އަލްފާޟިލް ޢަބްދުލްޙަކީމް ޙަސަން
ފުނާޑު. ކެޕްރީ، ޏ. ފުވައްމުލައް

ޢަބްދުލްޙަކީމް ޙަސަން، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ޕަބްލިކް ހެލްތު ޑިވިޜަންގައި ފެމެލީ ހެލްތު ވަރކަރެއްގެ މަގާމުގައި 1 މޭ 1979 ގައެވެ. ސަރުކާރުގެ ވަޒީފާއިން 31 ޑިސެންބަރު 2021 ގައި ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ފުވައްމުލަކު ހޮސްޕިޓަލްގެ ސީނިއަރ ކޮމިއުނިޓީ ހެލްތު އޮފިސަރގެ މަގާމުގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 40 އަހަރަށްވުރެ ދިގު މުއްދަތުގައި، ޕަބްލިކް ހެލްތު ޑިވިޜަންގެ ޑޮމިސިލިއަރީ ވަރކަރގެ މަގާމާއި، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ޖަމާޢަތުގެ ޞިއްޙީ އެހީތެރިޔާގެ މަގާމާއި، ސުޕަވައިޒަރުގެ މަގާމާއި، ކޮމިއުނިޓީ ހެލްތު ސުޕަވައިޒަރުގެ މަގާމާއި، ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސްގެ ކޮމިއުނިޓީ ހެލްތު ސުޕަވައިޒަރުގެ މަގާމާއި، ސީނިއަރ ކޮމިއުނިޓީ ހެލްތު އޮފިސަރުގެ މަގާމާއި، ޏ. އަތޮޅު ހޮސްޕިޓަލުގެ ސީނިއަރ ކޮމިއުނިޓީ ހެލްތު ސުޕަވައިޒަރގެ މަގާމާއި، ސެންޓަރ ފޮރ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީޒް ކޮންޓްރޯލްގެ ސީނިއަރ ކޮމިއުނިޓީ ހެލްތު އޮފިސަރގެ މަގާމާއި، ފުވައްމުލަކު ރަށު ކައުންސިލުގެ އިދާރާއާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ސީނިއަރ ކޮމިއުނިޓީ ހެލްތު އޮފިސަރ ކަމާއި، ފުވައްމުލަކު ހޮސްޕިޓަލްގެ ސީނިއަރ ކޮމިއުނިޓީ ހެލްތު އޮފިސަރގެ މަގާމު ފުރުއްވައިފައި ވެއެވެ.

ޢަބުދުލްޙަކީމް ޙަސަން ވަޒީފާ އަދާކުރެއްވިއިރު، އެ ހޮސްޕިޓަލުން ޢާންމު ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުވުމަށް ކުރާ މަސައްކަތުގެ އިތުރުން، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ގޮތުން ހިންގާ ހަރަކާތްތައް ރާއްވަވައި، އެ ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި ވެކްސިން ދިނުމުގެ ޕުރޮގުރާމުތައް ރާއްވަވައި ހިންގަވައި، ޓީ.ބީ. ޖެހިފައިވާ މީހުންގެ ގޭގެއަށް ޒިޔާރަތްކުރައްވައި ބޭސްދިނުމުގެ ކަންކަމުގައިވެސް ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ.

ޢަބްދުލްޙަކީމް ޙަސަން، ފުވައްމުލަކު ހޮސްޕިޓަލުގައި މަސައްކަތް ކުރެއްވިއިރު، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ރަށުގައި ހިންގާ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ބައްލަވައި އިންސްޕެކްޓް ކުރެއްވުމާއި، ޔޫރަޕިއަން ޔޫނިއަނަށް މަސް އެކްސްޕޯޓްކުރާ އުޅަނދުތަކުގައި ހުންނަންޖެހޭ ސާފުތާހިރުކަން ކަށަވަރުކުރުމުގެ ގޮތުން، ގަވާއިދުން މަސްވެރި އުޅަނދުތައް އިންސްޕެކްޓް ކުރެއްވުމާއި، ރަށުގައި ހިންގާ ބޭސްފިހާރަތައް އެމް.އެފް.ޑީ.އޭ.ގެ މިންގަނޑަށް ހުރޭތޯ ކަށަވަރުކުރެއްވުމުގެ މަސައްކަތާއި، މަދިރި އާއި ސޫފާސޫފީގެ ޒަރީއާއިން ޖެހޭ ބަލިތަކާއި، އެނޫންވެސް އެކިކަހަލަ ބަލިތައް މަދުކޮށް ކޮންޓްރޯލް ކުރުމަށްޓަކައި ޕުރޮގުރާމުތައް ރާއްވަވައި ހިންގެވުމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި މާބަނޑު މީހުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތުގެ އިތުރުން، ޑޮކްޓަރުން ނެތް ދުވަސްވަރު މާބަނޑު މީހުން ވިއްސުމުގައި ޢަބްދުލްޙަކީމް ޙަސަން، ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

ޢަބްދުލްޙަކީމް ޙަސަނަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެކުގައި މަސައްކަތްކުރައްވާ އެހެން މުވައްޒަފުންނަށް ކަންކަން އޮޅުންފިލުއްވައިދެއްވައިފައި ވެއެވެ. އަދި، އޮފީހުގެ ވަޒީފާއާ އަލަށް ގުޅިވަޑައިގަންނަވާ މުވައްޒަފުންނަށް ތަމްރީނު ދެއްވުމާއި، މަސައްކަތު ތަޖުރިބާ ހޯދަން ހޮސްޕިޓަލަށް ޒިޔާރަތްކުރާ ސްކޫލުތަކުގެ ދަރިވަރުންނަށްވެސް ކަންކަން ކުރަންވީގޮތްތަކާއި، ކަންކަން ހިންގަމުންދާގޮތް އޮޅުންފިލުއްވައި ދެއްވައިފައި ވެއެވެ.