
ފާޠިމަތުމަނިކެ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ބޭންކް އޮފް މޯލްޑިވްސްގެ އެސިސްޓެންޓެއްގެ ވަޒީފާއިން 11 ނޮވެންބަރު 1982 ގައެވެ. ޚިދުމަތުގައި މިއަދާ ހަމައަށް ހޭދަކުރައްވައިފައިވާ 42 އަހަރުގެ ދިގު މުއްދަތުގައި ބޭންކް އޮފް މޯލްޑިވްސްގެ މެއިން ބްރާންޗްގެ ޖޫނިއަރ އޮފިސަރގެ މަގާމާއި، އޮފިސަރ، ޑިވެލޮޕްމެންޓް ބޭންކިންގ ސެލްގެ މަގާމާއި، އަދި ސީނިއަރ އޮފިސަރގެ މަގާމު އަދާކުރައްވައިފައި ވެއެވެ. މީގެއިތުރުން، ޑިވެލޮޕްމެންޓް ބޭންކިންގ ސެލްގެ މެނޭޖަރގެ މަގާމާއި، ބޭންކުގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރގެ މަގާމާއި، ޑިވެލޮޕްމަންޓް ބޭންކިންގގެ ޑިރެކްޓަރގެ މަގާމުވެސް ފުރުއްވައިފައި ވެއެވެ. ފާޠިމަތުމަނިކެ މިހާރު ހުންނެވީ އިސްލާމިކް ބޭންކިންގގެ ޑިރެކްޓަރގެ މަގާމުގައެވެ.
ފާޠިމަތުމަނިކެ ބޭންކުގައި ކުރައްވަމުން ގެންދަވާ މައިގަނޑު މަސައްކަތްތަކަކީ، ބީ.އެމް.އެލް. އިސްލާމިކް ބްރާންޗުގެ ޚިދުމަތްތައް ކުރިއެރުވުމާއި، ބީ.އެމް.އެލް. އިސްލާމިކް ސްޓްރެޓެޖީއެއް އެކުލަވައިލައި ތަންފީޒުކުރުމުގެ މަސައްކަތެވެ. އަދި ބޭންކުގައި އޮންނަ ޝަރީޢަތުގެ ލަފާދޭ ކޮމިޓީއާ ގުޅިގެން ބީ.އެމް.އެލް. އިސްލާމިކްގެ އޮޕަރޭޝަންތަކަކީ ޝަރީޢަތުގެ އުސޫލުތަކާއި، ރެގިއުލޭޓަރީ ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެމަތިން ހިންގަމުންދާ އޮޕަރޭޝަންތަކެއްކަން ކަށަވަރުކޮށްދެއްވުމަށް ފާޠިމަތުމަނިކެ މަސައްކަތް ކުރައްވަމުން ގެންދަވައެވެ. އަދި ބޭންކުގައި ޚިދުމަތް ކުރައްވައިފައިވާ މުއްދަތުގެ ތެރޭގައި ބޭންކުގެ އުސޫލުތަކާއި، ނުވަތަ ގަވާއިދުތަކާ ޚިލާފުވެގެން ފާޠިމަތު މަނިކެއަށް ފިޔަވަޅެއް އަޅުއްވައިފައި ނުވާކަން ފާހަގަކޮށްލަންޖެހެއެވެ.
ފާޠިމަތުމަނިކެއަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެކުގައި މަސައްކަތް ކުރައްވާ އެހެން މުވައްޒަފުންނަށް ކަންކަން އޮޅުންފިލުވައިދެއްވައި، މަސައްކަތުގެ ރޫޙު އާލާކޮށް ދެމެހެއްޓެވުމަށް ބުރަ މަސައްކަތްތަކެއް ކުރައްވައިފައިވެއެވެ. އަދި އޮފީހުގައި ވަޒީފާއަށް އަލަށް ގުޅޭ މުވައްޒަފުންނަށް ފާޠިމަތުމަނިކެ ތަމްރީނު ދެއްވައެވެ. ޚިދުމަތުގައި ފާއިތުވި ދިގު މުއްދަތުގައި، ފާޠިމަތުމަނިކެ ވަނީ އެހެން މުވައްޒަފުންނަށް ނަމޫނާ ދައްކަވައި، ހީވާގިކަމާއެކު ބޭންކަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވައިފައެވެ.