އަލްފާޟިލް ޢަލީ އަޙްމަދު (މުޙައްމަދު ހަމީޒް)
މއ. އެލްޕައިން

ޢަލީ އަޙްމަދު، ދިވެހި ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ، މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑުގެ މެކޭނިކެއްގެ ވަޒީފާގައި 7 އޮކްޓޫބަރު 1984 ގައެވެ. އެ ތާރީޚުން ފެށިގެން ޚިދުމަތް ކުރައްވަމުން ގެންދަވަނީ އިންޖީނުގޭގައެވެ. މި ވޭތުވެދިޔަ 40 އަހަރަށްވުރެ ދިގު މުއްދަތުގައި އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި، މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑުގެ މެކޭނިކް ކަމާއި، ސުޕަވައިޒަރކަން ހިމެނެއެވެ. އަދި ސްޓެލްކޯގެ ސުޕަވައިޒަރ ކަމާއި، އެސިސްޓެންޓް އިންޖިނިއަރ ކަމާއި، އިންޖިނިއަރ ކަމާއި، ސީނިއަރ އިންޖިނިއަރ ކަމާއި، ސީނިއަރ ސަރވިސް އިންޖިނިއަރ ކަން ކުރައްވައިފައި ވެއެވެ. މިހާރު ހުންނެވީ ސްޓެލްކޯގެ ޗީފް މެކޭނިކަލް އިންޖިނިއަރގެ މަގާމުގައެވެ.

ޢަލީ އަޙްމަދު، ވަޒީފާ އަދާކުރެއްވިއިރު ކުރައްވައިފައިވާ ޚާއްޞަ މަސައްކަތްތަކުގެ ތެރޭގައި، މާލޭގެ ބާ އިންޖީނުގެ 1984ވަނަ އަހަރު ހުރި ހާލަތުން، ރަނގަޅު ހާލަތަކަށް ބަދަލުކުރުމަށް ކުރަންޖެހުނު އެންމެހައި މަސައްކަތްތައް ކުރެއްވުން ހިމެނެއެވެ. އައްޑުއަތޮޅު، ޏ. ފުވައްމުލައް، ގދ. ތިނަދޫ، ގއ. ވިލިގިނލި، ދ. ކުޑަހުވަދޫ، ވ. ފުލިދޫ، ކ. ކާށިދޫ، ޅ. ނައިފަރު، ށ. މިލަންދޫ، ހދ. ކުޅުދުއްފުށި، ހދ. ހަނިމާދޫ، ހއ. ތުރާކުނު، ހއ. ހޯރަފުށި އަދި ހއ. ދިއްދުއަށް ކަރަންޓް ދިނުމަށްޓަކައި ކުރަންޖެހުނު އެންމެހައި މަސައްކަތްތައް ކުރެއްވުމާއި، އެކަންކަމުގައި އެހީތެރިވެދެއްވުމާއި އަދި ސުނާމީ ކާރިސާގައި އިނގިރޭސިވިލާތުގެ އިންޖިނޭރުންގެ ޓީމަކާއެކީގައި، ސްޓެލްކޯގެ ޓެކްނިކަލް ޓީމުގެ އެންމެ އިސް އިންޖިނޭރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވައިފައި ވެއެވެ.

ޢަލީ އަޙްމަދަކީ، ޓެކްނިކަލް ރޮނގުން ސްޓެލްކޯގެ މުވައްޒަފުން ބިނާކުރެއްވުމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވައި، އިސް ދައުރެއް އަދާކުރައްވައިފައިވާ ބޭފުޅެކެވެ. ހަމައެހެންމެ، ކުޅިވަރުގެ ދާއިރާއިން، ފުޓްބޯޅަ، ބާސްކެޓް، އަދި މުނިފޫހިފިލުވުމުގެ ދާއިރާއިން، އޮފީސްތަކުގެ ޓެލެޑްރާމާފަދަ މުބާރާތްތަކުން، ސްޓެލްކޯއަށް ރަންވަނަތަކެއް ހޯއްދަވައިދެއްވުމުގައި ޢަލީ އަޙްމަދު އަދާކުރެއްވި ދައުރު ފާހަގަކޮށްލަންޖެހެއެވެ.