
ޙައްވާ ޢަލީ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 23 ނޮވެންބަރު 1982 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ޢާއިލާގެ އެހީތެރިޔާގެ މަގާމެވެ. ޙައްވާ ޢަލީ، ސެންޓަރ ފޮރ ކޮމިއުނިޓީ ޑިޒީސް ކޮންޓްރޯލާއި، ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ މުވައްޒަފެއްގެ ގޮތުގައި، ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ ގައްޔާއި، މިހާރުގެ ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒުގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ 42 އަހަރަށްވުރެ ދިގު މުއްދަތެއްވެއްޖެއެވެ. ޙައްވާ ޢަލީ އެ އިދާރާތަކުގައި އަދާކުރައްވަމުން ގެންދަވައިފައިވަނީ ފެމިލީ ހެލްތް އޮފިސަރުގެ މަގާމެވެ.
މި ވޭތުވެދިޔަ ދިގު މުއްދަތުގައި ޙައްވާ ޢަލީ ކުރެއްވި މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ޞިއްޙީ ގޮތުން އާންމުން ހޭލުންތެރި ކުރުވުމާއި، ގައިންގަޔަށްއަރާ ބަލިތަކާއި، ރަށުތެރޭގައި ފެތުރޭ އެކިކަހަލަ މޫސުމީ ރޯގާތައް ކޮންޓްރޯލްކޮށް، އޭރުގެ ފެންވަރުގައި ރައްޔިތުންނަށް ދެވެންހުރި ހުރިހާ ފަރުވާއެއް ދެއްވުމާއި، މެލޭރިއާ އާއި، ފައިލޭރިއާ އަދި ޓީ.ބީ. ފަދަ ނުރައްކާތެރި ބަލިބަލީގެ ޢަލާމާތްތައް ހުންނަ މީހުންގެ ސާމްޕަލް ނަންގަވައި ތަޙުލީލު ކުރުމަށް މާލެއަށް ފޮނުއްވުމާއި، އެ ބަލިބައްޔަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދެއްވުން ހިމެނެއެވެ. މީގެއިތުރުން، ރަށުގެ އާބާދީއާއި، ވިހާ މަރުވާ ބެލެހެއްޓެވުމާއި، އާންމުން ޞިއްޙީ ކަންކަމަށް ހޭލުންތެރި ކުރުވުމުގެ ގޮތުން ކޮންމެ ދުވަހަކުވެސް ރަށުގެ އެކި ގޭގެއަށް ޒިޔާރަތްކުރެއްވުމާއި، ގޭގޭގެ އާންމު ސާފުތާހިރުކަން ބައްލަވައި، އެ ގެއެއްގައި ދިރިއުޅޭ އެންމެނަށް މައުލޫމާތު ފޯރުކޮށްދެއްވުމާއި، މަދިރިފަނި އާލާވާފަދަ ތަންތަންހުރިތޯ ބައްލަވައި އެތަންތަން ނައްތައިލުމަށް އިރުޝާދު ދެއްވުމާއި، ތުއްތުކުދިންގެ ހެދިބޮޑުވުމާއި، އެކުދިންނަށް ފައިދާހުރި ކާނާ ތަޢާރުފު ކުރެއްވުމާއި، ޅައުމުރުގައި ކުދިންނަށްޖެހޭ ބަލިތަކުން ރައްކާތެރިކުރުވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ އެކިކަހަލަ މައުލޫމާތު، މައިންނަށް ފޯރުކޮށްދީ ހޭލުންތެރި ކުރުވުމާއި، މާބަނޑު މީހުން ގަވާއިދުން ބަލަހައްޓަވައި، މާބަނޑު ދުވަސްވަރު ދިމާވެދާނެ ކަންކަމަށް ހޭލުންތެރި ކުރުވުމުގެ ޕުރޮގުރާމުތައް ހިންގެވުމާއި، ހައިރިސްކް މީހުން އިތުރު ފަރުވާއަށް ރީޖަނަލް ހޮސްޕިޓަލަށް ފޮނުއްވުމުގެ މަސައްކަތްވެސް ޙައްވާ ޢަލީ ކުރައްވައިފައި ވެއެވެ.
ވެކްސިން ޕުރޮގުރާމު ހިންގެވުމާއި، ސްކޫލް ހެލްތް ޕުރޮގުރާމުގެ ދަށުން ސްކޫލްކުދިން ޞިއްޙީ ގޮތުން ހޭލުންތެރި ކުރުވުމާއި، ވިޓަމިން އޭ އާއި، ފަނީބޭސް ދެއްވުމާއި، އަދި ހެލްތު ސްކްރީނިންގ ޕުރޮގުރާމުތައް ހިންގެވުމާއި، ޢާއިލާ ރޭވުމުގެ ޕުރޮގުރާމު ހިންގެވުމާއި، ހޮޓާ ކެފޭ ރެސްޓޯރަންޓާއި، ފިހާރަތަކުގެ އިންސްޕެކްޝަންގެ މަސައްކަތް މަހަކު އެއްފަހަރު ކުރެއްވުންވެސް، ޙައްވާ ޢަލީ ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.
ޙައްވާ ޢަލީއަކީ، ޕަބްލިކު ހެލްތުގެ އެންމެހައި ކަންކަން، ޤާނޫނާއި ގަވާއިދާ އެއްގޮތަށް ކުރައްވަމުން ގެންދެވުމަށް ވަރަށްބޮޑު އިސްކަމެއް ދެއްވަމުން ގެންދަވާ ބޭފުޅެކެވެ. ތެދުވެރިކަމާއި، އަމާނާތްތެރިކަމާ އެކުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ އަދި އެހެން މުވައްޒަފުންނަށް ރީތި މިސާލެއް ދައްކަވަމުން ގެންދަވާ، ނަމޫނާ ޚިދުމަތްތެރިއެކެވެ. ޙައްވާ ޢަލީ ޚިދުމަތްކުރައްވަމުން ގެންދަވާތާ މިވީ ދިގު މުއްދަތުގެ ތެރޭގައި އެއްވެސްއިރެއްގައި މައްސަލައެއް ޖެހިގެން ފިޔަވަޅެއް އަޅުއްވައިފައި ނުވާކަން ފާހަގަކޮށްލަން ޖެހެއެވެ.
ތ. ކަނޑޫދޫ ޞީއްޙީ މަރުކަޒުގެ ފެމިލީ ހެލްތް އޮފިސަރުގެ މަގާމު، ޙައްވާ ޢަލީ ފުރުއްވަމުން ގެންދަވަނީ 15 ޖުލައި 2013 އިން ފެށިގެންނެވެ.