
އަޙްމަދު ރަޝާދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 10 ޖުލައި 1967 ގައެވެ. އޭރު އުމުރުން އެންމެ 18 އަހަރެވެ. ފުރަތަމަ އަދާކުރެއްވީ މަޙްކަމަތުލް ޝަރީޢާގެ (ރ)ގެ ޕިޔޯނު ކަމެވެ. އޭގެފަހުން، ޕަބްލިކް ހެލްތު ޑިވިޝަންގެ ޕިޔޯނު ކަމާއި، ޕޯސްޓް އޮފީހުގެ ޕޯސްޓްމަން ކަމާއި، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގެ ޕިޔޯނު ކަމާއި، ލަވަ ހޮޅި ބެލެހެއްޓުމުގެ ވަޒީފާއާއި، 2 ނަންބަރު އޮޕަރޭޓަރ ކަމާއި، ރޭޑިޔޯ މޯލްޑިވްސްގެ 2 ނަންބަރު އޮޕަރޭޓަރ ކަމާއި، 1 ނަންބަރު އޮޕަރޭޓަރ ކަމާއި، އޮޕަރޭޓަރ ކަމާއި، ދިވެހިރާއްޖޭގެ އަޑުގެ އޮޕަރޭޓަރ ކަމާއި، ސީނިއަރ ރެކޯޑިންގ އޮޕަރޭޓަރ ކަމާއި، އޮޕަރޭޝަން އެސިސްޓެންޓް ކަމާއި، ޕްރޮޑަކްޝަން ޓެކްނީޝަން ކަން ހިމެނެއެވެ. ޚިދުމަތުގައި 41 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރެއްވުމަށްފަހު، އަޙްމަދު ރަޝާދު 2009ވަނަ އަހަރު ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ދިވެހިރާއްޖޭގެ އަޑުގެ ސީނިއަރ ޕްރޮޑަކްޝަން ޓެކްނީޝަންގެ މަގާމުގައެވެ. 41 އަހަރާއި 11 މަހަށްވުރެ ދިގު މުއްދަތެއްގައި ވަނީ ދައުލަތަށް ޚިދުމަތް ކުރައްވައިފައެވެ.
އަޙްމަދު ރަޝާދު، އެންމެ ގިނަދުވަހު ޚިދުމަތް ކުރައްވައިފައިވަނީ، ދިވެހިރާއްޖޭގެ އަޑުގެ އޮޕަރޭޓުގެ މަގާމުގައެވެ. އޮޕަރޭޓަރެއްގެ މަގާމުގައި ހުންނަވައިގެން މައިގަނޑު ގޮތެއްގައި ކުރެއްވީ، ރޭޑިއޯ މޯލްޑިވްސް އާއި، ދިވެހިރާއްޖޭގެ އަޑުން ފޮނުވާ ޚަބަރު ނޫން ހުރިހާ ޕްރޮގުރާމެއް ދުރާލައި ރެކޯޑު ކުރެއްވުމުގެ މަސައްކަތެވެ. އެ މަސައްކަތް ކުރައްވައިފައިވަނީ، ވަރަށް ފަރުވާތެރިކަމާއި، އިޚުލާޞްތެރިކަމާއެކު އަދި ވަގުތަށް ވަރަށް ފަރުވާތެރިކަން ބަހައްޓަވައިގެންނެވެ. ދިވެހިރާއްޖޭގެ އަޑުގެ މައި އޮފީސް ހެންވޭރު ލޮނުޒިޔާރަތްކޮޅުގައި ހުރިއިރު، އެތާނގައި ހުންނަވައިފައި، ޕުރޮގުރާމުތައް ރެކޯޑުކުރާ ސްޓޫޑިއޯ ހެންވޭރު ހަކުރާފެއަރގައި ހުރި ދުވަސްވަރު، އެ ސްޓޫޑިއޯއަށް ވަޑައިގެން ބައެއް ޕްރޮގުރާމުތައް ރެކޯޑު ކުރެއްވުމަށްފަހު، ލަވަ ހޮޅިތަކާއި ރޯލް ހިއްޕަވައިގެން ގަޑިޖެހުމުގެ ކުރިން ބައިސްކަލުގައި ދިވެހިރާއްޖޭގެ އަޑަށް ވަޑައިގެން، ގަޑިއަށް ޕުރޮގުރާމުތައް ފޮނުއްވުމަށް އެހީތެރިވެދެއްވުން އެއީ، އަޙްމަދު ރަޝާދުގެ ވަޒީފާއިން ބޭރުން އާންމުކޮށް ކުރައްވަމުން ގެންދެވި ކަމެކެވެ. އަދި މިއީ ކަމަށްކަމޭ ހިތްތެވުމުގެ ލާމާސީލު ނަމޫނާއެއްކަން ފާހަގަކޮށްލަން ޖެހެއެވެ.
އޮޕަރޭޓަރަކަށް އުޅުއްވަމުންވެސް ދިވެހިރާއްޖޭގެ އަޑުގެ އެކިއެކި ޑްރާމާތަކާއި، ތަމްސީލުތަކުގައި އަޙްމަދު ރަޝާދު ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތްކުރެއްވިއިރު ދުވަހަކުވެސް އޮފީހަށް ގަޑިޖެހިފައި ނުވާކަން ފާހަގަކޮށްލަންޖެހެއެވެ. އަދި އަޙްމަދު ރަޝާދު މި ދިގު މުއްދަތުގައި ޚިދުމަތް ކުރެއްވީ، ދިރިއުޅުމުގެ މައިގަނޑު ހުރިހާ ކަމަކީވެސް އިޚުލާޞްތެރިކަމާއެކު ވަޒީފާ އަދާކުރެއްވުންކަމުގައި ދެކިވަޑައިގެންނެވެ. އަދި ވަޒީފާ އަދާކުރެއްވި ކޮންމެ އޮފީހެއްގައިވެސް، ވަރަށް ރަނގަޅަށް ޚިދުމަތް ކުރައްވައި، ގަވައިދަކާއި އުސޫލަކާ ހިލާފުވެވެޑައިގެންފައި ނުވާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.