އަލްފާޟިލް އަޙްމަދު ޙުސައިން
އަލިމާ، ލ. މާމެންދޫ

އަޙްމަދު ޙުސައިން، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ޢާއިލާގެ އެހީތެރިއެއްގެ ވަޒީފާގައި 5 އޮގަސްޓު 1983 ގައެވެ. ޞިއްޙީ ދާއިރާގައި އަޙްމަދު ޙުސައިން ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 41 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ. މިހާރު ހުންނެވީ، މާމެންދޫ ޞިއްޙީ މަރުކަޒުގެ ފެމިލީ ހެލްތް ވަރކަރ ކަމުގެ މަގާމުގައެވެ.

މާމެންދޫ ޞިއްޙީ މަރުކަޒުގައި މަސައްކަތް ކުރައްވަމުން ގެންދަވާއިރު، ރަށުގެ ރައްޔިތުންގެ ޞިއްޙަތާ ގުޅޭކަންކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވަނީ އަޙްމަދު ޙުސައިނެވެ. އެގޮތުން، ކުޑަކުދިން ކިރައި ބަރުދަން ބެއްލެވުމާއި، ނޭޝަނަލް އިމުނައިޒޭޝަން ޕުރޮގުރާމު ހިންގެވުމާއި، އޭ.އެން.ސީ. ކްލިނިކް އަދި ޢާއިލާ ރޭވުމާގުޅޭ އެންމެހައި ކަންކަން ކުރިއަށް ގެންދަވައެވެ. އަދި ފިހާރަތަކާއި، ސައިހޮޓާ، ރެސްޓޯރެންޓް، ކެފޭ ފަދަ ތަންތަނާއި، މަސްވެރިކަންކުރާ އުޅަނދުފަހަރުގެ ސާފުތާހިރުކަމާގުޅޭ އެންމެހައި މަސައްކަތްތައް ވިލަރެސް ކުރުމުގެ ކަންތައްތައް ކުރިޔަށް ގެންދަނީ އަޙްމަދު ޙުސައިންގެ ބެއްލެވުމުގެ ދަށުންނެވެ. އަދި ވަކިން ޚާއްޞަކޮށް، ކޮވިޑް19- އާ ގުޅިގެން ކުރި އެންމެހައި މަސައްކަތްތައް އިސްވެހުންނަވައިގެން ވިސްނުންތެރިކަމާއެކު ކުރައްވަމުން ގެންދެވީވެސް އަޙްމަދު ޙުސައިނެވެ.

އަޙްމަދު ޙުސައިނަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެކުގައި މަސައްކަތްކުރައްވާ އެހެން މުވައްޒަފުންނަށް ކަންކަން އުނގަންނަވައިދެއްވައި އޮޅުންފިލުއްވައިދެއްވަމުން ގެންދަވައެވެ. އަދި ރަށުފެންވަރުގައި އެކި ދުވަސްތައް ފާހަގަކުރުމުގައި، ޞިއްޙީ ދާއިރާއިން ބޭނުންވާ އެހީތެރިކަށް ފޯރުކޮށްދެއްވުމުގައިވެސް ޢަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވަމުން ގެންދަވައެވެ. ލ. މާމެންދޫ ޞިއްޙީ މަރުކަޒުގެ ޕަބްލިކް ހެލްތް ޔުނިޓުގައި 2019ވަނަ އަހަރުން ފެށިގެން ޚިދުމަތް ކުރައްވަމުން ގެންދަވާ ހަމައެކަނި ބޭފުޅަކީ އަޙްމަދު ޙުސައިނެވެ.

އަޙްމަދު ޙުސައިން ފާހަގަކުރެވެނީ، ގަޑިނުޖެހި އޮފީހަށް ހާޒިރުވެވަޑައިގަންނަވާ، ކަންކަން ނިންމެވުމުގައި ގަވާއިދުތަކާއި އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިއްތަވައިގެން އެއާ އެއްގޮތަށް އަބަދުވެސް މަސައްކަތްކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި މަސައްކަތަށް އިސްކަންދެއްވައި، އޮފީހުގެ މަސައްކަތަށް ވަރަށް ފަރުވާތެރި، އެހެން މުވައްޒަފުންނާ ރަނގަޅު ގުޅުމެއް ބާއްވަވާ ހިތްހެޔޮ އަދި ނަމޫނާ ބޭފުޅެއްގެ ގޮތުގައިވެސް މެއެވެ.