
ވަޙީދު އަޙްމަދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 23 އޮކްޓޫބަރު 1967 ގައެވެ. އެންމެ ފުރަތަމަ އަދާކުރެއްވީ ވުޒާރަތުލް މާލިއްޔާ (ބ)ގެ ދެ ނަންބަރު އޮޕަރޭޓަރުގެ ވަޒީފާއެވެ. އޭގެފަހުން، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގއާއި، ރޭޑިއޯ މޯލްޑިވްސްގެ އެއްނަންބަރު އޮޕަރޭޓަރުގެ ވަޒީފާ އަދާކުރައްވައިފައި ވެއެވެ. އޭގެފަހުން، ދިވެހިރާއްޖޭގެ އަޑުގައި ސީނިއަރ އޮޕަރޭޓަރުގެ މަގާމާއި، ޓެކްނިކަލް އެސިސްޓެންޓުގެ މަގާމާއި، އޮފީސް އެސިސްޓެންޓުގެ މަގާމާއި، އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމު އަދި ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްގައި ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަގާމު، ވަޙީދު އަޙްމަދު އަދާކުރައްވައިފައި ވެއެވެ.
ވަޙީދު އަޙްމަދު، ދިވެހިރާއްޖޭގެ އަޑުގައި ވަޒީފާ އަދާކުރެއްވި މުއްދަތުގައި ވަރަށް ފަރުވާތެރިކަމާއެކުގައި، މަސައްކަތަށް އިސްކަންދެއްވައިގެން މަސައްކަތްކުރައްވައިފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން، އެހެން މުވައްޒަފުންނަށް ނަމޫނާ ދައްކަވައި، އިޚުލާޞްތެރިކަމާއެކުގައި މަސައްކަތް ކުރައްވައިފައި ވެއެވެ. ވަޒީފާއަށް ސަލާން ވިދާޅުނުވެ، ގަޑިނުޖެހި ގަވާއިދުން އޮފީހަށް ހާޒިރުވެވަޑައިގެންފައިވާތީ، އެކަމުގެ އަގު ވަޒަންކުރައްވައި، ދިވެހިރާއްޖޭގެ އަޑުން ޚިދުމަތުގެ ހަނދާނީ ލިޔުންވެސް ވަޙީދު އަޙްމަދަށް ދެއްވައިފައިވެއެވެ.
ބްރޯޑްކާސްޓިންގ ދާއިރާގައި ވަޙީދު އަޙްމަދު ހޭދަކުރެއްވި ދިގު މުއްދަތުގައި ގިނަ ތަމްރީނުތަކެއްވެސް ފުރިހަމަ ކުރައްވައިފައި ވެއެވެ. އޭގެތެރޭގައި، 1990 ގެ ކުރީކޮޅު، މެލޭޝިޔާގެ ވެރިރަށް ކުއާލާލަމްޕޫރުގައި ފުރިހަމަކުރެއްވި އޭ.އައި.ބީ.ޑީ.ގެ ސީނިއަރ ބްރޯޑްކާސްޓް މެނޭޖްމަންޓް ކޯސް ހިމެނެއެވެ. އަދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ ޑިވެލޮޕްމަންޓް އެންޑް ސޯޝަލް ސެކިއުރިޓީއިން އ.ދ. ގެ އާބާދީއާބެހޭ ޖަމުޢިއްޔާގެ އެހީގައި 2004ވަނަ އަހަރު ބޭއްވުނު "ޖެންޑަރ ސެންސިޓައިޒޭޝަން ފޮރ މާސް މީޑިއާ" ގެ މަސައްކަތު ބައްދަލުވުމުގައްޔާއި، މިނިސްޓްރީ އޮފް ޕްލޭނިންގ، ހިއުމަން ރިސޯސް އެންޑް އެންވަޔަރަންމަންޓުން 1996ވަނަ އަހަރު ހިންގެވި ޕްރޮޖެކްޓް މެނޭޖްމަންޓް ޓްރޭނިންގ ޕުރޮގުރާމުގައްޔާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 2004 ވަނަ އަހަރު ހިންގެވި، ސެމިނާރ އޮން ލީޑަރޝިޕް ޕުރޮގުރާމުގައްޔާއި، އޭ.ޕީ.އޭ.އެމް. އިން 2002ވަނަ އަހަރު ހިންގެވި، އެގްޒެކެޓިވް ސެމިނާރ އޮން ސަސްޓެއިނިންގ ޕަބްލިކް ސެކްޓަރ ޓްރޭނިންގގައި ވަޙީދު އަޙްމަދު ބައިވެރިވެވަޑައިގެންފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.
ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސްއިން ބޭއްވެވި ފިލްމު އެވޯޑް ޙަފުލާތަކާއި، ލަވަ މުބާރާތްތަކާއި، ސްކޫލް ޓެލެންޓް ފެސްޓިވަލާއި، ސްކޫލް ބޭންޑް ފެސްޓިވަލްތަކުގައި، ވަޙީދު އަޙްމަދު އިސްނަންގަވައިގެން ވަރަށް ބުރަކޮށް މަސައްކަތްކުރައްވައިފައި ވެއެވެ.
ވަޙީދު އަޙްމަދަކީ، ކީރިތި ރަސޫލާގެ ސިޔަރަތުވެސް ވިދާޅުވި ބޭފުޅެކެވެ. ރަމަޟާން މަހު ރޭޑިޔޯއިން ސިޔަރަތު ފޮނުވާ ގަޑީގައި، އޭރު ވަގުތުން ސިޔަރަތު ވިދާޅުވުމުގެ ޝަރަފް ލިބިވަޑައިގެންނެވި 3 ބޭފުޅުންގެ ތެރޭގައި ވަޙީދު އަޙްމަދު ހިމެނިވަޑައިގަންނަވާކަން ފާހަގަކޮށްލަން ޖެހެއެވެ.
ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރެއްވުމަށްފަހު، 13 އޮކްޓޫބަރު 2009 ގައި ރިޓަޔަރ ކުރެއްވިއިރު ވަޙީދު އަޙްމަދު ހުންނެވީ، ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައެވެ.