
ފަސްޓް ސާރޖަންޓް ޢަބްދުއްރަޝީދު ޤާސިމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ނޭޝަނަލް ސެކިއުރިޓީ ސަރވިސަސްގެ ޕްރައިވެޓެއްގެ ރޭންކްގައި 9 މޭ 1984 ގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 40 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، އެން.އެސް.އެސް.ގެ ލާންސްކޯޕްރަލްގެ ރޭންކްގައްޔާއި، ކޯޕްރަލްގެ ރޭންކްގައްޔާއި، ސާރޖަންޓްގެ ރޭންކްގައްޔާއި، ސްޓާފް ސާރޖަންޓްގެ ރޭންކްގައްޔާއި، ސާރޖަންޓް ފަސްޓްކްލާސްގެ ރޭންކްގައި ޚިދުމަތްކުރައްވައިފައި ވެއެވެ. (ފަސްޓް ސާރޖަންޓް) ޢަބުދުއްރަޝީދު ޤާސިމް، މިހާރު ހުންނެވީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަސްޓް ސާރޖަންޓްގެ ރޭންކްގައެވެ.
ފަސްޓް ސާރޖަންޓް ޢަބުދުއްރަޝީދު ޤާސިމް، ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުންގެ ސެކިއުރިޓީ އޮފިސަރުގެ ގޮތުގައި އިޚުލާޞްތެރިކަމާއެކުގައި މަސައްކަތް ކުރައްވައިފައި ވެއެވެ. އަދި ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމްގެ ސެކިއުރިޓީ ޓީމުގައި ޓީމު މެންބަރެއްގެ ހައިސިއްޔަތުންނާއި، ޓީމުގެ އިންޗާޖުގެ ގޮތުގައި ޒިންމާދާރުކަމާއެކުގައި މަސައްކަތް ކުރައްވައިފައި ވެއެވެ. ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމްގެ ކާރުކޮޅު ދުއްވާ ޑްރައިވަރުގެ އިތުރުން، ޑްރައިވަރުންގެ އިންޗާޖުގެ ގޮތުގައިވެސް މަސައްކަތް ކުރައްވައިފައި ވެއެވެ. މީގެ އިތުރުން، އިންޑިއާގެ ޕްރައިމް މިނިސްޓަރުގެ ސެކިއުރިޓީ އޮފިސަރުގެ ގޮތުގައި މަސައްކަތްކުރައްވައިފައި ވެއެވެ. އަދި ޗައިނާގެ ބޮޑުވަޒީރުގެ ސެކިއުރިޓީ އޮފިސަރުގެ ގޮތުގައިވެސް މަސައްކަތްކުރައްވައިފައި ވެއެވެ. މީގެ އިތުރުންވެސް، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕުގެ ސަރވިސް ސަޕޯޓް ކޮމްޕޯނަންޓްގެ އެން.ސީ.އޯ. އިންޗާޖުގެ ގޮތުގައި މަސައްކަތް ކުރައްވައިފައި ވެއެވެ. ފަސްޓް ސާރޖަންޓް ޢަބުދުއްރަޝީދު ޤާސިމް މިހާރު މަސައްކަތްކުރައްވަމުން ގެންދަވަނީ ސްޕެޝަލް ޕްރޮޓެކްޝަން ސަރވިސްގެ ސަރވިސް ސަޕޯޓް ކޮންޕޯނަންނަޓް ސްކޮޓް އެން.ސީ.އޯ. އިންޗާޖުގެ ގޮތުގައެވެ.
ފަސްޓް ސާރޖަންޓް ޢަބްދުއްރަޝީދު ޤާސިމް، މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާ ފާހަގަކުރެވޭ މަސައްކަތްތަކުގެ ތެރޭގައި، 2011ވަނަ އަހަރު އައްޑޫ ސިޓީގައި ކުރިޔަށް ގެންދެވުނު ސާރކް ސަމިޓުގެ އޮޕަރޭޝަންގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތްކުރައްވައިފައި ވުމާއި، ރާއްޖެއަށް ކުރިމަތިވި ބޮޑެތި ކާރިސާތަކުގެ ތެރެއިން 2004ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ހާލުގައިޖެހުނު ފަރާތްތަކަށް އެހީތެރިވުމުގައްޔާއި، 3 ނޮވެންބަރު 1988 ގައި ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި އުދުވާނީ ހަމަލައިގައި ދިވެހި ޤައުމާއި ރައްޔިތުންނާއި އަދި މާތްވެގެންވާ އިސްލާމްދީނުގެ ދިފާޢުގައި މަސައްކަތް ކުރެއްވުން ހިމެނެއެވެ. މީގެ އިތުރުން، 2020ވަނަ އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް19-ގެ ބަލިމަޑުކަމާ ގުޅިގެން ސިފައިންގެ ފަރާތުން ކުރިއަށްގެންދެވި ޚާއްޞަ އޮޕަރޭޝަނުގައި ބައިވެރިވެވަޑައިގެން މަސައްކަތް ކުރައްވައިފައި ވެއެވެ.
ފަސްޓް ސާރޖަންޓް ޢަބްދުއްރަޝީދު ޤާސިމަށް، ޚިދުމަތުގެ މުއްދަތުގައި ޝަރަފުގެ ނިޝާނުގެ ގޮތުގައި 9 މެޑެއްޔާއި 7 ކުލަ ލިބިވަޑައިގެންފައި ވެއެވެ. އޭގެތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލައާއި، އިޚުލާޞްތެރި ޚިދުމަތުގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލައާއި، އަޚުލާޤީ ކުލަ 1އާއި، އަޚުލާޤީ ކުލަ 2 އާއި، އަޚުލާޤީ ކުލަ 3 ލިބިވަޑައިގެންފައި ވެއެވެ. އަދި އިޚުލާޞްތެރި ޚިދުމަތުގެ މެޑެއްޔާއި، ސިފައިންގެ ޚިދުމަތުގެ މެޑެއްޔާއި، އަޚުލާޤީ މެޑެއްޔާއި، ސައްތައިގެ މެޑެއްޔާއި، 3 ނޮވެންބަރުގެ މެޑެއްޔާއި، 17ވަނަ ސާރކް ސަމިޓްގެ މެޑެއްޔާއި، މިނިވަން ފަންސާހުގެ މެޑެއްޔާއި، ޖުމްހޫރީ ފަންސާހުގެ މެޑެއްޔާއި، އިންސާނީ ޚިދުމަތުގެ މެޑެލް ކޮވިޑް-19 ލިބިވަޑައިގެންފައި ވެއެވެ.