
ޢަބްދުﷲ މުޙައްމަދު، ދިވެހި ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ 2 އޮގަސްޓު 1978 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ޑިޕާޓްމަންޓް އޮފް ބޯޓްސް އިކުއިޕްމަންޓް ގިއަރ 1ގެ ލޮރީ ޑްރައިވަރެއްގެ ވަޒީފާއެވެ. 21 ޖޫން 2019 ގައި ދައުލަތުގެ ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އެސިސްޓެންޓް އިކުއިޕްމަންޓް ސުޕަވައިޒަރ (ގްރޭޑް 3)ގެ މަގާމުގައެވެ.
ޢަބްދުﷲ މުޙައްމަދު، ޚިދުމަތުގައި ހޭދަކުރެއްވި 40 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ޑިޕާޓްމަންޓް އޮފް ބޯޓްސް އިކުއިޕްމަންޓް ގިއަރ 1ގެ އެކްސްކަވޭޓަރގެ ޑްރައިވަރުކަމާއި، އެމް.ޓީ.ސީ.ސީ.ގެ ކްރޭން އޮޕަރޭޓަރކަމާއި، 3 ނަންބަރު އޮޕަރޭޓަރކަމާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ފޯކް ލިފްޓް ޑްރައިވަރުކަމާއި، ކްރޭން ޑްރައިވަރުކަން ކުރައްވައިފައި ވެއެވެ.
ޢަބްދުﷲ މުޙައްމަދު ވަޒީފާއަދާކުރެއްވިއިރު، ފަރުވާތެރިކަމާއެކުގައި ހެވީ ވެހިކަލްތައް ދުއްވުމާއި، އޮޕަރޭޓްކުރުމާއި، ވެހިކަލްތައް ސާފުތާހިރުކޮށް ބަލަހައްޓަވައިފައިވެއެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ހިންގާ ބަނދަރުތަކަށް ގެނެވޭ ކޮންޓެއިނަރުތައް ހޭންޑްލް ކުރުމާއި، ކޮންޓެއިނަރުތައް ހުސްކުރުމުގެ މަސައްކަތްވެސް ޢަބްދުﷲ މުޙައްމަދު ކުރައްވައިފައި ވެއެވެ. އަދި ކުންފުންޏަށް އަލަށް ގެނެވޭ އުޅަނދުތައް ޓެސްޓު ކުރައްވައި، މައްސަލަތައް ދެނެގަނެ، އިސްވެރިންގެ ސަމާލުކަމަށް އެކަންކަން ގެނައުމުގެ މަސައްކަތްވެސް ޢަބްދުﷲ މުޙައްމަދު ކުރައްވައިފައިވެއެވެ.
ޢަބްދުﷲ މުޙައްމަދަކީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މައި އޮޕަރޭޝަންގައި އެއްގަމުގައި ދުއްވާ އުޅަނދުތައް ދުއްވުމުގައި އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތަކަށް އިސްކަން ދެއްވައިގެން، ކުންފުނީގެ ވަޒީފާއާ އަލަށް ގުޅޭ މުވައްޒަފުންނަށް އުޅަނދުތައް އޮޕަރޭޓް ކުރާނެގޮތުގެ އިރުޝާދު ދެއްވައި، ކަންކަމުގައި އިސްނަންގަވައިގެން ހީވާގިކަމާއެކުގައި މަސައްކަތް ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި އޮފީހުގައި ޚިދުމަތްކުރެއްވި މުއްދަތުގައި ގަޑިއަށް ޙުރުމަތްތެރިކޮށް ހިއްތެވުމާއެކު، ކުންފުނީގެ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް މަސައްކަތް ކުރައްވައިފައިވާ ބޭފުޅެއްކަން ފާހަގަކޮށްލަން ޖެހެއެވެ.
ޢަބްދުﷲ މުޙައްމަދަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވައި، ކުންފުނީގެ މުވައްޒަފުން ބިނާކުރުމުގައިވެސް އިސް ދައުރެއް އަދާކުރައްވައިފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.