
ޢައްބާސް އާދަމް، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 13 ފެބުރުވަރީ 1972 ގައި، ޔުނައިޓެޑް ނޭޝަންސް ޑިވިޜަންގެ ޕިޔޯނުގެ މަގާމުގައެވެ. އޭގެ ފަހުން، މަޖީދިއްޔާ ސްކޫލުގެ ޕިޔޯނުގެ މަގާމާއި، ޑިޕާޓްމަންޓް އޮފް ރިލިޖަސް އެފެއާޒުގެ ޑްރައިވަރުގެ މަގާމައި، ސީނިއަރ ޑްރައިވަރުގެ މަގާމާއި، އަދި ފަހުން މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާޒާއި، އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ސީނިއަރ ޑްރައިވަރުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. އަދި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، މާލޭ ސިޓީ ކައުންސިލުގެ އިދާރާގެ ސީނިއަރ ސުޕަވައިޒަރުގެ މަގާމުވެސް އަދާކުރައްވައިފައި ވެއެވެ. ޢައްބާސް އާދަމް، ދައުލަތުގެ ޚިދުމަތުން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ސީނިއަރ ސުޕަވައިޒަރުގެ މަގާމުގައެވެ.
ޢައްބާސް އާދަމް، ދައުލަތުގެ ޚިދުމަތުގެ ފުރަތަމަ ދުވަހުން ފެށިގެން، ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގައިވެސް ޚިދުމަތްކުރެއްވީ، މަސައްކަތުގައި ހީވާގިވުމަށާއި، މަސްއޫލިއްޔަތު އުފުއްލެވުމުގައި ތެދުވެރިވެވަޑައިގެންނެވުމަށާއި، އިޚުލާޞްތެރިވެވަޑައިގެންނެވުމަށް ކަނޑައެޅުއްވި ޢަޒުމާއެކުގައި، އެގޮތުގެ މަތީގައެވެ.
ޕިޔޯނުގެ މަގާމު އަދާކުރެއްވިއިރު، ޕިޔޯނަށް ޚާއްޞަ މަސައްކަތްތަކެއް ލިޔެކިޔުމުގައި ބަޔާން ކުރެވިފައި އޮތްކަމުގައި ވިޔަސް، އެވަގުތަކު އޮފީހަކަށް ބޭނުންވާ ކޮންމެ މަސައްކަތެއްވެސް، ވެރިންގެ އިރުޝާދާއެކުގައި ކުރައްވަމުން ގެންދެވިއެވެ. މަޖީދިއްޔާ ސްކޫލްގެ ޕިޔޯނެއްގެ ވަޒީފާގައި، ޚިދުމަތްކުރެއްވި ދުވަސްވަރު، އެ ސްކޫލުގެ ދަރިވަރުންގެ ބެލެނިވެރިން އޭރު ޢައްބާސް ބަލައިގެންފައިވަނީ، އެބޭފުޅުންގެ ދަރިންނާއި، ސްކޫލާ ގުޅުވައިދިނުމުގެ އެހީތެރިއެއްގެ ގޮތުގައެވެ. ސްކޫލް ތެރޭގައި ކުރައްވަންޖެހޭ މަސައްކަތްތަކުގެ އިތުރަށް، ޕްރިންސިޕަލް ވިދާޅުވެގެން ނުވަތަ މުދައްރިސަކު ބޭނުންފުޅުވެގެން ނުވަތަ ސްކޫލުގައި އެވަގުތަކު ހިންގަވާ ހަރަކާތަކާ ގުޅިގެން، ދަރިވަރުންގެ ގޭގެއަށް ޒިޔާރަތްކުރެއްވުމާއި، އަދި ހަވާލުކުރައްވާ ކޮންމެ ކަމެއް، ވެރިންގެ އިރުޝާދާ އެއްގޮތަށް ފަރުވާތެރިކަމާއެކުގައި ކުރައްވާތީ، ސްކޫލުގެ އޭރުގެ ޕްރިންސިޕަލް ޢަބްދުލްޙަމީދު ޢަބްދުލްޙަކީމް (އެން.ޑީ. ޙަމީދު) އާއި، އެހެނިހެން ވެރިންނާއި، މުދައްރިސުންގެ ވެސް އިތުބާރު ޢައްބާސްއަށް ލިބިވަޑައިގެންފައި ވެއެވެ. ޕްރިންސިޕަލްގެ ބެއްލެވުމުގެ ދަށުން ސްކޫލްގެ އިމްތިޙާނު ކަރުދާސްތައް ޗާޕުކުރައްވައި، އެ ކަރުދާސްތައް ޕްރިންޓިންގ ރޫމުގައި ރައްކާކޮށް ބެލެހެއްޓެވުމުގެ މަސްއޫލިއްޔަތުވެސް ޢައްބާސް އަދާކުރެއްވިއެވެ. އަދި، މަޖީދިއްޔާ ސްކޫލްގެ ގޯލްޑަން ޖުބިލީ ކާނިވަލުގެ ސްޓޭޖު ޑްރާމާތައް ރޭއްވެވުމާއި، ހުށަހެޅުއްވުމުގައިވެސް ޢައްބާސް، ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެން، މުހިންމު ދައުރެއް އަދާކުރައްވައިފައި ވެއެވެ.
ސީނިއަރ ސުޕަވައިޒަރެއްގެ މަގާމުގައި އިސްލާމީ ކަންތައްތަކާ ބެހޭ މަޖިލީހުގައްޔާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އިތުރުން، މާލޭ ސިޓީ ކައުންސިލްގެ އިދާރާގައި ޚިދުމަތް ކުރެއްވިއިރު، ޢައްބާސް ވަނީ، މާލޭގެ މިސްކިތްތައް ބެލެހެއްޓެވުމުގެ ޒިންމާ ވަރަށް ފުރިހަމައަށް އަދާކުރައްވައިފައެވެ. ޢައްބާސްގެ މި ޚިދުމަތްތައް، އެ އޮފީސް އޮފީހުގެ ވެރިންގެ އިތުރުން، މިސްކިތްތަކަށް އާދަވެގެން އަންނަ އާންމުންވެސް ފާހަގަކުރައްވައެވެ.
42 އަހަރަށްވުރެ ދިގު މުއްދަތަކަށް ދައުލަތަށް ޚިދުމަތްކުރެއްވުމަށްފަހު ޢައްބާސް އާދަމް، ޚިދުމަތުން ރިޓަޔަރ ކުރެއްވީ 4 މާރިޗު 2015ގައެވެ.
ޢައްބާހަކީ، ޤައުމީ ފެންވަރުގައްޔާއި، ކްލަބު ފެންވަރުގައި ފުޓްބޯޅައާއި، ހޮކީ ކުޅުއްވި، މޮޅު ކުޅުންތެރިއެއްވެސް މެއެވެ.