
ފާޠިމަތު މުޙައްމަދު، ޢާންމު ނަމުންނަމަ ފާޠިމަތު ޒުލްފާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ޑިޕާޓްމަންޓް އޮފް ފިނޭންސްގެ ކާތިބާއެއްގެ މަގާމުގައި، 5 ނޮވެންބަރު 1980 ގައެވެ. ދިވެހި ދައުލަތަށް 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރެއްވުމަށްފަހު ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ އެންރޯލްޑް ނަރުހެއްގެ މަގާމުގައެވެ. ޚިދުމަތުގެ ބޮޑުބައި ހޭދަކުރައްވައިފައިވަނީ ނަރުހެއްގެ ގޮތުގައި ބަލިމީހުންނަށް ޚިދުމަތް ކުރެއްވުމުގައެވެ.
ފާޠިމަތު މުޙައްމަދު، ޑިޕާޓްމަންޓް އޮފް ފިނޭންސާ ގުޅިވަޑައިގެންނެވިތާ އަހަރެއްވެސް ނުވަނީސް، އެވަގުތު ޤައުމަށް އެންމެ ބޭނުންޖެހިފައިވާ އެއް ދާއިރާއަކީ ޞިއްޙީ ދާއިރާކަމުގައި ދެކިވަޑައިގެން، އެލައިޑް ހެލްތު ސަރވިސަސް ޓްރެއިނިންގ ސެންޓަރުން ހިންގެވި ނަރސިންގ ކޯސް ފުރިހަމަ ކުރައްވައި، 27 އޮކްޓޫބަރު 1982ގައި 1 ނަންބަރު ނަރުހެއްގެ ގޮތުގައި، ސެންޓްރަލް ހޮސްޕިޓަލުގައި ޚިދުމަތް ކުރައްވަން ފެށްޓެވިއެވެ. ނަރުހެއްގެ ގޮތުގައި ފާޠިމަތު މުޙައްމަދުގެ ޚިދުމަތްތައް، ރެޔާއިދުވާލު ރާއްޖޭގެ އެތައް ފަރުދަކަށް ލިބެމުން ދިޔައީ އޯގާތެރިކަމާއި، ހިތްހެޔޮކަމާއެކުގައި އަދި ނުހަނު ޒިންމާދާރުކަމާ އެކުގައެވެ.
ސެންޓްރަލް ހޮސްޕިޓަލްގެ ނަރުހެއްގެ ވަޒީފާގައި ހުންނެވި ކަމުގައިވިޔަސް ފާޠިމަތު މުޙައްމަދުވަނީ ރާއްޖޭގެ އެކިއެކި ރީޖަނަލް ހޮސްޕިޓަލްތަކުގައި އެކިފަހަރު މަތިން ޚިދުމަތް ކުރައްވައިފައެވެ. އެގޮތުން، އަތޮޅުތެރޭގެ ރައްޔިތުން، ޞިއްޙީ ގޮތުން ހޭލުންތެރިކަން އިތުރު ކުރެއްވުމަށާއި، ރައްޔިތުންނަށް ޞިއްޙީ މައުލޫމާތު ފޯރުކޮށްދެއްވުމަށާއި، އަދި އެކިއެކި ބަލިމަޑުކަން ފެތުރޭ ދުވަސްވަރުގައި ރައްޔިތުންނާ ގާތުން އަގުނުކުރެވޭފަދަ ގިނަގުނަ ޚިދުމަތްތަކެއް ކުރައްވައިފައިވެއެވެ. ހަމައެހެންމެ، ޞިއްޙީ ދާއިރާގައި އިޚުލާޞްތެރިކަމާއެކުގައި ކޮށްދެއްވައިފައިވާ ޚިދުމަތްތަކުގެ ސަބަބުން، ފާޠިމަތު މުޙައްމަދަކީ ގިނަބަޔަކު ދަންނަ، ދެކެފަރިތަ އަދި ގިނަ ބައެއްގެ ލޯތްބާއި އިޙުތިރާމު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
ސެންޓްރަލް ހޮސްޕިޓަލް، އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލަށް ބަދަލުވުމާއެކު، ފާޠިމަތު މުޙައްމަދުގެ ވަޒީފާވެސް އެތަނަށް ބަދަލުކުރެއްވިއެވެ. އޭގެ ފަހުން، އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ތަފާތު އެކި ޑިޕާޓްމަންޓުތަކުގައި ފާޠިމަތު މުޙައްމަދު ވަނީ ޚިދުމަތް ކުރައްވައިފައެވެ. ކޮންމެ ޑިޕާޓްމަންޓެއްގައި ޚިދުމަތްކުރެއްވިއިރުވެސް ފާޠިމަތު މުޙައްމަދު ފާހަގަވެފައިވަނީ، އުސޫލުތަކުގައި ހިފަހައްޓަވައިގެން ހީވާގިކަމާއެކުގައި ޚިދުމަތްކުރެއްވި މުވައްޒަފެއްގެ ގޮތުގައެވެ. އަދި ހަވާލުކުރެވޭ ކޮންމެ ޒިންމާއެއް ފަރުވާތެރިކަމާއެކުގައި އަދާކުރެއްވި ޚިދުމަތްތެރިއެއްގެ ގޮތުގައިވެސް މެއެވެ.
ކިތަންމެ ބުރަކޮށް ވަޒީފާ އަދާކުރައްވަމުން ގެންދެވި ކަމުގައިވިޔަސް، ޒަމާނަށް އަންނަ ކުރިއެރުންތަކާ ގުޅިގެން ޞިއްޙީ މައުލޫމާތުތައް އަދާހަމަ ކުރެއްވުމަށާއި، ޢިލްމީ ގޮތުންނާއި، ފަންނީ ގޮތުން އަމިއްލަފުޅު ކުރިއެރުމަށް ފާޠިމަތު މުޙައްމަދު އިސްކަންދެއްވަމުން ގެންދަވައިފައި ވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ފާޠިމަތު މުޙައްމަދު، ޚިދުމަތުން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ދަރުމަވަންތަ ހޮސްޕިޓަލްގެ އެންޑޮސްކޯޕީ ޑިޕާޓްމަންޓުގެ އެންރޯލްޑް ނަރުހެއްގެ މަގާމުގައިކަން ފާހަގަކޮށްލަންޖެހެއެވެ.
ފާޠިމަތު މުޙައްމަދު، ޚިދުމަތްކުރައްވަމުން ގެންދެވިއިރު، ބަލިމީހުންނާއި ބަލިމީހުންގެ އެހީތެރިންނަށްވެސް ތަފާތު ކުރުމެއްނެތި، ކަމޭހިތުމާއި، ލޯތްބާއެކުގައި ޚިދުމަތްކޮށްދެއްވައިފައި ވެއެވެ. އަދި ނަޒާހަތްތެރިކަމާއެކުގައި ނަމޫނާ މުވައްޒަފެއްގެ ގޮތުގައި ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވުމަށްފަހު ރިޓަޔަރ ކުރައްވައިފައި ވަނީ 24 އޮކްޓޫބަރު 2024 ގައެވެ.