
މުޙައްމަދު ޙުސައިން، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، މާލިއްޔާ / ޕޯޓް ކޮމިޝަންގެ ގޮނޑުދޮށް ހަދާ މަސައްކަތު މީހެއްގެ މަގާމުގައި 19 އެޕްރީލް 1964 ގައެވެ. މިގޮތުން، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވި ހިސާބުން ފެށިގެން ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު، ޖުމުލަ 42 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތުގެ އެކިއެކި އޮފީސްތަކާއި، އިދާރާތަކުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. ރިޓަޔަރ ކުރެއްވިއިރު އަދާކުރައްވަމުން ގެންދެވީ، ރިޔާސީ ގަނޑުވަރުގެ ޖެނެރަލް ސަރވިސް އޮފިސަރ ގްރޭޑް 2 ގެ މަގާމެވެ.
ދައުލަތުގެ ޚިދުމަތުގައި، މުޙައްމަދު ޙުސައިން ހޭދަކުރެއްވި ދިގު މުއްދަތުގައި އަދާކުރައްވައިފައިވާ ވަޒީފާތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް ޖަސްޓިސްގެ ޕިޔޯނުކަމާއި، އައްޑޫ ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޕިޔޯނުކަމާއި، މުލީއާގޭގެ 1 ނަންބަރު ޕިޔޯނުކަމާއި، 2 ނަންބަރު ޕިޔޯނުކަމާއި، ސުޕަވައިޒަރުކަމާއި، ސުޕަވައިޒަރ ގްރޭޑް 2ގެ މަގާމު ހިމެނެއެވެ. އޭގެއިތުރުން، ރިޔާސީ ގަނޑުވަރުގެ ޖެނެރަލް ސަރވިސް އޮފިސަރ ގްރޭޑް 1 ގެ މަގާމުވެސް އަދާކުރައްވައިފައި ވެއެވެ.
ޕިޔޯނުކަމުގެ މަގާމާއި، އެހެނިހެން މަގާމުތައް އަދާކުރެއްވިއިރު، މުޙައްމަދު ޙުސައިން ފާހަގަވެގެންދިޔައީ، ހަވާލުކުރެވޭ މަސައްކަތްތައް، ދެވޭ އިރުޝާދުތަކާ އެއްގޮތަށް، އެކަމަށް ދެވިފައިވާ ވަގުތުގައި ބަރާބަރަށް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. ސަރުކާރުގެ އެކި އޮފީސްތަކަށް ފޮނުއްވާ އެކިއެކި ލިޔެކިޔުންތަކާއި ފައިލުތައް، ކިތަންމެ އުނދަގޫ ވަގުތެއްގައިނަމަވެސް، އެތަނަކަށް ވަޑައިގެން ހަވާލުކޮށްދެއްވާ ހީވާގި، މުރާލި މުވައްޒަފެއްގެ ގޮތުގައެވެ.
ދައުލަތަށް މިހާ ގިނަދުވަހު ޚިދުމަތްކުރެއްވިއިރު، މުޙައްމަދު ޙުސައިން ފާހަގަކުރެވިފައިވަނީ، އަދާކުރައްވާ ވަޒީފާއަށް ޚާއްޞަ ސަމާލުކަމެއްދެއްވައިގެން، ފަރުވާތެރިކަމާއެކުގައި ވަގުތަށް ކަމޭހިއްތަވައިގެން، ވެރިން އިތުބާރުކުރައްވާ، އިޚުލާޞްތެރިކަމާއެކުގައި ޚިދުމަތް ކުރެއްވި މުވައްޒަފެއްގެ ގޮތުގައެވެ. ވަޒީފާ އަދާކުރެއްވި ދިގު މުއްދަތުގައި، ވަޒީފާގެ ސުލޫކީ މިންގަނޑާ ނުވަތަ ގަވާއިދަކާ ނުވަތަ އުސޫލަކާ ޚިލާފުވެގެން އެއްވެސް ފިޔަވަޅެއް އަޅުއްވައިފައެއް ނުވެއެވެ. ކޮންމެ ވަގުތަކު ކަމަކަށް ދަންނަވައިލެވުނުނަމަވެސް، މުޙައްމަދު ޙުސައިން ފާހަގަކުރެވިގެން ދިޔައީ، އެކަމަކަށް އެންމެ ފުރިހަމައަށް އިޖާބަދެއްވި އެއް މުވައްޒަފުގެ ގޮތުގައެވެ.
މުޙައްމަދު ޙުސައިން، ދައުލަތުގެ ޚިދުމަތުން ރިޓަޔަރ ކުރައްވައިފައި ވަނީ 1 މޭ 2008 ގައެވެ.