އަލްފާޟިލް ޢަބްދުލްޣަނީ ޔޫސުފް
މަންޒިލް، ބ. އޭދަފުށި

ޢަބްދުލްޣަނީ ޔޫސުފް، ދިވެހި ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ 8 ޖުލައި 1969 ގައި، ގަވަރންމަންޓް ހޮސްޕިޓަލްގެ ފިރިހެން އެޓެންޑެންޓްގެ މަގާމުންނެވެ. އޭރު ކުރެއްވީ، ބަލިމީހުން ބެލެހެއްޓެވުމުގެ މަސައްކަތެވެ. 25 ޑިސެންބަރު 1969 ގައި، އެއަރޕޯޓު އޮފީހުގެ 1 ނަންބަރު ކާތިބެއްގެ މަގާމަށް ބަދަލުވެވަޑައިގެން، އެ އޮފީހުގައި ކުރެއްވީ ފައިސާއާއި، ބަޖެޓް ބެލެހެއްޓުމުގެ މަސައްކަތެވެ. އޭގެފަހުން، އޯޑިޓް އޮފީހުގެ 1 ނަންބަރު ކާތިބުކަމުގެ މަގާމާއި، އެސިސްޓެންޓް އެކައުންޓެންޓުގެ މަގާމާއި، ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގެ 1 ނަންބަރު ކާތިބުކަމުގެ މަގާމާއި، އޮފީސް އޮފް ދަ ޕްރައިމް މިނިސްޓަރުގެ 1 ނަންބަރު ކާތިބުކަމުގެ މަގާމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ 1 ނަންބަރު ކާތިބުކަމުގެ މަގާމާއި، ސީނިއަރ ކްލާކްގެ މަގާމާއި، އެސިސްޓެންޓް އެކައުންޓެންޓްގެ މަގާމާއި، އެކައުންޓެންޓުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. މީގެއިތުރުން، އެ އޮފީހުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމާއި، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމާއި، އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުވެސް އަދާކުރައްވައިފައި ވެއެވެ. ޢަބްދުލްޣަނީ ޔޫސުފް ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑިރެކްޓަރު ކަމުގެ މަގާމުގައެވެ.

ޢަބްދުލްޣަނީ ޔޫސުފް، ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، ގަވަރންމަންޓް ހޮސްޕިޓަލް ފިޔަވައި، އެހެން އޮފީސް އޮފީހުގައި މައިގަނޑު ގޮތެއްގައި ކުރެއްވީ، ބަޖެޓާއި، ފައިސާއާގުޅޭ މަސައްކަތްތަކާއި، އެކަންކަން ރާއްވަވައި ހިންގެވުމުގެ މަސައްކަތްތަކެވެ. މިގޮތުން، އޯޑިޓް އޮފީހުގައި ޚިދުމަތްކުރެއްވި މުއްދަތުގެ ތެރޭގައި، ދައުލަތަށް ލިބޭ އާމްދަނީގެ ފައިސާގެ ހިސާބުތައް ބެލެހެއްޓެވުމާއި، ސަރުކާރުން ދޫކުރައްވައިފައިވާ އިންޖީނު ލޯނުތަކުގެ ހިސާބުތައް ބެލެހެއްޓެވުމުގެ މަސައްކަތް ކުރައްވައިފައިވެއެވެ. އަދި، ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއާއި، އޮފީސް އޮފް ދަ ޕްރައިމް މިނިސްޓަރގައި ކުރެއްވީވެސް، ފައިސާއާބެހޭ މަސައްކަތްތަކެވެ.

ޢަބްދުލްޣަނީ ޔޫސުފް، އެންމެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އެ އޮފީހުގައި ކުރެއްވީ، ބަޖެޓް ބެލެހެއްޓުމާއި، ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ބަޖެޓް ހެއްދެވުމާއި، ފައިސާ ބެލެހެއްޓުމާބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތަކެވެ. އެގޮތުން، އިންޓަރނަލް އޮޑިޓާބެހޭ މަސައްކަތްތަކާއި، އޮފީހުގެ ސެކްޝަންތަކަށް ހޯދަންޖެހޭ ފަރުނީޗަރުތައް ފަރުމާކުރައްވައި އެތަކެތި ހެއްދުމާ ގުޅޭ އެންމެހައި މަސައްކަތްތަކާއި، އޮފީހުގެ ވަޒީފާއާ އަލަށްގުޅޭ މުވައްޒަފުން ތިއްބަވާ ތަނާއި، އެތަންތަނަށް ބޭނުންވާ އެންމެހައި ތަކެތި ހޯއްދަވައިދެއްވުމުގައި ކުރައްވަންޖެހޭ ގިނަގުނަ މަސައްކަތްތައް ކުރެއްވީ، ޢަބްދުލްޣަނީ އަމިއްލަފުޅަށާއި، ޢަބްދުލްޣަނީގެ ބެއްލެވުމުގެ ދަށުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީސް މިހާރު ހިންގަވަމުން ގެންދަވާ އިމާރާތުގައިވެސް، ސެކްޝަންތަކާއި، ވަރކް ސްޓޭޝަންތައް ހުންނާނެ ގޮތް ފަރުމާކުރައްވައި، އެކަމާގުޅޭ ވަރަށްގިނަ މަސައްކަތްތައްވެސް ޢަބްދުލްޣަނީ ކުރައްވައިފައިވެއެވެ.

ޢަބްދުލްޣަނީ ޔޫސުފަކީ، ރާއްޖެއަށް އެތެރެކުރާ މުދަލުގެ އިންވޮއިސްތައް ޗެކްކުރެއްވުމަށްޓަކައި، މިނިސްޓްރީ އޮފް ފިނޭންސްގައި އުފެއްދެވި އިންވޮއިސް ކޮމިޓީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ތަމްސީލު ކުރެއްވުމަށް ހަމަޖެއްސެވި، އަދި ދިގު މުއްދަތެއްވަންދެން އެ ކޮމިޓީގައި ޚިދުމަތްކުރެއްވި ބޭފުޅެކެވެ. ސަރުކާރުގެ އޮފީސްއޮފީހުގައި އެސްޓިމޭޓް ކޮމިޓީތައް އުފެއްދެވުމާ ގުޅިގެން، ރައީސް އޮފީހުގައިވެސް އެ ކޮމިޓީ އުފައްދަވައި އެ ކޮމިޓީގެ މަސައްކަތްތައްވެސް ކުރައްވަމުން ގެންދެވީ، ޢަބްދުލްޣަނީގެ ބެއްލެވުމުގެ ދަށުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ޢިނާޔަތުގެ ދަށުން ކޮށްދެއްވުމަށް ނިންމަވާ ކަންތައްތައް ކޮށްދެއްވުމުގައްޔާއި، މިނިސްޓަރުންނާއި، އެފެންވަރުގެ އެހެން ބޭފުޅުން އެ އޮފީސްއޮފީހުގައި ތިއްބަވާ ކޮޓަރިކޮޅުތައް ތައްޔާރުކުރައްވައި އެތަންތަނަށް ބޭނުންވާ ފަރުނީޗަރާއި އެހެނިހެން ތަކެތި ހޯއްދަވައިދެއްވުމަށް ކުރަންޖެހުނު މަސައްކަތްތައް ކުރައްވައިފައިވަނީ، އިސްވެ ހުންނަވައިގެން ޢަބްދުލްޣަނީގެ ބެއްލެވުމުގެ ދަށުންނެވެ.

ރައީސް އޮފީހުގެ ރިހިޖެހި ކޮށީގެ އިންފާރުން ފެށިގެން އެތާނގައި ހަދާފައިވާ ގިނަ އިމާރާތްތައް ފަރުމާކުރައްވައި، އިމާރާތްތައް ހެދުމާގުޅޭ ގިނަ މަސައްކަތްތައް ކުރައްވައި، ސުޕަވައިޒް ކުރައްވައި، އެމަސައްކަތްތައް ނިންމުމާ ހަމައަށް ކުރަންޖެހުނު ގިނަ މަސައްކަތްތައް ކުރެއްވީ، ޢަބްދުލްޣަނީގެ ބެއްލެވުމުގެދަށުންކަން ފާހަގަކޮށްލަން ޖެހެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން ބާއްވަވާ ތަން ތައްޔާރުކޮށް ޒީނަތްތެރިކުރުމާބެހޭ މަސައްކަތްތަކާއި، އެކަމާގުޅޭގޮތުން ހޯދަންޖެހޭ ތަކެތި ހޯއްދަވައިދެއްވުމުގައްޔާއި، އެކަންކަން ހިނގާނުހިނގާގޮތް ބައްލަވައި، އަދި އެ ރަސްމިއްޔާތު ނިމުމުން އެކަމުގައި ބޭނުންކުރާ ތަކެތި ރައްކާތެރިކަމާއެކުގައި ބެލެހެއްޓުމުގެ ކަންކަންވެސް ކުރައްވައިފައިވަނީ، ޢަބްދުލްޣަނީގެ ބެއްލެވުމުގެ ދަށުންނެވެ. މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ މުހިންމު ޖަލްސާތަކާއި، ފަރީއްކޮޅުތައް ބާއްވަވާ ތަންތަނަށް ބޭނުންވާ ތަކެތި ހޯއްދަވައި ފޮނުއްވުމުގައި ކުރައްވައިފައިވާ މަސައްކަތްތައްވެސް ފާހަގަކޮށްލަން ޖެހެއެވެ.

މާލޭގެ މަގުތައް ހެދުމަށްޓަކައި، އަކިރި ހަދިޔާކުރުމުގެ މަޝްރޫޢުގެ ތެރެއިން، ރައީސް އޮފީހުގެ މުވައްޒަފުން އަކިރި ހަދިޔާކުރުމަށް ކުރެއްވި މަސައްކަތުގައްޔާއި، އޮފީހުގެ މުވައްޒަފުން ބާއްވަވާ އިޖުތިމާޢީ ހަރަކާތްތައް އިންތިޒާމުކުރެއްވުމުގައިވެސް ޢަބްދުލްޣަނީ ވަނީ، ޢަމަލީގޮތުންނާއި، ފަންނީގޮތުން ބައިވެރިވެވަޑައިގެންފައެވެ.

ޢަބްދުލްޣަނީ ޔޫސުފް ފާހަގަކުރެވިފައިވަނީ، ހިންގުންތެރިކަމާއި، މުރާލިކަމާއި، ހީވާގިކަމާއެކުގައި ކަމަށްކަމޭހިއްތަވައިގެން ޚިދުމަތް ކުރެއްވި ހުނަރުވެރި ބޭފުޅެއްގެ ގޮތުގައެވެ. ޢަބްދުލްޣަނީ ޔޫސުފް 42 އަހަރަށްވުރެ ގިނަދުވަހު ދައުލަތަށް ޚިދުމަތް ކުރެއްވުމަށްފަހު ރިޓަޔަރ ކުރެއްވީ، 1 އޮގަސްޓު 2011 ގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މެދުނުކެނޑި 35 އަހަރަށްވުރެ ގިނަދުވަހު ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަންކުރައްވައި، ޢަބްދުލްޣަނީ ޔޫސުފަށް ވަނީ، އެކަމުގެ ހަނދާނީ ފިލާ ދެއްވައިފައެވެ.