
ފާޠިމަތު ރަޝީދާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ ބޭންކް އޮފް މޯލްޑިވްސްގެ އެސިސްޓެންޓުގެ ވަޒީފާގައި 1 ޑިސެންބަރު 1983 ގައެވެ. ޚިދުމަތުގައި މިއަދާ ހަމައަށް ހޭދަކުރައްވައިފައިވާ 41 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ބޭންކް އޮފް މޯލްޑިވްސްގެ ތިނަދޫ، ފޮނަދޫ ބްރާންޗް އަދި ގަން ބްރާންޗްގެ މެނޭޖަރ ކަމާއި، އިންސްޕެކްޝަން ޔުނިޓުގެ ސީނިއަރ އޮފިސަރ ކަމާއި، އިންސްޕެކްޝަން ޑިޕާޓްމަންޓް އަދި އިންޓަރނަލް އޮޑިޓް/ކޮމްޕްލަޔަންސްގެ މެނޭޖަރުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. ފާޠިމަތު ރަޝީދާ މިހާރު ހުންނެވީ އިންޓަރނަލް އޮޑިޓް ޑިޕާޓްމަންޓުގެ ހެޑްގެ މަގާމުގައެވެ.
ބޭންކް އޮފް މޯލްޑިވްސްގެ އޮޑިޓުގެ ހުރިހާ މަސައްކަތްތައް ބަލަހައްޓަވަނީ ފާޠިމަތު ރަޝީދާއެވެ. އަދި ބޭންކް އޮފް މޯލްޑިވްސްގެ ހުރިހާ ބްރާންޗްތަކާއި، ޑިޕާޓްމަންޓުތަކުގެ އޮޕަރޭޝަންސްތައް ޕްރޮސީޖަރތަކާ އެއްގޮތަށް ހިނގާކަން ކަށަވަރު ކުރައްވައި، ޕޮލިސީތައް ޗެކްކޮށް ބައްލަވާ ބޭފުޅަކީވެސް ފާޠިމަތު ރަޝީދާއެވެ. ޓީމް ލީޑަރޝިޕް ކުރިޔަށް ގެންދަވާ ގޮތާއި، މަސައްކަތްތައް ކުރައްވައި ނިންމަވާ ފުރިހަމަކަމަކީ، އެކަންކަމުން ފާޠިމަތު ރަޝީދާގެ ހުނަރުވެރިކަން ފެނިގެންދާކަންކަމެވެ. ފާހަގަކޮށްލަންޖެހޭ އަނެއްކަމަކީ، ބޭންކް އޮފް މޯލްޑިވްސްގައި ޚިދުމަތް ކުރައްވަމުންގެންދަވާއިރު، އެތަނުގެ އެއްވެސް އުސޫލަކާއި ނުވަތަ ގަވާއިދަކާ ޚިލާފުވެވަޑައިގެން ފިޔަވަޅެއް އަޅުއްވައިފައި ނުވާކަމެވެ.
ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، ފާޠިމަތު ރަޝީދާ ވަނީ އެކުގައި މަސައްކަތްކުރައްވާ އެހެން މުވައްޒަފުންނަށް ކަންކަން އޮޅުންފިލުއްވައިދެއްވުމަށާއި، މަސައްކަތުގެ ރޫޙު އާލާކޮށް ދެމެހެއްޓެވުމަށް ބުރަ މަސައްކަތްތަކެއް ކުރައްވައިފައެވެ. އަދި ޚިދުމަތުގައި ހޭދަކުރައްވާފައިވާ މި ދިގު މުއްދަތުގެ ތެރޭގައި ފާޠިމަތު ރަޝީދާ ގެންދަވަނީ މަސައްކަތުގައި ނަމޫނާ ދައްކަވައި، ބޭންކް އޮފް މޯލްޑިވްސްއަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވަމުންނެވެ.