އަލްފާޟިލް އިބްރާހީމް ޙުސައިންމަނިކު
ދަފްތަރު ނަންބަރު ރސ 2917، މާލެ

އިބްރާހީމް ޙުސައިންމަނިކު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ކޯޓު ނަންބަރު 1ގެ ޕިޔޯނުކަމުގެ މަގާމުގައި 28 ޖަނަވަރީ 1982 ގައެވެ. ދިވެހި ދައުލަތަށް 42 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރައްވައިފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި އިބްރާހީމް ޙުސައިންމަނިކު މިހާރު ހުންނެވީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގައެވެ. ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކާތިބުކަމުގެ މަގާމާއި، ސްޓޮކް ކީޕަރުގެ މަގާމާއި، ސީނިއަރ ކްލަރކްގެ މަގާމާއި، އެސިސްޓެންޓް އެކައުންޓެންޓްގެ މަގާމާއި، އެސިސްޓެންޓް ސެކްރެޓެރީގެ މަގާމާއި، އެސިސްޓެންޓް ބަޖެޓް އޮފިސަރ އަދި އެސިސްޓެންޓް އަންޑަރ ސެކްރެޓެރީގެ މަގާމު އަދާކުރައްވައިފައި ވެއެވެ.

އިބްރާހީމް ޙުސައިންމަނިކު، މަގާމުގެ ހައިސިއްޔަތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ފުރަތަމަ ކުރެއްވީ، މިނިސްޓްރީގެ ބަޖެޓުން މުސާރަދެއްވާ މުވައްޒަފުންގެ މުސާރައާއި އެލަވަންސްތައް ދެއްވުމާއި، "މުސާރަ ރަޖިސްޓަރީ" ގަވާއިދުން ބެލެހެއްޓެވުމުގެ އިތުރުން، ތިޖޫރީ ރިޕޯޓް ހެއްދެވުމުގެ މަސައްކަތެވެ. މީގެއިތުރުން، ތަޢުލީމީ ފަންޑުގެ އެކައުންޓްތައް ބެލެހެއްޓެވުމާއި، ބަޖެޓާ ބެހޭ ލިޔެކިޔުންތައް ބެލެހެއްޓެވުމާއި، ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރު ކުރެއްވުމުގެ މަސައްކަތް ކުރެއްވިއެވެ. އަދި ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ބޭނުންވާ ފައިސާގެކަންކަން ހަމަޖެއްސެވުމާއި، މިނިސްޓްރީގެ ބަޖެޓުން ޚަރަދުކޮށްގެން ރާއްޖެއިން ބޭރުން އޯޑަރުކޮށްގެން ގެންނަ ތަކެއްޗާއި އެހީގެގޮތުން ރާއްޖެއިން ބޭރުން ލިބޭ ތަކެތި ކްލިއަރކޮށް، އެތަކެތި ކަސްޓަމުން ނެރުމުގެ މަސައްކަތްވެސް ކުރައްވައިފައި ވެއެވެ.

ޚާއްޞަ މަސައްކަތެއްގެ ގޮތުން، މާލޭގެ އަވަށު މަދަރުސާތަކާއި ކިޔަވައިދޭ ތަންތަނަށް ބޭނުންވާ އެހީ، ބަޖެޓު ތަންދޭ މިންވަރަކުން ދެއްވުމާއި، މިނިސްޓްރީއަށް ބޭނުންވާ ފަރުނީޗަރާއި އިދާރީ ހިންގުމަށް ބޭނުންވާ ތަކެތި ހޯއްދަވައިދެއްވުމާއި، މިނިސްޓްރީން ކުއްޔަށް ހިފާފައިވާ ތަންތާނގެ ކުލިދެއްކެވުމާއި، އެތަންތަނުގެ ރަޖިސްޓަރީ ބެލެހެއްޓެވުމުގެ މަސައްކަތްވެސް ކުރައްވައިފައި ވެއެވެ. މީގެއިތުރުން، ރަމަޟާންމަހުގެ ރޭތައް އިޙުޔާކުރުމުގެ ޕުރޮގުރާމަށް ރާއްޖެއިން ބޭރުން ވަޑައިގަންނަވާ ބޭފުޅުންގެ ކަންކަން، މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާއާ ގުޅިގެން ކުރައްވައިފައި ވެއެވެ. މާލެ ވިލިނގިލީ އަވަށުގެ ސްކޫލްގެ މަރާމާތުތަކާއި، ކ. ފޭދޫފިނޮޅު ހިއްކައި ބޮޑުކުރުމަށް ކުރިމަސައްކަތާއި، ސްކޫލު ކުދިންނަށް ކުރިއަށްގެންދާ ކެޑޭޓާއި ގައިޑްފަދަ ހަރަކާތްތަކަށް ކ. ފޭދޫފިނޮޅު ތައްޔާރުކޮށް އެ ހަރަކާތްތައް ހިންގުމަށް ބޭނުންވާނެ ވަސީލަތްތައް ފޯރުކޮށްދެއްވުމާއި، ރަށާއި ފަޅުތެރެ ސާފުކޮށް ބެލެހެއްޓެވުމުގެ އިތުރުން، ކ. ފޭދޫފިނޮޅުގެ ޢުމްރާނީ ތަރައްޤީއަށްޓަކައި ކުރެވުނު މަސައްކަތްތައް ނުހަނު ފަރުވާތެރިކަމާއެކުގައި، އިބްރާހީމް ޙުސައިންމަނިކު ކުރައްވައިފައި ވެއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މުވައްޒަފުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެއްވުމާއި، އިދާރީ މަސައްކަތާއި، އޮފީސް ފޮޅައި ސާފުކުރުމުގެ ކަންކަމާއި، ވެހިކަލްތަކާއި، މެޝިނަރީތައް މަރާމާތުކޮށް ބެލެހެއްޓެވުމުގެ އިތުރުން، މިނިސްޓްރީގެ ބެލެހެއްޓެވުމުގެ ދަށުގައިވާ އިމާރާތްތަކާއި، ކުއްޔަށް ހިފައިފައިވާ ތަންތަން މަރާމާތުކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރަމުންގެންދަނީ، އިބްރާހީމް ޙުސައިންމަނިކުގެ ބެއްލެވުމުގެ ދަށުންނެވެ.

އިބްރާހީމް ޙުސައިންމަނިކު ކުރައްވައިފައިވާ ޚާއްޞަ މަސައްކަތްތަކުގެ ތެރޭގައި، އުތީމުގައި ބިނާކުރި ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު އިމާރާތް ކުރުމަށް ބޭނުންވާ ތަކެތި ފޮނުވުމަށް ކުރެއްވި ބުރަ މަސައްކަތާއި، ޖަމާލުއްދީން ސްކޫލާއި، ސަދަން ސެކަންޑަރީ ސްކޫލު ހުޅުވުމާ ގުޅޭގޮތުން ކުރެއްވި ބުރަ މަސައްކަތްތައް ފާހަގަކޮށްލަން ޖެހެއެވެ. އަދި 2001ވަނަ އަހަރު ކ. ފޭދޫފިނޮޅުގައި ބޭއްވި ދެކުނު އިރުމަތީ އޭޝިޔާ ސަރަހައްދުގެ ހެލްތު ޖަމްބަރީއާ ގުޅޭގޮތުން ކުރެއްވި މަސައްކަތްތަކާއި، 2004ގެ ސުނާމީ ކާރިސާއާ ގުޅިގެން އެޑިޔުކޭޝަންގެ ދާއިރާއާގުޅޭ ކަންކަމުގައި ރާއްޖެއިން ބޭރުން ވަޑައިގެންނެވި ވޮލަންޓިއަރުންގެ ކަންކަން ހަމަޖެއްސެވުމުގައި އިބްރާހީމް ޙުސައިންމަނިކު މުހިންމު ދައުރެއް އަދާކުރައްވައިފައިވެއެވެ. ހަމައެއާއެކުގައި، ފިލާބިލްޑިންގ 1އާއި 2 އިމާރާތްކުރުމާ ގުޅޭގޮތުން ކުރެއްވި މަސައްކަތްތަކާއި، ދިރާސީ އާ އަހަރަށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ސްކޫލުތަކަށް ފޮނުއްވުމާ ގުޅޭގޮތުން ކުރައްވާ މަސައްކަތް ފާހަގަކޮށްލަން ޖެހެއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް 35 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކުރެއްވި މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން ދެއްވި ހަނދާނީ ލިޔުން، އިބްރާހީމް ޙުސައިންމަނިކަށް ލިބިވަޑައިގެންފައި ވެއެވެ.