އަލްފާޟިލް މުޙައްމަދު ޒަކަރިއްޔާ
ޗާނދަނީގެ، ށ. މާއުނގޫދޫ

މުޙައްމަދު ޒަކަރިއްޔާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 21 އޮކްޓޫބަރު 1968 ގައި، ށ. މާއުނގޫދޫ ކުޑަކަތީބުގެ މަގާމުންނެވެ. ދައުލަތަށް ޚިދުމަތްކުރެއްވި 42 އަހަރަށްވުރެ ދިގު މުއްދަތުގައި، މުޙައްމަދު ޒަކަރިއްޔާ ވަނީ، މާއުނގޫދޫ ކަތީބުކަމާއި، ބޮޑުކަތީބުކަންވެސް ކުރައްވައިފައެވެ.

މުޙައްމަދު ޒަކަރިއްޔާ، މާއުނގޫދޫ ކުޑަކަތީބުކަމާއި، ކަތީބުކަމާއި، ބޮޑުކަތީބުކަމުގައި ހުންނެވި ދުވަސްވަރު، ރަށުގެ ޢުމްރާނީ އަދި އިޖުތިމާޢީ ތަރައްޤީއަށްޓަކައި ގިނަގުނަ ޚިދުމަތްތަކެއް ކުރައްވައިފައި ވެއެވެ. އެގޮތުން، ރަށުގެ ބަނދަރާއި ސްކޫލުގެ އިމާރާތް ފުރަތަމަ ހެދި ދުވަސްވަރު އެ މަސައްކަތްތަކާއި، ކައުންސިލުގެ އިދާރާއާއި، ކޯޓު އިމާރާތް ބިނާކުރުމުގެ މަސައްކަތާއި، ރަށުގެ ދެ މިސްކިތާއި އަދި، އެނޫންވެސް ރަށުގެ ޢުމްރާނީ ތަރައްޤީއަށްޓަކައި އޭރު ކުރެވުނު ގިނަ މަސައްކަތްތަކަކީ މުޙައްމަދު ޒަކަރިއްޔާގެ މޭސްތިރިކަމުގެ ދަށުން ކުރެވުނު މަސައްކަތްތަކެވެ. މީގެއިތުރުން، ރަށުގައި މަރުވާ މީހުން ހިނަވައި ވަޅުލުމުގެ ކަންކަން އިންތިޒާމުކުރެއްވުމާއި، ހުކުރު ނަމާދާއި، އީދު ނަމާދު ކުރެއްވުމާއި، މިސްކިތެއްގައި މުދިމަކު ނެތްނަމަ ބަންގިގޮވައި، އިމާމުވެ ނަމާދުކުރުންފަދަ ކަންކަންވެސް މުޙައްމަދު ޒަކަރިއްޔާ ކުރައްވައިފައިވެއެވެ.

މުޙައްމަދު ޒަކަރިއްޔާގެ ޚިދުމަތުގެ ދިގު މާޒީގައި ކުރެއްވި ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި، މެލޭރިއާ އާއި، ފައިލޭރިއާ އާއި، ލެޕްރެސީ ރާއްޖެއިން ނައްތާލުމަށްޓަކައި، ހެލްތު މިނިސްޓްރީން އިސްނަންގަވައިގެން އަތޮޅުތަކުގައި ހިންގެވި ޕުރޮގުރާމުތަކުގެ ތެރެއިން، ށ. މާއުނގޫދޫގައި ހިންގެވި ޕުރޮގުރާމުތަކަށް އެހީތެރިވެދެއްވައި، ހީވާގިކަމާއެކުގައި ކުރެއްވި މަސައްކަތްތައް ހިމެނެއެވެ. އަދި މުޅި ރާއްޖޭގައި ކޮލެރާއާއި ޝިގެއްލާ ފެތުރުނު ދުވަސްވަރު، އެ ބަލިމަޑުކަން ކޮންޓްރޯލު ކުރުމުގައިވެސް، ޞިއްޙީ ވުޒާރާގެ ޓީމުތަކާ ގުޅިވަޑައިގެން އެ ރަށުގައި އެކިއެކި ޕުރޮގުރާމުތައް ރާއްވަވައި ހިންގެވުމުގައިވެސް މުޙައްމަދު ޒަކަރިއްޔާ އިޚުލާޞްތެރިކަމާއެކުގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ.

ށ. އަތޮޅު އަތޮޅު ކޮމީޓީގައި ޚިދުމަތްކުރެއްވުމުގެ އިތުރުން، މާއުނގޫދޫ ސްކޫލްގެ ނާޒިރުގެ ނައިބުގެ ގޮތުގައިވެސް ދިގު މުއްދަތެއްގައި މުޙައްމަދު ޒަކަރިއްޔާ، ޚިދުމަތް ކުރައްވައިފައި ވެއެވެ.

މުޙައްމަދު ޒަކަރިއްޔާ، ދައުލަތުގެ ޚިދުމަތުން ރިޓަޔަރ ކުރެއްވީ 1 ޖަނަވަރީ 2011ގައެވެ. އޭރު ހުންނެވީ ށ. އަތޮޅު ހޮސްޕިޓަލްގެ ޕުރޮގުރާމް ކޯޑިނޭޓަރު ކަމުގެ މަގާމުގައެވެ.