އަލްފާޟިލް މުޙައްމަދު މޫސާ
ފެހިވިނަ، ށ. ބިލެތްފަހި

މުޙައްމަދު މޫސާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ށ. ބިލެތްފަހީ އޮފީހުގެ މަސައްކަތު މީހެއްގެ މަގާމުގައި 24 ސެޕްޓެންބަރު 1984 ގައެވެ. މިހާރު ހުންނެވީ، މިލަދުންމަޑުލު އުތުރުބުރީ ބިލެތްފެހީ ކައުންސިލްގެ އިދާރާގެ ކައުންސިލް އެސިސްޓެންޓްގެ މަގާމުގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 40 އަހަރަށްވުރެ ދިގު މުއްދަތުގައި ނުހަނު އިޚުލާޞްތެރި ޚިދުމަތްތަކެއް މުޙައްމަދު މޫސާ ކޮށްދެއްވައިފައިވެއެވެ.

މުޙައްމަދު މޫސާ، އަލަށް ވަޒީފާއާ ގުޅިވަޑައިގެންނެވިއިރު، އޮފީސް ސާފުކޮށް ބެލެހެއްޓެވުމާއި، އޮފީހުގެ ދިދަ ނަގައި ތިރިކުރުމުގެ ޒިންމާ އުފުއްލަވައި، އޮފީހަށް ހާޒިރުވާންޖެހޭ ފަރާތްތަކަށް އަންގައި ހަމަޖައްސަންޖެހޭ ކަންކަން ހަމަޖެއްސެވުމުގެ މަސައްކަތް ކުރައްވައިފައި ވެއެވެ. އަދި، އޮފީހަށް ބޭނުންވާ އެކިއެކި ތަކެތި ހަމައަށް ހުރޭތޯ ކަށަވަރު ކުރެއްވުމާއި، އެހެން ފަރާތްތަކަށް ރައްދުކޮށްދޭންޖެހޭ ތަކެތި ރައްދުކޮށްދެއްވުމާއި، މަސް ރިޕޯޓު ނެންގެވުމާއި، އަދި ރަށަށް ވަޑައިގަންނަވާ މެހެމާނުންނަށް މެހެމާންދާރީ އަދާކުރުމަށްޓަކައި އިންތިޒާމުކުރަންޖެހޭ ކަންކަން އިންތިޒާމުކުރެއްވުން ފަދަ އެންމެހައި މަސައްކަތްތައް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން މުޙައްމަދު މޫސާ ކުރައްވައިފައިވެއެވެ.

ޒަމާނާއެކު މަސައްކަތްތަކަށް އައި ބަދަލުތަކަށް ހޭނިވަޑައިގެން މިއަދުވެސް މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާގެ ކައުންސިލް އެސިސްޓެންޓްގެ މަގާމުގައި މުޙައްމަދު މޫސާ މަސައްކަތް ކުރައްވަނީ ކަމަށް ކަމޭހިއްތަވައިގެން ވަރަށް ފަރުވާތެރިކަމާއެކުގައެވެ. އަދި މަސައްކަތުގެ ދާއިރާގައި ވެރިން އަންގަވާ އެންގެވުންތަކާއި، ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ވަރަށް ފުރިހަމައަށް އަދި ކިޔަމަންތެރިކަމާއެކުގައި މަސައްކަތް ކުރައްވާކަން ފާހަގަކޮށްލަންޖެހެއެވެ. ވަޒީފާގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި އޮފީހުގެ އެއްވެސް އުސޫލަކާއި ނުވަތަ ގަވާއިދަކާ ހިލާފުވެގެން ފިޔަވަޅެއް އަޅާފައި ނުވާކަންވެސް ފާހަގަކޮށްލަންޖެހެއެވެ.

މުޙައްމަދު މޫސާއަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެކުގައި މަސައްކަތް ކުރައްވާ އެހެން މުވައްޒަފުންނަށް ކަންކަން އޮޅުންފިލުވައިދެއްވަމުން ގެންދަވައެވެ. އަދި މުޙައްމަދު މޫސާއަކީ، ހުރިހާ މުވައްޒަފުންނާވެސް ގުޅިގެން މަސައްކަތް ކުރައްވާ އަދި އޮފީސް މާހައުލަކީ އެކުވެރި، އެއްބައިވަންތަ މާހައުލަކަށް ހެއްދެވުމަށް އަބަދުވެސް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އަދި ކައުންސިލުގެ އިދާރާއިން ރާވައި ހިންގާ ކަންކަމާއި، އިތުރު ހަރަކާތްތަކުގައިވެސް އެންމެ އިސް ސަފުގައި ހަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދަވާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.