
ފާޠިމަތު ލަޠީފާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޓެލެފޯން/ޓެލެކްސް އޮޕަރޭޓަރެއްގެ ވަޒީފާގައި 29 ޑިސެންބަރު 1984 ގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 40 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވީ މޯލްޑިވްސް އިމިގްރޭޝަންގައެވެ.
ފާޠިމަތު ލަޠީފާ، އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކްލެރިކަލް އެސިސްޓެންޓުގެ މަގާމާއި، ސީނިއަރ ކްލެރިކަލް އެސިސްޓެންޓުގެ މަގާމާއި، މިނިސްޓްރީ އޮފް ޕަބްލިކް ވަރކްސް އެންޑް ލޭބަރގެ ޑޭޓާ ޕްރޮސެސިންގ އެސިސްޓެންޓުގެ މަގާމާއި، މިނިސްޓްރީ އޮފް ޓްރޭޑް، އިންޑަސްޓްރީޒް އެންޑް ލޭބަރގެ ޑޭޓާ ޕްރޮސެސިންގ އޮފިސަރގެ މަގާމާއި، މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، އެމްޕްލޯއިމަންޓް އެންޑް ލޭބަރގެ އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަގާމާއި، އެ މިނިސްޓްރީގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަގާމާއި، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، އެމްޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީއާއި، މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ އެސިސްޓެންޓް ޑިރެކްޓަރގެ މަގާމާއި، މޯލްޑިވްސް އިމިގްރޭޝަންގެ އެސިސްޓެންޓް ކޮންޓްރޯލަރގެ މަގާމު ހިމެނެއެވެ. މިހާރު ހުންނެވީ މޯލްޑިވްސް އިމިގްރޭޝަންގެ ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރގެ މަގާމުގައެވެ. އަދި މޯލްޑިވްސް އިމިގްރޭޝަންގެ ޒިންމާދާރު ވެރިޔާގެ މަގާމުގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން އަދާކުރައްވަމުން ގެންދަވަނީވެސް ފާޠިމަތު ލަޠީފާއެވެ.
ފާޠިމަތު ލަޠީފާ، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ތެރޭގައި އިދާރީ މަސައްކަތްތަކާއި އަދި ހިންގުމުގެ ދާއިރާގެ ގިނަ މަސައްކަތްތަކެއް ފާހަގަކޮށްލެވޭ ފެންވަރެއްގައި ކުރައްވައިފައި ވެއެވެ. މޯލްޑިވްސް އިމިގްރޭޝަންގެ ދިވެހި ޕާސްޕޯޓު ޑިވިޜަންގައްޔާއި، ވިސާ ޑިވިޜަންގައްޔާއި އަދި އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޜަންގެ އިސް ބޭފުޅެއްގެ ގޮތުގައި ފާޠިމަތު ލަޠީފާ މަސައްކަތްކުރައްވައިފައި ވެއެވެ.
މޯލްޑިވްސް އިމިގްރޭޝަންގެ މަސައްކަތްތަކާ ގުޅޭގޮތުން އުފައްދާފައިވާ ތަފާތު ކޮމިޓީތަކުގައިވެސް ފާޠިމަތު ލަޠީފާވަނީ މަސައްކަތް ކުރައްވައިފައެވެ. މިގޮތުން، ހިއުމަން ރިސޯސަސް ޑިވެލޮޕްމަންޓް ކޮމިޓީއާއި، ބިޑް އިވެލުއޭޝަން ކޮމިޓީ އާއި، ލީގަލް ކޮމިޓީގައި މަސައްކަތް ކުރައްވައިފައިވެއެވެ. އަދި މިހާރުވެސް ހިއުމަން ރިސޯސަސް ކޮމިޓީއާއި ކުލަ ކޮމިޓީގައި އިސްދައުރެއް އަދާކުރައްވަމުން ގެންދަވައެވެ.
ފާޠިމަތު ލަޠީފާއަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެކުގައި މަސައްކަތް ކުރައްވާ އެހެން މުވައްޒަފުންނަށް ކަންކަން އޮޅުންފިލުވައިދެއްވައި އެހީތެރިވެދެއްވަމުން ގެންދަވައެވެ. ފާޠިމަތު ލަޠީފާ ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، އޮފީހުގެ ގަވާއިދުތަކާ ޚިލާފުވެގެން ފިޔަވަޅެއް އަޅުއްވާފައިނުވާކަން ފާހަގަކޮށްލަން ޖެހެއެވެ.