ސާރޖަންޓް ފަސްޓްކްލާސް (ރިޓަޔަރޑް) މުޙައްމަދު ޒާހިރު
ހ. ޒިތާ

ސާރޖަންޓް ފަސްޓްކްލާސް (ރިޓަޔަރޑް) މުޙައްމަދު ޒާހިރު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 20 މާރިޗު 1973 ގައެވެ. ފުރަތަމަ އަދާކުރެއްވީ، މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީގެ ސިފައިންގެ މީހެއްގެ ވަޒީފާއެވެ. އޭގެފަހުން، އެން.އެސް.އެސް.ގެ ޕްރައިވެޓުގެ ރޭންކުގައްޔާއި، ލާންސްކޯޕްރަލްގެ ރޭންކުގައްޔާއި، ކޯޕްރަލްގެ ރޭންކުގައްޔާއި، ސާރޖަންޓުގެ ރޭންކުގައްޔާއި، ސްޓާރފް ސާރޖަންޓުގެ ރޭންކުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. ޚިދުމަތުން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، އެމް.އެން.ޑީ.އެފް.ގެ ސާރޖަންޓް ފަސްޓްކްލާސްގެ ރޭންކުގައެވެ.

ސާރޖަންޓް ފަސްޓްކްލާސް (ރިޓަޔަރޑް) މުޙައްމަދު ޒާހިރު، މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި، ޤާބިލުކަމާއި، އިޚުލާޞްތެރިކަމާއެކުގައި ކުރައްވައިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، އެން.އެސް.އެސް.ގެ ޑިއުޓީ ސެކްޝަންގެ ޑިއުޓީ މެރުމާއި، ފުލުސް އޮފީހުގެ ޕިޔޯނުކަމާއި، އެން.އެސް.އެސް.ގެ ޓާސްކްފޯހުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން، ކަސްޓަމްސް ސެކިއުރިޓީގެ މަސައްކަތުގައްޔާއި، ރައީސުލްޖުމްހޫރިއްޔާގެ ސެކިއުރިޓީ ބެލެހެއްޓެވުމުގައްޔާއި، ކޮއްތު ގުދަނުގެ ބަނޑޭރި ކަމާއި، ކޭޓަރިންގ ސުޕަވައިޒަރު ކަމާއި، ކޫޕަން ކްލާރކް ކަމާއި، ކޭޓަރިންގ ސަރވިސަސްގެ ޝިފްޓް އިންޗާރޖްކަން ކުރެއްވުން ހިމެނެއެވެ. އަދި، ކޭޓަރިންގ ސަރވިސަސްގެ ޝިފްޓް ސުޕަވައިޒަރު ކަމާއި، ކުއާރޓަރ މާސްޓަރ ސަރވިސްގެ ޑިއުޓީ ސުޕަވައިޒަރު ކަމާއި، ސީނިއަރ ސުޕަވައިޒަރު ކަމާއި، ކޭޓަރިންގ އިންޗާރޖުގެ އެހީތެރިޔާގެ މަގާމާއި، އެމް.އެން.ޑީ.އެފް.ގެ އޮފިސަރުންގެ މެސްރޫމްގެ ސުޕަވައިޒަރު ކަމާއި، އޮފިސަރުންގެ މެސްރޫމުގެ އިންޗާރޖުކަން ކުރައްވައިފައި ވެއެވެ.

ސާރޖަންޓް ފަސްޓްކްލާސް (ރިޓަޔަރޑް) މުޙައްމަދު ޒާހިރު ކުރައްވައިފައިވާ ޚާއްޞަ މަސައްކަތްތަކުގެ ތެރެއިން، 2002ވަނަ އަހަރު ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުނު އެކިއެކި ހަރަކާތްތަކުގައި، ކޭޓަރިންގގެ ކަންތައްތައް އިންތިޒާމުކުރެއްވުމުގައި އިޚުލާޞްތެރިކަމާއެކުގައި މަސައްކަތް ކޮށްދެއްވައިފައިވާތީ، އެކަން ފާހަގަކުރައްވައި ދެއްވި ލިޔުން، މުޙައްމަދު ޒާހިރަށް ލިބިވަޑައިގެންފައި ވެއެވެ.

ސާރޖަންޓް ފަސްޓްކްލާސް (ރިޓަޔަރޑް) މުޙައްމަދު ޒާހިރު އަދާކުރެއްވި ވަޒީފާގެ ހައިސިއްޔަތުން ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލައާއި، ދިގުމުއްދަތެއްގައި ޚިދުމަތް ކުރެއްވުމުގެ ކުލައާއި، އަޚުލާޤީ ކުލަ އަދި އިޚުލާޞްތެރި ޚިދުމަތުގެ ކުލަ ހިމެނެއެވެ. އަޚުލާގީ ކުލަ 3 ފަހަރު ލިބިވަޑައިގެންފައިވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެއްޔާއި، އިޚުލާޞްތެރި ޚިދުމަތުގެ މެޑެއްޔާއި، ސިފައިންގެ ޚިދުމަތުގެ މެޑެއްޔާއި، އަޚުލާޤީ މެޑެއްޔާއި، ސައްތައިގެ މެޑެއްޔާއި، 3 ނޮވެންބަރުގެ މެޑެއްޔާއި، 17 ވަނަ ސާރކް ސަމިޓްގެ މެޑެލް ހިމެނެއެވެ.

ސާރޖަންޓް ފަސްޓްކްލާސް (ރިޓަޔަރޑް) މުޙައްމަދު ޒާހިރު، ސިފައިންގެ ޚިދުމަތުގައި ހޭދަ ކުރެއްވި ދިގު މުއްދަތުގެ ތެރޭގައި ފާހަގަކުރެވިފައިވަނީ، ވަޒީފާ އަދާކުރެއްވުމުގައި ކަމަށް ކަމޭހިއްތަވައި، ގަޑިއަށް ފަރުވާތެރިވެވަޑައިގެން، އިޚުލާޞްތެރިކަމާއެކުގައި، މަސްއޫލިއްޔަތުތައް އަދާކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އަދި، މި ދިގު މުއްދަތުގައި، ހާޒިރުވެވަޑައިނުގަންނަވާ ދުވަހެއްނެތި، އަމިއްލަ ކަންކަމަށްވުރެ ސިފައިންގެ ޚިދުމަތަށް އިސްކަންދެއްވައިގެން، ހަވާލުކުރެވޭ ކަންކަމުގައި ހީވާގިކަމާއި، ފަރުވާތެރިކަމާއެކުގައި ޚިދުމަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.

ސާރޖަންޓް ފަސްޓްކްލާސް (ރިޓަޔަރޑް) މުޙައްމަދު ޒާހިރު، ޝަރަފުވެރިކަމާއެކުގައި ޚިދުމަތުން ރިޓަޔަރ ކުރައްވައިފައިވަނީ 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު 20 މޭ 2015 ގައެވެ.