އަލްފާޟިލް މުޙައްމަދު ޢަބްދުﷲ
މުރިނގު، ތ. ކިނބިދޫ

މުޙައްމަދު ޢަބްދުﷲ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 13 މޭ 1981 ގައި، ތ. އަތޮޅުއޮފީހުގެ 2 ނަންބަރު ކާތިބުގެ މަގާމުގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ތ. ކިނބިދޫ އޮފީހުގެ ސީނިއަރ ކްލާކުގެ މަގާމާއި، އެސިސްޓެންޓް ސެކްރެޓެރީގެ މަގާމާއި، ކިނބިދޫ ކުޑަކަތީބު ކަމުގެ މަގާމާއި، ކަތީބުކަމުގެ މަގާމާއި، ކޮޅުމަޑުލު ކިނބިދޫ ކައުންސިލުގެ އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމާއި، ޑިރެކްޓަރުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. މުޙައްމަދު ޢަބްދުﷲ، 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރެއްވުމަށްފަހު، ޚިދުމަތުން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ކޮޅުމަޑުލު ކިނބިދޫ ކައުންސިލުގެ އިދާރާގެ ކައުންސިލް އެގްޒެކެޓިވްގެ މަގާމުގައެވެ.

މުޙައްމަދު ޢަބްދުﷲ، ވަޒީފާ އަދާކުރެއްވިއިރު ކިނބިދޫ އޮފީސް ހިންގެވުމުގެ މަސްއޫލިއްޔަތުގެ އިތުރުން، ކިނބިދޫގެ ތަރައްޤީއަށްޓަކައި ތަފާތު ޕުރޮގުރާމުތައް ރާއްވަވައި ހިންގެވުމާއި، ސަރުކާރުން ކިނބިދޫގެ ތަރައްޤީއަށްޓަކައި ހިންގޭ ގިނަގުނަ މަޝްރޫޢުތައް ވިލަރެސްކުރައްވައި ހިންގެވުމުގައި، ހީވާގިކަމާއެކުގައި އިސްނަންގަވައިގެން ޢަމަލީގޮތުން މަސައްކަތް ކުރައްވައިފައި ވެއެވެ. މީގެތެރޭގައި، ރަށުގެ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް ކިނބިދޫ ރައްޔިތުންގެ ޚަރަދުގައި ހިންގި ބޮޑު މަޝްރޫޢުގެ މަސައްކަތްތައް ވިލަރެސް ކުރެއްވުމާއި، އެ މަސައްކަތްތައް ގާތުން ބައްލަވައި، ކާމިޔާބުކަމާއެކުގައި އެ މަޝްރޫޢު ނިންމާލުމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، މުޙައްމަދު ޢަބްދުﷲ ކުރެއްވި މަސައްކަތްޕުޅު ފާހަގަކޮށްލަން ޖެހެއެވެ.

މުޙައްމަދު ޢަބްދުﷲ ފާހަގަކުރެވިފައިވަނީ، ކުރައްވާ ކޮންމެ މަސައްކަތެއްވެސް ފަރުވާތެރިކަމާއި، އިޚްލާޞްތެރިކަމާއެކުގައި ކުރައްވައި، ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި ނިންމަވަމުން ގެންދެވި، އެހެން މުވައްޒަފުންނަށް ނަމޫނާ ދެއްކެވި މުވައްޒަފެއްގެ ގޮތުގައެވެ. އަދި ކޮންމެ ކަމެއްވެސް ނިންމެވުމުގައި ގަވާއިދުތަކާއި އުސޫލުތަކަށް ޙުރުމަތްތެރިކޮށް ހިއްތެވުމާއެކު، އޮފީހާއި އެ ތަނުގެ މުވައްޒަފުން އަދި ހިއްސާވާ އެންމެހައި ފަރާތްތަކަށް އެންމެ ފައިދާހުރިގޮތަށް ވިސްނަވައިގެން ޚިދުމަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައިވެސް މެއެވެ. މުޙައްމަދު ޢަބްދުﷲ، ދައުލަތުގެ ޚިދުމަތުން ރިޓަޔަރ ކުރެއްވީ 22 އޮގަސްޓު 2023 ގައެވެ.