
ލަޠީފާ ޙަސަން ލަޠީފު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، މެރިން ޑިވިޜަންގެ 2 ނަންބަރު ކާތިބާއެއްގެ މަގާމުގައި 9 ޖުލައި 1980ގައެވެ. އޭގެފަހުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކާތިބާގެ މަގާމާއި، އެއަރ މޯލްޑިވްސްގެ 2 ނަންބަރު ކާތިބާގެ މަގާމާއި، މިނިސްޓްރީ އޮފް ޖަސްޓިސްގެ ސ. މީދޫ ކޯޓުގެ ކާތިބާގެ މަގާމާއި، ސީނިއަރ ކްލާކުގެ މަގާމާއި، އެސިސްޓެންޓް ސެކްރެޓެރީގެ މަގާމާއި، ސެކްރެޓެރީގެ މަގާމު އަދާކުރައްވައިފައި ވެއެވެ. ދައުލަތުގެ ޚިދުމަތުން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ސ. މީދޫ މެޖިސްޓްރޭޓް ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމުގައެވެ.
ލަޠީފާ ޙަސަން ލަޠީފު، އެއަރ މޯލްޑިވްސްގައި މައިގަނޑު ގޮތެއްގައި ކުރެއްވީ، ސްޓޮކް ބެލެހެއްޓެވުމާއި، ޔައުމިއްޔާ ލިޔުއްވުމުގެ މަސައްކަތެވެ. ސ. މީދޫ ކޯޓުގައި ކުރެއްވީ، ޝަރުޢީ އަދި އިދާރީ މަސައްކަތްތަކެވެ. އެގޮތުން، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ތައްޔާރުކުރެއްވުމާއި، މަޙްޟަރު ބަޔާން ތައްޔާރުކުރެއްވުމާއި، ކޯޓު އަމުރު ތައްޔާރުކުރެއްވުމާއި، ސާބިތު ދަރަނީގެ ރިކޯޑު ބެލެހެއްޓެވުމާއި، ހުށަހެޅޭ މައްސަލަތަކާއި، ނިމުނު މައްސަލަތަކުގެ ރިކޯޑު ބެލެހެއްޓެވުމާއި، ސްޓޮކް އަދި އިންވެންޓްރީ ބެލެހެއްޓެވުމާއި، މުވައްޒަފުންނާއި، ފަނޑިޔާރުންގެ ޗުއްޓީ ރިކޯޑު ބެލެހެއްޓެވުންފަދަ މަސައްކަތްތައް ލަޠީފާ ޙަސަން ލަޠީފް ކުރެއްވިއެވެ. މީގެ އިތުރުން، ސާބިތު ދަރަނީގެ ފައިސާ ލިބެންވާ ފަރާތްތަކަށް އެ ފައިސާ ހަވާލުކުރެއްވުމާއި، މުވައްޒަފުންގެ އިތުރުގަޑީގެ ހާޒިރީ ބެލެހެއްޓެވުމާއި، ފަނޑިޔާރުންގެ ހެލްތު އިންޝުއަރެންސާ ގުޅޭ ކަންކަން ބެލެހެއްޓެވުމާއި، ޖޫރިމަނާ ޗިޓާއި، ޙުކުމް ތަންފީޒު ޗިޓު ތައްޔާރުކުރެއްވުމުގެ މަސައްކަތްވެސް ލަޠީފާ ޙަސަން ލަޠީފު ކުރެއްވިއެވެ.
ލަޠީފާ ޙަސަން ލަޠީފު ފާހަގަ ކުރެވިފައިވަނީ، ވަޒީފާއަށް އިސްކަން ދެއްވައިގެން ވަރަށް ފަރުވާތެރިކަމާ އެކުގައި މަސައްކަތް ކުރެއްވި ނަމޫނާ މުވައްޒަފެއްގެ ގޮތުގައެވެ. އަދި، ކަންކަން ނިންމެވުމުގައި ގަވާއިދުތަކާއި، އުސޫލުތަކަށް ޙުރުމަތްތެރިކޮށް ހިއްތަވައި، އެއާ އެއްގޮތަށް އަބަދުވެސް މަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައިވެސް މެއެވެ.
ލަޠީފާ ޙަސަން ލަޠީފު 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރެއްވުމަށްފަހު ރިޓަޔަރ ކުރެއްވީ 21 ޖުލައި 2022 ގައެވެ.