އަލްފާޟިލާ ފާޠިމަތު ޝަކީބު
ކާމިނީވިލާ، ސ. ހިތަދޫ

ފާޠިމަތު ޝަކީބު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 6 މޭ 1984 ގައެވެ. ސ. ހިތަދޫ ސްކޫލްގެ 2 ނަންބަރު ކާތިބާގެ ވަޒީފާއިން ފެށިގެން ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، އައްޑޫ ޑިވެލޮޕްމަންޓް އޮތޯރިޓީގެ 2 ނަންބަރު ކާތިބާގެ މަގާމާއި، އެސިސްޓެންޓް ސެކްރެޓެރީގެ މަގާމު އަދާކުރައްވައިފައި ވެއެވެ. މީގެއިތުރުން، ސަދަން ރީޖަނަލް އޮފީހުގެ އެސިސްޓެންޓް ސެކްރެޓެރީގެ މަގާމާއި، މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓްގެ ސެކްރެޓެރީގެ މަގާމާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ސެކްރެޓެރީގެ މަގާމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރކަމުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. ވަޒީފާ އަދާކުރައްވަމުން ގެންދެވި އޮފީސް ކަމަށްވާ އޭ.ޑީ.އޭ ޕްރޮޖެކްޓްސް ޔުނިޓް އުވާލެއްވުމާ ގުޅިގެން ސ. އަތޮޅު އޮފީހުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަގާމަށް ކުރިމަތިލެއްވީ ހުންނެވި މަގާމަށްވުރެ ދަށް މަގާމެއް ހަމަޖެހުނުނަމަވެސް، ވަޒީފާގައި ދެމިހުންނެވުމުގެ ބޭނުމުގައިކަން ފާޠިމަތު ޝަކީބު ފާހަގަކުރައްވައެވެ. މިހާރު އަދާކުރައްވަމުން ގެންދަވަނީ، އައްޑޫ ސިޓީ ކައުންސިލް އިދާރާގެ އެސިސްޓެންޓް ކައުންސިލް އޮފިސަރގެ މަގާމެވެ.

ފާޠިމަތު ޝަކީބު އަދާކުރެއްވި މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ފައިސާއާބެހޭ އެންމެހައި މަސައްކަތްތައް ކުރެއްވުމާއި، މުވައްޒަފުންނަށް މުސާރައާއި އުޖޫރަ ދިނުމަށް ބޭނުންވާ ލިޔެކިޔުންތައް އަތުން ލިޔުއްވައި، ފައިސާގެ ޚަރަދު ރިޕޯޓްވެސް އަތުން ލިޔުއްވުމުގެ މަސައްކަތް ހިމެނެއެވެ. މީގެއިތުރުން، ބަޖެޓް ތައްޔާރު ކުރެއްވުމުގައި އެހީތެރިވެދެއްވައި، މުވައްޒަފުންނަށް މުސާރަ ދިނުމުގެ މަސައްކަތާއި، މުވައްޒަފުންގެ ހާޒިރީ ރިޕޯޓާއި އިތުރުގަޑި އާއި ބަންދު ދުވަސްތަކުގައި މަސައްކަތް ކޮށްފައިވާ ދުވަސްތަކުގެ ރިޕޯޓާއި، ގަޑީލާރި ރިޕޯޓާއި، ސެކްޝަނަށް ލިބޭ ލިޔުންތައް ރަޖިސްޓަރީ ކުރުމާއި، ސެކްޝަނަށް ހޯދަންޖެހޭ ތަކެތި ހޯދުމަށް ބޭނުންވާ ލިޔުން ތައްޔާރު ކުރުމުގެ މަސައްކަތް ކުރައްވައިފައި ވެއެވެ. މަސައްކަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، އެއްވެސް މައްސަލައެއް ޖެހިގެން ސުވާލެއް ކޮށްފައިނުވާކަން ފާހަގަކޮށްލެވެއެވެ.

ފާޠިމަތު ޝަކީބަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި އެހެން މުވައްޒަފުންނަށް ކަންކަން އޮޅުންފިލުއްވައިދެއްވައި އެހީތެރިވެދެއްވައިފައި ވެއެވެ. މިގޮތުން، އޮފީހަށް އަލަށް ގުޅިވަޑައިގަންނަވާ މުވައްޒަފުންނަށް ކަންކަން އޮޅުންފިލުއްވައިދެއްވައި، ފައިސާގެ މައްސަލަތައް ޙައްލުކޮށްދެއްވައިފައި ވެއެވެ. އަދި އިންޓަރންޝިޕްގެ ގޮތުގައި މަސައްކަތްކުރަން ސެކްޝަނަށް އަންނަ ފަރާތްތަކަށް ފާޠިމަތު ޝަކީބު ކުރައްވާ މަސައްކަތާ ގުޅުންހުރި ކަންކަން އޮޅުންފިލުއްވައި ދެއްވައި އެހީތެރިކަން ފޯރުކޮށްދެއްވައެވެ.

ފާޠިމަތު ޝަކީބު ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 40 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.