އަލްފާޟިލް މޫސާ މުޙައްމަދު
ހ. ރީތިނޫ

މޫސާ މުޙައްމަދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ބޭންކް އޮފް މޯލްޑިވްސްގެ މެސެންޖަރެއްގެ ވަޒީފާގައި 11 ނޮވެންބަރު 1982 ގައެވެ. ޚިދުމަތުގައި މިއަދާ ހަމައަށް ހޭދަކުރައްވައިފައިވާ 42 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ބޭންކް އޮފް މޯލްޑިވްސްގެ މެއިން ބްރާންޗް، ބާޒާރު ބްރާންޗް އަދި ހެޑް އޮފީހުގެ ސުޕަވައިޒަރ ކަމާއި، ޕަބްލިކް ރިލޭޝަންސް އަދި އެޑްމިނިސްޓްރޭޝަން ޔުނިޓުގެ ޖޫނިއަރ އޮފިސަރ ކަމާއި، ޑެޕިއުޓީ މެނޭޖަރކަން ކުރައްވައިފައި ވެއެވެ. އަދި ފެސިލިޓީސް ޔުނިޓުގެ ޑެޕިއުޓީ މެނޭޖަރ ކަމާއި، ސީނިއަރ ފެސިލިޓީސް އޮފިސަރގެ މަގާމު އަދާކުރައްވައިފައި ވެއެވެ. މިހާރު ހުންނެވީ ޕްރޮޕަޓީސް އަޕްކީޕް ޔުނިޓުގެ މެނޭޖަރގެ މަގާމުގައެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ޕްރޮޕަޓީ އަދި ފެސިލިޓީ މެއިންޓެނަންސް ބަލަހައްޓަވަމުން ގެންދަވަނީ، މޫސާ މުޙައްމަދެވެ. އަދި މޫސާ މުޙައްމަދަކީ، މެކޭނިކަލް، އިލެކްޓްރިކަލް އަދި ޕްލަމްބިންގ ސިސްޓަމްތައް ފަދަ މުހިންމު މެއިންޓެނަންސްގެ މަސައްކަތްތައް ބަލަހައްޓަވައި، ހަރުދަނާކަމާއެކު ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ބޭރުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއެކު މަސައްކަތްކުރައްވާ ބޭފުޅެކެވެ. ބޭންކް އޮފް މޯލްޑިވްސްގެ ހުރިހާ އިމާރާތްތަކެއް އެންމެ ރަނގަޅު ހާލަތުގައި ބެލެހެއްޓެވުމަކީ، މޫސާ މުޙައްމަދު ޚާއްޞަ ސަމާލުކަމެއް ދެއްވާކަމެކެވެ.

މޫސާ މުޙައްމަދު ފާހަގަކުރެވެނީ ޢަޒުމު ވަރުގަދަ، މައްސަލަތައް ޙައްލުކުރެއްވުމުގައި ފަރުވާތެރިކަމާއެކުގައި، އިސްނަންގަވައިގެން މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. ބޭންކް އޮފް މޯލްޑިވްސްގެ ޚިދުމަތުގައި ހޭދަކުރެއްވި މުއްދަތުގައި އެތަނުގެ އެއްވެސް އުސޫލަކާ ނުވަތަ ގަވާއިދަކާ ޚިލާފުވެވަޑައިގެންފައި ނުވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި މޫސާ މުޙައްމަދު ވަނީ އެކުގައި މަސައްކަތްކުރައްވާ އެހެން މުވައްޒަފުންނަށް ކަންކަން އޮޅުންފިލުވައިދެއްވުމަށާއި، މުވައްޒަފުންގެ މެދުގައި މަސައްކަތުގެ ރޫޙު އާލާކުރެއްވުމަށް ބުރަ މަސައްކަތްތަކެއް ކުރައްވައިފައެވެ. އަދި މޫސާ މުޙައްމަދު ވަނީ އޮފީހުގެ ވަޒީފާއަށް އަލަށް ގުޅޭ މުވައްޒަފުންނަށް ތަމްރީނު ދެއްވުމުގެ މަސައްކަތްވެސް ކުރައްވައިފައެވެ. ޚިދުމަތުގެ ދިގު މުއްދަތުގައި ވަނީ ޚިދުމަތްކުރުމުގައި ނަމޫނާ ދައްކަވައި، ބޭންކް އޮފް މޯލްޑިވްސްއަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވައިފައެވެ.