޖާމިޢާ ސަލަފިއްޔާއަށް ފޮނުއްވަމުން ގެންދެވިއެވެ. ޝައިޚް އިސްމާޢީލް މުޙައްމަދުގެ އެހީތެރިކަމާއެކުގައި، ޕާކިސްތާނުގެ އެކިއެކި ޔުނިވަރސިޓީތަކާއި ކޮލެޖްތަކުން ތަޢުލީމު ހާސިލުކުރި ދިވެހި ދަރިވަރުންގެ އަދަދު 100 އަށްވުރެ ގިނައެވެ. އެ ދަރިވަރުންގެ ތެރޭގައި، ރާއްޖޭގައި ދީނީ ރޮނގުން މަޝްހޫރު ޢިލްމުވެރިން ތިއްބެވިކަން ފާހަގަކޮށްލަން ޖެހެއެވެ.

ޝައިޚް އިސްމާޢީލް މުޙައްމަދު، މަދީނާ ޔުނިވަރސިޓީން ދަސްވެނިވެވަޑައިގަތުމަށްފަހު މާލެއަށް ވަޑައިގެން، ދިވެހި ކުދިންނަށް ޢަރަބިބަހުން އިސްލާމްދީން އުނގަންނަވައިދެއްވުމަށްޓަކައި "މަދަރުސާ ޠައިބާ"ގެ ނަމުގައި މަދަރުސާއެއް އުފެއްދެވިއެވެ. އެ މަދަރުސާ އުފެއްދެވީ، އޭރުގެ މަޝްހޫރު ވިޔަފާރިވެރިޔާ މަރްޙޫމް ދިއްދޫ އިބްރާހީމް ކަލޭފާނުގެ ދީލަތި އެހީތެރިކަމާ އެކުގައެވެ. މާފަންނު މަސްޖިދު ޙަސަން ޢިއްޒުއްދީން (ޠައިބާ މިސްކިތް) މިހާރުހުރި ބިމުގައި އޭރު ބިނާކުރެއްވި އެ ސްކޫލް ވެގެންދިޔައީ، މިހާރުވެސް ރާއްޖޭގައި ތިއްބެވި ވަރަށްގިނަ ދީނީ ޢިލްމުވެރިންގެ ޢިލްމީ ހިޔާވަހިކަމުގެ ބިންގާ ކަމުގައެވެ. އެ ސްކޫލްގައި ކިޔަވައިދޭން ފެށިތާ އަހަރެއްހައި ދުވަސް ފަހުން، މަދީނާ ޔުނިވަރސިޓީން ތަޢުލީމު ހާސިލުކުރައްވައިގެން ރާއްޖެއަށް ވަޑައިގެން، ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން ޔޫސުފް، ސްކޫލް ހިންގެވުމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ފަހުން ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޢުޘްމާން ޢަބްދުﷲވެސް ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ. ޠައިބާ ސްކޫލްގައި ކިޔަވައިދެއްވި މުދައްރިސުންގެ ތެރޭގައި، ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމާއި، ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން ޢަބްދުއްރަޙްމާން ފަދަ އަލްއަޒްހަރު ޔުނިވަރސިޓީން މަތީ ތަޢުލީމު ހާސިލުކުރެއްވި ޢިލްމުވެރިންވެސް ހިމެނިވަޑައިގަންނަވައެވެ. ޠައިބާ ސްކޫލްގެ ފުރަތަމަ އަހަރުވެސް ދަރިވަރުންގެ ގޮތުގައި 200 ކުދިން ރަޖިސްޓަރީ ކުރެވުނެވެ.

ކާމިޔާބުކަމާއެކުގައި ޢަރަބި ބަހާއި، އިސްލާމީ ތަޢުލީމު އުނގަންނަވައިދެއްވަމުން ގެންދަވަނިކޮށް، ޠައިބާ ސްކޫލް ސަރުކާރުގެ ދަށަށް ބަދަލުކުރެއްވިއެވެ. އޭގެފަހުންވެސް، އެ ސްކޫލްގައި ކިޔަވައިދެއްވުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. ނަމަވެސް، އޭގެފަހުން ޝައިޚް އިސްމާޢީލް މުޙައްމަދު ހަމަޖެއްސެވީ، ބްރީޗް އޮފް ލޯ އެންޑް ޕޮލިޓިކަލް ޓްރަޔަލްސް ޑިވިޜަންގެ ޤާޟީކަމަށެވެ. އަދި އޭގެފަހުން މާވެޔޮ މިސްކިތުގެ އިމާމުކަންވެސް ޝައިޚް އިސްމާޢީލް ކުރެއްވިއެވެ.

ޝައިޚް އިސްމާޢީލް މުޙައްމަދަކީ، ހަވާލުކުރެވޭ ޒިންމާތައް ތެދުވެރިކަމާއެކު އަދާކުރެއްވުމުގައި، އެފަދަ ދެވަނައެއްނެތް ނަމޫނާ ބޭފުޅެކެވެ. އެހެންކަމުން، އޭރު ވަޒީފާ އަދާކުރެއްވުމުގައި ކުރިމަތިވެވަޑައިގެންނެވި ދަތި އުނދަގޫ ކަންކަމަށް ރިޢާޔަތް ކުރައްވައި، ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ނިންމެވިއެވެ. އެގޮތުން، ރާއްޖެއިން ބޭރުގައި ދީނީ ދަޢުވަތު ފެތުރުއްވުމަށާއި، ދިވެހި ދަރިވަރުންނަށް ޚިދުމަތް ކުރެއްވޭފަދަ ވަޒީފާއަކަށް ބަދަލުވެވަޑައިގަތުމަށްޓަކައި ސަޢޫދީ ޢަރަބިއްޔާގެ އޭރުގެ މުފްތީ އައްޝައިޚް ޢަބްދުލްޢަޒީޒް ބިން ބާޒުގެ ބެއްލެވުމުގެ ދަށުން ހިނގަމުންދިޔަ ދާރުލްއިފްތާ ވައްދަޢުވަތު ވަލްއިރްޝާދުގެ ދާޢީ އަދި މުދައްރިސެއްގެ މަގާމުގައި ޕާކިސްތާނުގެ ޖާމިޢާ ސަލަފިއްޔާގެ ވަޒީފާއަށް ވަޑައިގެންނެވިއެވެ.

ޕާކިސްތާނުގައި ދީނީ ޢިލްމު އުނގަންނަވައިދެއްވުމާއި، މިސްކިތްތަކުގައި ދަރުސް ދެއްވުމުގެ ބުރަ މަސްއޫލިއްޔަތުތަކާއެކުގައިވެސް ޝައިޚް އިސްމާޢީލް މުޙައްމަދު އެންމެބޮޑު އިސްކަމެއް ދެއްވި އެއްކަމަކީ، ޕާކިސްތާނުގައި ތަޢުލީމު ހާސިލުކުރާ ދިވެހި ދަރިވަރުންނަށް ޚިދުމަތްކޮށްދެއްވުމެވެ. އެމް.އެޗް.އޭ.ގެ ބާނީ، ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަލްމަރްޙޫމް މަރޮށީ ޙުސައިން ޢަބްދުﷲގެ އަމިއްލަފުޅު ޚަރަދުގައި ށ. އަތޮޅުގެ ރަށްރަށުން، ތަޢުލީމު ހާސިލުކުރުމަށް ޕާކިސްތާނަށް ކުދިން ފޮނުއްވި ދުވަސްވަރުގައި، ޕާކިސްތާނުގައި އެ ކުދިންގެ ކަންކަން ބެލެހެއްޓެވުމުގެ މުހިންމު ޒިންމާ ޝައިޚް އިސްމާޢީލް މުޙައްމަދު އުފުއްލެވިއެވެ. އަދި ޝައިޚްގެ އަމިއްލަފުޅު ޚަރަދުގައިވެސް ކަންކަން ހަމަޖައްސަވައި ދެއްވައި، ދަރިވަރުންނަށް ދަތިވާ ކޮންމެ ކަމެއްގައިވެސް މަދަދުގާރަކަށް ވެވަޑައިގެންނެވިއެވެ.

ޢިލްމު ފެތުރުއްވުމަށްޓަކައި ޝައިޚް އިސްމާޢީލް މުޙައްމަދު ކުރެއްވީ އެހާ ފަސޭހަފުޅު ދަތުރެއް ނޫނެވެ. ޝައިޚްގެ މަސައްކަތްޕުޅަށް އެކިފަހަރު އެކި ފިއްތުންތައް ކުރިމަތިވިކަމުގައިވިޔަސް، ދީނީ ރޮނގުން ޚިދުމަތް ކުރެއްވުމުގައި ދެގޮތެއްނުވެ ދެމިހުންނެވިއެވެ.

ޝައިޚް އިސްމާޢީލް މުޙައްމަދަކީ، ދީނީ އެކިއެކި ފޮތްތައް ދިވެހިބަހަށް ތަރުޖަމާކުރައްވައި، ޝާއިޢު ކުރައްވަމުން ގެންދަވައިފައިވާ ބޭފުޅެއްވެސް މެއެވެ. މިހާތަނަށް 8 ފޮތަށްވުރެ ގިނަ ފޮތް އެކުލަވައިލައްވައި، އޭގެތެރެއިން ބައެއް ފޮތް ވަނީ ޝާއިޢު ކުރައްވައިފައެވެ. މިހާރު އުމުރުފުޅުން ދުވަސްވެފައި ވުމާއެކުގައިވެސް އެ މަސައްކަތް ހުއްޓަވައެއް ނުލައްވައެވެ. މަދީނާގައި ހުންނަ ފަހުދު ރަސްގެފާނުގެ މުޞްޙަފް ޗާޕުޚާނާއިން ޝާއިޢުކޮށްފައިވާ ޤުރްއާން ތަފްސީރު ފޮތެއް ކަމުގައިވާ "އައްތަފްސީރު މުޔައްސަރު"ގެ ދިވެހި ތަރުޖަމާ އެކީގައި ނިންމަވައި، 22 ފޮތެއްގެ މުރާޖާވެސް ނިންމެވުމާ ގުޅިގެން އެ ފޮތްތައް ޗާޕުކުރުމުގެ ހުއްދަ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިހާރު ވަނީ ދެއްވައިފައެވެ.

ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދަކީ، ދިވެހި ގިނަ ދަރިވަރުންތަކަކަށް އިސްލާމީ ތަޢުލީމު އުނގަންނަވައިދެއްވި މޮޅު އުސްތާޒެކެވެ. ޢިލްމުވެރި ގަލަންކޮޅެއްގެ ވެރި މުޞައްނިފެކެވެ. މާލީގޮތުންނާއި، ވަސީލަތުގެ ގޮތުން އަގުނުކުރެވޭނެ ފަދަ ޚިދުމަތްތައް ފޯރުކޮށްދެއްވި މަދަދުވެރިއެކެވެ. ދިވެހި އެތައް ދަރިވަރުންނަކަށް ޤައުމުން ބޭރުގައި ދީނީ ޢިލްމު ހާސިލުކުރުމަށް މަގުދައްކަވައިދެއްވި ޚިދުމަތްތެރިއެކެވެ.

ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު ވަނީ ބައި ޤަރުނަށްވުރެ ގިނަ ދުވަހު ދިވެހި ރައްޔިތުންގެ ދީނީ ހޭލުންތެރިކަމަށާއި، އިސްލާމީ ޢިލްމު ފެތުރުއްވުމަށްޓަކައި ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވައިފައެވެ. އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހެނީ، ދީނީ ޢިލްމު ފެތުރުއްވުމަށްޓަކައި ކޮށްދެއްވި އަގުހުރި މަސައްކަތްޕުޅުގެ އަގު ވަޒަންކުރައްވައި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން އޮނަރަރީ ޑޮކްޓަރޭޓް ކަމުގެ ޝަރަފު، ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދަށް ލިބިވަޑައިގެންފައި ވުމެވެ. ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ދޭ މަރުކަޒަކުން އޮނަރަރީ ޑޮކްޓަރޭޓް ކަމުގެ ޝަރަފު އެންމެ ފުރަތަމަ ލިބިވަޑައިގެންނެވި ބޭފުޅަކީވެސް، އިސްމާޢީލް މުޙައްމަދެވެ. މި ޝަރަފު އިސްމާޢީލް މުޙައްމަދަށް އެރުވީ، މި އަހަރުގެ އެޕްރީލް މަހުގެ 19ވަނަ ދުވަހުގެރޭ ބޭއްވެވި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.