
ސާރޖަންޓް މޭޖަރ (ރިޓަޔަރޑް) ޢަލީ ވަޙީދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، އެން.އެސް.އެސް.ގެ ޕްރައިވެޓެއްގެ ރޭންކްގައި 2 މާރިޗު 1983 ގައެވެ. 24 އޮގަސްޓު 2024 ގައި ރިޓަޔަރ ކުރެއްވުމާ ހަމައަށް ދައުލަތުގެ ޚިދުމަތުގައި ހޭދަކުރެއްވި 41 އަހަރަށްވުރެ ދިގު މުއްދަތުގައި، އެން.އެސް.އެސް.ގެ ލާންސްކޯޕްރަލްގެ ރޭންކްގައްޔާއި، ކޯޕްރަލްގެ ރޭންކްގައްޔާއި، ސާރޖަންޓްގެ ރޭންކްގައްޔާއި، ސްޓާފް ސާރޖަންޓްގެ ރޭންކްގައްޔާއި، ސާރޖަންޓް ފަސްޓް ކްލާސްގެ ރޭންކްގައްޔާއި، ފަސްޓް ސާރޖަންޓްގެ ރޭންކްގައި ޚިދުމަތްކުރައްވައިފައި ވެއެވެ. ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ސާރޖަންޓް މޭޖަރގެ ރޭންކްގައެވެ.
ސާރޖަންޓް މޭޖަރ (ރިޓަޔަރޑް) ޢަލީ ވަޙީދު، ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި ވަގުތަށް ކަމޭހިއްތަވައިގެން ހަވާލުކުރެވުނު ކޮންމެކަމެއްވެސް ގާބިލުކަމާއި ތެދުވެރިކަމާއެކު، ކަމަށް ކަމޭހިއްތަވައިގެން ކުރައްވައިފައި ވެއެވެ. މިގޮތުން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ކުރިޔަށް ގެންދަވައިފައިވާ އެކިއެކި ޕުރޮގުރާމުތަކާއި، ޚާއްޞަ އޮޕަރޭޝަންތަކުގައި ބައިވެރިވެވަޑައިގެން، ދިވެހިރާއްޖެއަށް ކުރިމަތިވި ނުރައްކަލުގެ ޙާލަތްތަކުގައްޔާއި، ބޮޑެތި ކާރިސާތަކުގައިވެސް ޢަމަލީގޮތުން ބައިވެރިވެވަޑައިގެން ނަމޫނާ ދައްކަވައިފައިވެއެވެ. އަދި 2007ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓަވައި، ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ބައެއް ދަތުރުފުޅުތަކުގެ ސެކިއުރިޓީ ޓީމުގައި ބައިވެރިވެވަޑައިގެން ޚިދުމަތް ކުރައްވައިފައިވެއެވެ. މީގެއިތުރުން، ގިރިފުށީ ޓްރޭނިންގ ސެންޓަރުގައްޔާއި، މާލޭގައި ބޭއްވުނު އެކިއެކި ކޯސްތަކާއި، ތަމްރީނުތައްވެސް ފުރިހަމަ ކުރައްވައިފައި ވެއެވެ. ސާރޖަންޓް މޭޖަރ (ރިޓަޔަރޑް) ޢަލީ ވަޙީދު، ސިފައިންގެ ތަފާތު 13 ދާއިރާއެއްގައި ޚިދުމަތް ކުރައްވައިފައި ވެއެވެ.
ސާރޖަންޓް މޭޖަރ (ރިޓަޔަރޑް) ޢަލީ ވަޙީދު، ސިފައިންގޭގައި އިޚުލާޞްތެރިކަމާއި ވަފާތެރިކަމާއެކުގައި އަދާކުރެއްވި ޚިދުމަތްތަކުގެ އަގު ވަޒަން ކުރައްވައި، ޝަރަފުގެ ނިޝާނުގެ ގޮތުގައި 7 ކުލައާއި، 5 މެޑެލް ލިބިވަޑައިގެންފައިވެއެވެ. ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި، ދިގުމުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލައާއި، އިޚުލާޞްތެރި ޚިދުމަތުގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލައާއި، އަޚުލާޤީ ކުލަ ހިމެނެއެވެ. އަޚުލާޤީ ކުލަ 3 ފަހަރު ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، ސައްތައިގެ މެޑެއްޔާއި، 3 ނޮވެންބަރުގެ މެޑެއްޔާއި، 17 ވަނަ ސާރކް ސަމިޓް މެޑެއްޔާއި، ޖުމްހޫރީ ފަންސާހުގެ މެޑެއްޔާއި އަދި އިންސާނީ ޚިދުމަތުގެ މެޑެލް ކޮވިޑް-19 ހިމެނެއެވެ.