
ޢަލީ މޫސާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، އައްޑުއަތޮޅު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ކާތިބެއްގެ ވަޒީފާގައި 13 މާރިޗު 1985 ގައެވެ. މި ވޭތުވެދިޔަ 40 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ޢަލީ މޫސާ ވަނީ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ސީނިއަރ ކްލާކް ކަމާއި، އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، ސެކްރެޓެރީ ކަމުގެ ވަޒީފާވެސް އަދާކުރައްވައިފައެވެ.
ޢަލީ މޫސާ ވަޒީފާ އަދާކުރެއްވިއިރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން އަންނަ ބަލިމީހުންނަށް ނަންބަރު ދޫކުރެއްވުމުގެ ކަންކަން ބަލަހައްޓަވައި، ޑޮކްޓަރގެ ތަރުޖަމާނުކަން ކުރައްވައިފައި ވެއެވެ. އަދި 1986ވަނަ އަހަރުން ފެށުނު ވެކްސިން ދިނުމުގެ ޕުރޮގުރާމުގައި އައްޑުއަތޮޅުގައްޔާއި ފުވައްމުލަކުގައި، މޯބައިލް ޓީމުތަކާއެކު އިދާރީ މަސައްކަތް ކުރެއްވުމުގައި 3 އަހަރު ދުވަސް އަދި ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ މެޑިކަލް ސްޓޯރާއި، ޖެނެރަލް ސްޓޯރުގައި 4 އަހަރު ދުވަސް، ޢަލީ މޫސާ ހޭދަކުރައްވައިފައި ވެއެވެ.
2012ވަނަ އަހަރުން ފެށިގެން 2019ވަނަ އަހަރުގެ ސެޕްޓެންބަރު މަހާ ހަމައަށް، ޢަލީ މޫސާ ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައުޓް ޕޭޝަންޓް ޑިޕާޓްމަންޓްގެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނަވައިގެން ޑޮކްޓަރުންނާއި، އައުޓް ޕޭޝަންޓް ޑިޕާޓްމަންޓްގެ މުވައްޒަފުން އަދި ޑްރައިވަރުންގެ ޑިއުޓީ ތައްޔާރުކުރައްވައި އެބޭފުޅުންގެ މަސައްކަތްތައް ރާއްވަވައި ހިންގަވައިފައެވެ. ހޮސްޕިޓަލުން ފަރުވާދެވެން ނެތިގެން އިތުރު ފަރުވާއަށް މާލެ ފޮނުވަންޖެހޭ ބަލިމީހުން ފޮނުވުމުގެ އިންތިޒާމުތައް ހަމަޖައްސަވައި، އައުޓް ރީޗް ޕުރޮގުރާމުތައްވެސް ޢަލީ މޫސާ ރާއްވަވައި ހިންގަވައިފައި ވެއެވެ.
2020ވަނަ އަހަރު އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ޢަލީ މޫސާ ބަދަލުވެވަޑައިގެންނެވުމުގެ ކުރިން، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ފައިނޭންސް ޑިޕާޓްމަންޓް ފިޔަވައި، އެހެން ހުރިހާ ޑިޕާޓްމަންޓެއްގައި މަސައްކަތް ކުރައްވައިފައި ވެއެވެ. މިގޮތުން އެންމެ ގިނަ ދުވަހު މަސައްކަތް ކުރައްވައިފައިވަނީ، ހޮސްޕިޓަލުގެ އައުޓް ޕޭޝަންޓް ޑިޕާޓްމަންޓުގައެވެ. ބަލިމީހުން ބަލާ ގަޑިތަކާއި، ލެބޯރެޓަރީގެ ޚިދުމަތް ދޭ ގަޑިތައް ހަމަޖެއްސެވުމާއި، އަލަށް ޑިޕާޓްމަންޓާ ގުޅޭ މުވައްޒަފުންނަށް ބޭނުންވާ މައުލޫމާތު ދެއްވުމާއި، ވޮލަންޓިއަރުންގެ ގޮތުގައި އަންނަ ފަރާތްތަކުގެ އެންމެހައި ކަންތައްތައްވެސް ބަލަހައްޓަވައިފައިވަނީ ޢަލީ މޫސާއެވެ. މީގެއިތުރުން، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމުގެ މަސްއޫލިއްޔަތުވެސް އެކި ފަހަރުމަތިން ޢަލީ މޫސާ އަދާކުރައްވައިފައި ވެއެވެ.
2020ވަނަ އަހަރު، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބަދަލުވެވަޑައިގެންނެވުމަށްފަހު، ޢަލީ މޫސާ އަދާކުރައްވަމުން ގެންދަވަނީ، މެއިންޓަނަންސް އޮފިސަރ ކަމުގެ މަގާމެވެ. އެ މަގާމު ފުރުއްވަމުން ގެންދަވަނީ ހޮސްޕިޓަލުގެ ލޮޖިސްޓިކްސް (މެއިންޓެނަންސް އާއި ޓްރާންސްޕޯޓް) އެޗް.އޯ.ޑީ.ގެ ގޮތުގައެވެ. މީގެ އިތުރުން، ހުޅުމީދޫ ހެލްތު ސެންޓަރާއި، ފޭދޫ ހެލްތު ސެންޓަރާއި، މަރަދޫ ހެލްތު ސެންޓަރާއި، ސަދަން ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރގެ މަރާމާތުގެ މަސައްކަތްތައްވެސް ބަލަހައްޓަވަމުން ގެންދަވަނީ ޢަލީ މޫސާއެވެ.