
ޢަބްދުﷲ ސަޢީދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ޑިޕާޓްމަންޓް އޮފް ޕޯޓްސް އިކުއިޕްމަންޓްގެ ގިޔަރ 1 ގެ ޕިޔޯނުކަމުގެ ވަޒީފާގައި 14 ފެބުރުވަރީ 1976 ގައެވެ. ޚިދުމަތުގައި 40 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރެއްވުމަށްފަހު 19 ސެޕްޓެންބަރު 2022 ގައި ދައުލަތުގެ ޚިދުމަތުން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ ގދ. މަޑަވެލީ ސްކޫލުގެ ޕްރައިމަރީ ޓީޗަރުގެ މަގާމުގައެވެ. ޚިދުމަތުގެ ދިގު މުއްދަތުގެ ތެރޭގައި، ޕަބްލިކް ހެލްތު ޑިވިޜަންގެ ފެމިލީ ހެލްތު ވަރކަރ ކަމާއި، ކޯޓު ނަންބަރު 1ގެ 2 ނަންބަރު ކާތިބުކަމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ރާއްޖެތެރޭގެ ޕްރައިމަރީ ޓީޗަރުކަމާއި، ސުޕަވައިޒަރުކަމާއި، ގދ. މަޑަވެލީ ސްކޫލުގެ ސުޕަވައިޒަރުކަމާއި، ގްރެޖުއޭޓް ލީޑިންގ ޓީޗަރުކަމާއި، ޓީޗަރ (ޕްރައިމަރީ) ކަމުގެ ވަޒީފާ އަދާކުރެއްވިއެވެ.
ޢަބްދުﷲ ސަޢީދު، ފެމިލީ ހެލްތު ވަރކަރގެ މަގާމު އަދާކުރެއްވިއިރު، ކުޑަކުދިންނާއި، މާބަނޑު މީހުންނާއި، އަދި ޢާންމު ރައްޔިތުންނަށް، ރަނގަޅުކާނާއާއި ޞިއްޙަތާ ގުޅޭގޮތުންނާއި، ސާފުތާހިރުކަމާ ބެހޭގޮތުން ޞިއްޙީގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް، ހެލްތު އެޑިޔުކޭޝަންގެ ދާއިރާއިން މަސައްކަތްކުރައްވައިފައި ވެއެވެ. މީގެއިތުރުން، ބަލިމީހުންގެ ގާތަށް ހޯމް ވިޒިޓް ކުރެއްވުމާއި، ކުއްލި ހާލަތްތައް ދިމާވާ މާބަނޑު މީހުންނަށާއި، ކުޑަކުދިންނަށް ފަސްޓް އެއިޑް ދެއްވުމާއި، ޓީ.ބީ.އާއި، ލެޕްރެސީއާއި، ފައިލޭރިޔާ އަދި މެލޭރިއާގެ ބަލިމީހުންނަށް ހަމަޖައްސަވައިފައި އޮންނަ އުސޫލުގެ މަތިން ބޭސްދިނުމުގެ ކަންކަން ކުރައްވައިފައި ވެއެވެ.
ޢަބްދުﷲ ސަޢީދު، މޯލްޑިވްސް ވޯޓަރ އެންޑް ސެނިޓޭޝަން އޮތޯރިޓީ (އެމް.ޑަބްލިޔު.އެސް.އޭ.)ގައި ޚިދުމަތް ކުރައްވައިފައިވަނީ، އެ އޮތޯރިޓީގެ ފެން ޓެސްޓު ކުރުމާބެހޭ ބައިގައެވެ. އެގޮތުން މާލޭގެ ގޭގެއިން ވަޅުފެން ނަގައި، ފެން ޓެސްޓްކުރުމާބެހޭ ގިނަގުނަ މަސައްކަތްތަކެއް ޢަބްދުﷲ ސަޢީދު ކުރައްވައިފައި ވެއެވެ.
ޢަބްދުﷲ ސަޢީދު، ތަޢުލީމީ ދާއިރާގައި ވަޒީފާ އަދާކުރެއްވިއިރު ގދ. މަޑަވެލީ ސްކޫލުގެ އިތުރުން، ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި އެތަނުގެ ދަރިވަރުންނަށް ތިން ދަންފަޅީގައި ކިޔަވައިދެއްވައިފައިވެއެވެ. މި ދުވަސްވަރު ކަރަންޓުގެ ވަސީލަތްތައް އެކަށީގެންވާ ފެންވަރަށް ނެތުމާއި، މިހާރުގެ ޒަމާނީ ޓެކްނޯލޮޖީގެ ވަސީލަތްތައް ނެތުމާއެކު، ސްކީމްސް އޮފް ވަރކްއާއި، ލެސަން ޕްލޭނާއި، ދަރިވަރުންގެ ރިޕޯޓުފޮތް ފަދަ ތަކެތި އަތުން ލިޔުއްވައި ތައްޔާރު ކުރެއްވިއެވެ. ސްޓެންސިލްގައި ލިޔުއްވައިގެން ޓެސްޓުޕޭޕަރު ތައްޔާރުކުރެއްވިއެވެ. އަދި އެ ޒަމާނުގައި ޗާޕްކުރަންޖެހެނީ އަތުން އަނބުރައިގެން ޗާޕުކުރާ މެޝިނަކުން ކަމަށްވާތީ، ކޮންމެ މާއްދާއެއްގެ ޓެސްޓް ޕޭޕަރު ތައްޔާރުކުރެއްވުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއްވިއެވެ.
ގދ. މަޑަވެލީ ސްކޫލަށް ބަދަލުވެވަޑައިގެން އެ ސްކޫލުގައި މަސައްކަތްކުރެއްވިއިރު، ދަރިވަރުންނަށް ތިން ދަންފަޅިއަށް ކިޔަވައިދެއްވުމުގެ އިތުރުން، ދަރިވަރުންގެ ކުޅިވަރާއި އިތުރު ހަރަކާތްތަކުގެ ކަންކަމާއި، އިދާރީ މަސައްކަތްތައް ބެލެހެއްޓެވުމާއި، ފާހަގަކުރަންޖެހޭ އެކި ދުވަސްތައް ފާހަގަކުރުމަށް ޖަލްސާތައް ބޭއްވުމުގައްޔާއި، އެކި ހަރަކާތްތައް ކުރިއަށްގެންދިޔުމުގައި އިސް ދައުރެއް އަދާކުރައްވައިފައި ވެއެވެ.
ޢަބްދުﷲ ސަޢީދަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެކުގައި މަސައްކަތްކުރައްވަން އަލަށް ގުޅިވަޑައިގަންނަވާ ވަގުތީ މުދައްރިސުންނަށް ތަމްރީނުދެއްވައި، ކޮންމެ ދުވަހަކު ކިޔަވައިދެއްވުމުގެ ކަންކަން ކުރިއަށްގެންދާނެ ގޮތުގެ އިރުޝާދު ދެއްވައި، އެހީތެރިވެދެއްވިއެވެ.