އަލްފާޟިލާ ރާމިޒާ ޙުސައިން
ދަފްތަރު. ނަމްބަރު ރސ 2658، މާލެ

ރާމިޒާ ޙުސައިން، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، މާލޭ މުނިސިޕަލްޓީގެ 2 ނަންބަރު ކާތިބާ ކަމުގެ މަގާމުގައި، 14 އޮގަސްޓު 1983 ގައެވެ. އޭގެފަހުން، ސިލެކްޓެޑް އައިލެންޑްސް ޑިވެލޮޕްމަންޓް ޔުނިޓުގެ ރޭޑިއޯ ޓެލެފޯން އޮޕަރޭޓަރ ކަމާއި، އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، އަދި ސެކްރެޓެރީކަމުގެ މަގާމު ފުރުއްވައިފައިވެއެވެ. ރާމިޒާ ޙުސައިން، ސިލެކްޓެޑް އައިލެންޑްސް ޑިވެލޮޕްމަންޓް ޔުނިޓުގައި ޚިދުމަތް ކުރެއްވިއިރު، ބަޖެޓުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް ކުރެއްވިއެވެ.

ރާމިޒާ ޙުސައިން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޚިދުމަތާ ގުޅިވަޑައިގަތީ 6 ޑިސެންބަރު 1995 ގައި ކަސްޓަމްސް އޮފިސަރގެ މަގާމުންނެވެ. 27 ޖޫން 2001 ގައި ކަސްޓަމްސްގެ ވަޒީފާއިން ވަކިވެވަޑައިގަތުމަށްފަހު، އަލުން ކަސްޓަމްސްއާ ގުޅިވަޑައިގަތީ 30 ޖޫން 2002 ގައެވެ.

ރާމިޒާ ޙުސައިން، 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތްކުރައްވައިފައިވާއިރު، އެންމެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައިވަނީ، ކަސްޓަމްސް ގައެވެ. މިހާރު ހުންނެވީ ޗީފް ކަސްޓަމްސް އޮފިސަރގެ މަގާމުގައެވެ. ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ގެ މަގާމާއި، ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ގެ މަގާމާއި، އަދި ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ގެ މަގާމު ފުރުއްވައިފައި ވެއެވެ.

ރާމިޒާ ޙުސައިން، ކަސްޓަމްސްގެ ވަޒީފާގައި ތަފާތު މަސައްކަތްތައް ކުރައްވައިފައިވެއެވެ. އަދި މިހާރުވެސް ގެންދަވަނީ ކުރައްވަމުންނެވެ. މިގޮތުން ކަސްޓަމްސްގައިވެސް އިދާރީ މަސައްކަތްތަކުގެ އިތުރުން، ޕެސެންޖަރ ޓަރމިނަލް، ޑިޕަރޗަރ ޔުނިޓް، އަދި ބޮންޑެޑް ވެއަރހައުސް އެގްޒަމިނޭޝަން ސެކްޝަންގައި މަސައްކަތް ކުރައްވައިފައިވެއެވެ. އަދި ޕެސެންޖަރ ކްލިއަރެންސްގެ މަސައްކަތްތައްވެސް ކުރައްވައިފައި ވެއެވެ. މިހާރު ރާމިޒާ ޙުސައިން މަސައްކަތް ކުރައްވަމުން ގެންދަވަނީ ޑިޕަރޗަރ ޔުނިޓުގައެވެ.

ކަސްޓަމްސްއަށް ރީތި ނަން ހޯދައިދޭ އޮފިސަރުންގެ މަސައްކަތް ފާހަގަކޮށް އަގުވަޒަން ކުރުމުގެ ގޮތުން ކަސްޓަމްސް އޮފިސަރުންނަށް ދެވޭ ޝަރަފުގެ ނިޝާނާއި ކުލަތަކުގެ ތެރޭގައި ހިމެނޭ ޤާބިލުކަމުގެ ކުލަ، ކާމިޔާބުގެ ރަންކުލަ، އަޚުލާޤީ ކުލަ، އިޚުލާޞްތެރިކަމުގެ ކުލަ، ޚިދުމަތުގެ ކުލަ، ޚާއްޞަ ޚިދުމަތުގެ ކުލަ، ދިގު މުއްދަތުގެ ޚިދުމަތުގެ ކުލަ، 125 އަހަރުގެ ކުލަ، އަދި ހާޒިރީގެ ކުލަ، ރާމިޒާ ޙުސައިން ވަނީ ހާސިލުކުރައްވައިފައެވެ.