އަލްފާޟިލް ޒަކަރިއްޔާ މުފީދު
ހަވީރީވިލާ، ދ. މާއެނބޫދޫ

ޒަކަރިއްޔާ މުފީދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ދ. މާއެނބޫދޫ އޮފީހުގެ ކާތިބު ކަމުގެ ވަޒީފާގައި 1 އެޕްރީލް 1979 ގައެވެ. ސަރުކާރުގެ ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި އިމާމުކަމުގެ މަގާމުގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 41 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، މާއެނބޫދޫ އޮފީހުގެ ކާތިބުކަމާއި، ސީނިއަރ ކްލާރކް ކަމާއި، ކުޑަކަތީބު ކަމާއި، ކަތީބު ކަމާއި، އިމާމުކަންވެސް އަދާކުރެއްވިއެވެ.

ޒަކަރިއްޔާ މުފީދު ވަޒީފާ އަދާކުރެއްވިއިރު، މާއެނބޫދޫ އޮފީހުގައި އޭރު އެކިއެކި ކަންކަމާ ގުޅިގެން ހުށަހަޅާ މައްސަލަތަކުގައި ނަގަންޖެހޭ ބަޔާންތައް ނެގުމާއި، މަސްދުވަހުގެ ރިޕޯޓުފަދަ ލިޔުންތައް ފަރުވާތެރިކަމާއެކު އަތުން ލިޔުއްވައިފައި ވެއެވެ. ފަހުން ޓައިޕް ކުރައްވައިގެން އެންމެހައި ލިޔުންތައް ލިޔުއްވައި، ބަލަހައްޓަވައިފައި ވެއެވެ. މީގެ އިތުރުން އެކިއެކި ކަންކަމުގައި އޮފީހަށް ހާޒިރުކުރަންޖެހޭ ފަރާތްތައް، އޮފީހަށް ހާޒިރު ކުރުމަށް ލިޔުން ފޮނުއްވުމާއި، އަދި އާންމު ރައްޔިތުންނާ ގުޅުންހުރި އެކިއެކި މައްސަލަތަކުގައި ވަކިވަކި ފަރުދުންނާ ވަކިން ބައްދަލުކުރައްވައި، އެކަން ޙައްލު ކުރައްވައިފައި ވެއެވެ.

މާއެނބޫދޫ އޮފީހުގެ އިދާރީ އެންމެހައި މަސައްކަތްތަކާއި، މަސްދުވަހުގެ ރިޕޯޓުތައް ފޮނުއްވުމާއި، ފައިސާއާބެހޭ އެންމެހައި ކަންކަމާއި، މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓެވުމާއި، މުސާރާ ދިނުމާއި، އިންވެންޓްރީއާއި، ސްޓޮކް ބެލެހެއްޓެވުންފަދަ މަސައްކަތްތައްވެސް ޒަކަރިއްޔާ މުފީދު ކުރެއްވިއެވެ. ހަމައެއާއެކު ރަށަށް ޒިޔާރަތްކުރާ އެންމެހައި ވަފުދުތަކާ ގުޅިގެން ކުރައްވަންޖެހޭ ކަންކަންވެސް ވަރަށް ފަރުވާތެރިކަމާއެކުގައި ކުރައްވައިފައި ވެއެވެ. މީގެއިތުރުން، މާއެނބޫދޫ ކަތީބުގެ ހައިސިއްޔަތުން މާއެނބޫދު ސްކޫލުގެ ނާޒިރުކަން ކުރައްވައި، ރ.ކ. ކޮމިޓީއާއި، ރައްޔިތުން ގުޅިގެން ރަށުގައި ގުރޭޑް 8 އުފައްދަވައި ސެކަންޑަރީ ތަޢުލީމު ފަށްޓަވައި ދެއްވައި، ރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ސަރުކާރުގެ ތެރެއިން ހޯއްދަވައި އެކަންކަން ފުރިހަމަ ކުރައްވައިފައި ވެއެވެ. އަދި، އޮފީހުގައި ޚިދުމަތް ކުރެއްވި މުއްދަތުގައި އުސޫލަކާ ނުވަތަ ގަވާއިދަކާ ޚިލާފުވެގެން ފިޔަވަޅެއް އަޅުއްވައިފައި ނުވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ޒަކަރިއްޔާ މުފީދަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެކުގައި މަސައްކަތް ކުރައްވާ އެހެން މުވައްޒަފުންނަށް ކަންކަން އޮޅުންފިލުއްވައިދެއްވައިފައި ވެއެވެ. އަދި، އޮފީހުގެ ވަޒީފާއަށް އަލަށް ގުޅިވަޑައިގަންނަވާ މުވައްޒަފުންނަށް ތަމްރީނު ދެއްވުމާއި، އަތޮޅުގެ ބައެއް ރަށްރަށުގައި އޮފީސް ހިންގެވުމާ ހަވާލުވެ، އެރަށްރަށުގައި ދިމާވެފައިވާ އިދާރީ މައްސަލަތަކާއި ފައިސާގެ މައްސަލަތައް ޙައްލުކޮށްދެއްވުމުގައި އެހީތެރިވެދެއްވުމާއި، މަސައްކަތުގެ ތަޖުރިބާ ހޯދަން އޮފީހަށް ޒިޔާރަތްކުރާ ސްކޫލުތަކުގެ ދަރިވަރުންނަށްވެސް ކަންކަން ކުރަންވީގޮތާއި، ކަންކަން ކުރަމުން ހިންގަމުން ގެންދާގޮތް އޮޅުންފިލުވައި ދެއްވައިފައިވެއެވެ.

ޒަކަރިއްޔާ މުފީދުވަނީ، ދ. މާއެނބޫދޫ ހެލްތު ޔުނިޓުވެސް ހިންގަވައިފައެވެ. އަދި އަތޮޅު ކޮމިޓީގެ މެންބަރުކަމާއި، ރަށްކުރިއަރުވާ ކޮމިޓީގެ ރައީސްކަންވެސް ކުރައްވައިފައެވެ.