
މުޙައްމަދު ޝައުޤީ، ދިވެހި ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ 8 ޖަނަވަރީ 1969 ގައި އެގްޒަމިނޭޝަން ޑިވިޜަންގެ ޕިއޯނެއްގެ ވަޒީފާއިންނެވެ. އޭގެ ފަހުން، އެގްޒަމިނޭޝަން ޑިވިޜަންގެ 1 ނަންބަރު ކާތިބުކަމާއި، މެރިން ޑިވިޜަންގެ ސެކްރެޓެރީ ކަމާއި، އިންޖިނިއަރިންގ ސަރވިސަސްގެ ސެކްރެޓެރީ ކަމާއި، ޑިޕާޓްމަންޓް އޮފް އިލެކްޓްރިސޓީގެ ފައިސާ ބަލަހައްޓާ ކާތިބު ކަމާއި، 2 ނަންބަރު ކާތިބު ކަމާއި، ސެކްރެޓެރީ ކަމާއި، ރެންޓަލްސް ޑިވިޜަންގެ ސެކްރެޓެރީ ކަމާއި، ގަވަރންމަންޓް ހޮސްޕިޓަލުގެ ސެކްރެޓެރީ ކަމާއި، ސީނިއަރ ސެކްރެޓެރީ ކަމާއި، އެސިސްޓެންޓް މެނޭޖަރުކަން ކުރައްވައިފައި ވެއެވެ. މީގެ އިތުރުން، ރެންޓަލްސް ޑިވިޜަންގެ މެނޭޖަރު ކަމުގެ މަގާމާއި، މާލޭ މުނިސިޕަލްޓީގެ ވަކީލު ކަމުގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރު ކަމުގެ މަގާމު ފުރުއްވައިފައި ވެއެވެ. 23 މާރިޗު 2009 ގައި ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، މާލޭ މުނިސިޕަލްޓީގެ ޑިރެކްޓަރު ކަމުގެ މަގާމުގައެވެ.
މުޙައްމަދު ޝައުޤީ، ދައުލަތަށް 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިފައިވާއިރު، ދައުލަތުގެ ތަފާތު 7 މުއައްސަސާއެއްގައި މަސައްކަތް ކުރައްވައިފައި ވެއެވެ. އެންމެ ގިނަ ދުވަހު ޚިދުމަތްކުރައްވައިފައި ވަނީ، މާލޭ މުނިސިޕަލްޓީ ގައްޔާއި، ސަރުކާރުގެ ކުރީގެ މައި ހޮސްޕިޓަލުގައެވެ. މާލޭ މުނިސިޕަލްޓީގައި މެދުނުކެނޑި 15 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވައިފައި ވެއެވެ.
މުޙައްމަދު ޝައުޤީ، ދައުލަތުގެ އެކި މުއައްސަސާތަކުގައި ކުރެއްވި މަސައްކަތްތަކުގެ ތެރެއިން އެންމެ ދިގު މުއްދަތެއްގައި ކުރައްވައިފައި ވަނީ، ފައިސާއާ ގުޅޭކަންކަން ބެލެހެއްޓެވުމުގެ މަސައްކަތްތަކެވެ. އެ މަސައްކަތްތައް ކުރައްވައިފައި ވަނީ، ތެދުވެރިކަމާއި އިޚުލާޞްތެރިކަމާއެކުގައި ކަމަށްވާތީ، އެއްވެސް މައްސަލައަކާ ކުރިމަތިވެވަޑައިގެންފައެއް ނުވެއެވެ. މާލޭ މުނިސިޕަލްޓީގައި ޚިދުމަތްކުރެއްވިއިރު ފައިސާގެ ކަންކަން ބެލެހެއްޓެވުމުގެ މަސައްކަތުގެ އިތުރުން، މާލެހިޔާއާއި ސިނަމާލެ ފްލެޓްތަކުގެ މެއިންޓަނަންސްގެ މަސައްކަތްތައްވެސް ބަލަހައްޓަވަމުން ގެންދެވިއެވެ.
މުޙައްމަދު ޝައުޤީ ދައުލަތަށް ޚިދުމަތް ކުރައްވައިފައިވަނީ، ނުހަނު ޝައުޤުވެރިކަމާއި ކަމަށް ކަމޭހިއްތެވުމާއި އިޚުލާޞްތެރިކަމާއެކުގައިކަން ފާހަގަކޮށްލަންޖެހެއެވެ.